ގައުމީ އެއާލައިން މޯލްޑިވިއަންގެ ފަސްވަނަ އޭޓީއާރު މަތިންދާ ބޯޓު ރާއްޖެ އަންނަން ދަތުރު ފަށައިފިއެވެ.
މޯލްޑިވިއަނުން ގެންނަނީ، އޭޓީއާރް 600-42 މަރުކާގެ ބޯޓެކެވެ. މޯލްޑިވިއަނުން މިއަދު ބުނީ އެ އޭޓީއާރު ބޯޓު، މިހާރު ފްރާންސްގެ ޓޫލޫޒްއިން ދަތުރު ފަށައިފައިވާ ކަމަށެވެ. މީގެ އިތުރުން އަދި އިތުރު ތިން މަންޒިލަކަށް މި ބޯޓު ޖައްސާނެއެވެ.
އެއީ ގްރީސްގެ ހެރަކްލިއަން އާއި އިތުރު ދެ މަންޒިލަކެވެ. ރާއްޖެއަށް އަންނާނެ ސީދާ ތާރީހެއް މޯލްޑިވިއަނުން ހާމަކޮށްފައެއް ނުވެއެވެ.
މޯލްޑިވިއަނުގެ ފްލީޓުގައި މިހާރު ވެސް ހަތަރު އޭޓީއާރް ބޭނުންކުރެއެވެ. އެއީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި ޖެނުއަރީ 2023ގައި ގެނައި އޭޓީއާރު-72ގެ ދެ ބޯޓާއި، އެ އަހަރުގެ އޭޕްރީލްގައި ގެނައި އޭޓީއާރު-42 ބޯޓަކާއި، މި ވެރިކަމުގައި މިދިޔަ އަހަރުގެ މެއި މަހު ގެނައި އޭޓީއާރު-42ގެ ބޯޓެކެވެ.
މީގެ ކުރިން މޯލްޑިވިއަނުން ބުނި ގޮތުގައި، އެ ކުންފުނީގެ އަމާޒަކީ ޑޮމެސްޓިކް ދަތުރުތަކަށް ބޭނުންކުރާ ބޯޓް ފްލީޓު، ޑޭޝް މަރުކާއިން، އޭޓީއާރަށް ބަދަލުކުރުމެވެ.