މޯލްޑިވިއަންގެ ބައިނަލްއަގްވާމީ ދަތުރުތައް އާ ޓާމިނަލަށް، ފުރަތަމަ ދަތުރުތައް އިންޑިއާ އަދި ޗައިނާއަށް

މޯލްޑިވިއަންގެ ބައިނަލްއަގްވާމީ ދަތުރުތައް އާ ޓާމިނަލަށް ބަދަލުކޮށްފި: ފުރަތަމަ ދަތުރުތައް އިންޑިއާ އަދި ޗައިނާއަށް -- ފޮޓޯ/ މޯލްޑިވިއަން

ގައުމީ އެއާލައިން މޯލްޑިވިއަންގެ ބައިނަލްއަގްވާމީ ދަތުރުތައް ރޭ ހުޅުވި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ އިންޓަނޭޝަނަލް ޓާމިނަލަށް ބަދަލުކޮށް ދަތުރުތައް ފަށައިފިއެވެ.

މޯލްޑިވިއަންގެ ދަތުރުތައް އާ ޓާމިނަލަށް ބަދަލުކުރިއިރު މިއީ އެ ޓާމިނަލް ބޭނުންކުރާ ފުރަތަމަ އެއާލައިން ވެސްމެއެވެ.

'ސަން' އަށް މައުލޫމާތު ދެމުން މޯލްޑިވިއަންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ އެއާލައިންގެ ބައިނަލްއަގްވާމީ ދަތުރުތައް މިހާރު އާ ޓާމިނަލަށް ބަދަލުކޮށް ދަތުރުތައް މިއަދު ފަށާނެ ކަމަށެވެ. އެގޮތުން ފުރަތަމަ ފްލައިޓް މިއަދު މެންދުރުފަހު 14:00 ގައި އިންޑިއާގެ ކޮޗިންއިން ދަތުރު ފަށައިގެން އައިސް އެ ޓާމިނަލަށް ޖައްސާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މޯލްޑިވިއަންގެ ބައިނަލްއަގްވާމީ ދަތުރުތައް އާ ޓާމިނަލަށް ބަދަލުކޮށްފި: ފުރަތަމަ ދަތުރުތައް އިންޑިއާ އަދި ޗައިނާއަށް -- ފޮޓޯ/ މޯލްޑިވިއަން

ކޮޗިންގެ އިތުރުން އިންޑިއާގެ ބެންގަލޫރު އަދި ޗައިނާގެ މަންޒިލުތަކަށް ވެސް އާ ޓާމިނަލުން ދަތުރުތައް ކުރާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

އަދި އެންމެ ފުރަތަމަ އެ އެއާލައިނުން އާ ޓާމިނަލުން ކުރާ ދަތުރުތައް ކުރަނީ މޯލްޑިވިއަންގެ ފްލީޓަށް އަލަށް ގެނައި އޭ330 މަރުކާގެ ބޯޓުން ކަމަށް ވެސް މޯލްޑިވިއަނުން ބުންޏެވެ.

މޯލްޑިވިއަންއިން ބުނި ގޮތުގައި އެ އެއާލައިންގެ ހުރިހާ ބައިނަލްއަގްވާމީ ދަތުރުތައް ކުރާނީ އައު ޓާމިނަލް އެކަކުންނެވެ. އެހެންކަމުން މޯލްޑިވިއަންގެ ބައިނަލްއަގްވާމީ ދަތުރުތައް ކުރާ ފަސިންޖަރުން ޓާމިނަލް އެކަކަށް އައުމަށް ވަނީ އެދިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އާ ޓާމިނަލުން ކުރާ ފުރަތަމަ ތާރީޚީ ދަތުރުތަކުގައި ޚިދުމަތްދޭ ކްރޫއިން މިއަދު ތިބީ ދިވެހި ހެދުމުގައެވެ.

ބައިނަލްއަގުވާމީ 30 އެއާލައިނަކުން ރާއްޖެއަށް މިހާރު ދަތުރުތައްކުރާއިރު، އެހެނިހެން އެއާލައިންތަކުގެ ދަތުރުތައް ވެސް ވަރަށް އަވަހަށް އާ ޓާމިނަލުން ކުރަން ފަށާނެއެވެ.

ދިގު އިންތިޒާރަކަށް ފަހު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ބައިނަލްއަގުވާމީ ޓާމިނަލް ރޭ ހުޅުވިއިރު، އާ ޓާމިނަލް ފަރުމާކޮށްފައިވަނީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ޒަމާނީ ގިނަ ވަސީލަތްތަކާއެކު، އާ ޚިދުމަތްތައް ވެސް ހިމެނޭގޮތަށް ހުޅުވި އާ ޓާމިނަލްގެ ބޭރުން ފެންނަންހުރި ފާރުތައް ފަރުމާކޮށްފައިވަނީ ޤަދީމީ ޒަމާނުގެ މިސްކިތްތަކުގެ ފާރުގައި ހުންނަ ގޮތަށް ހިރިގަލުގެ ކުރެހުންތައް އަސްލަކަށް ބަލައިގެންނެވެ. މީގެ އިތުރުން ޓާމިނަލްގެ ބޭރުން ބަލާއިރު ސިފަ ވަނީ ކަނޑުން ނަގާ ރާޅުތަކެވެ. އެއާޕޯޓުގެ އެތެރެ ވެސް ފަރުމާކޮށްފައި ވަނީ، ދިވެހި ވަންތަކަށް ދައްކުވައިދޭ ގޮތަކަށެވެ. އެއާޕޯޓުގައި މައިގަނޑުގޮތެއްގައި ބޭނުންކޮށްފައި ހުރީ ނޫކުލައާއި ހުދުކުލައެވެ.

ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ސައޫދީ ފަންޑުގެ ދަށުން ގާތްގަނޑަކަށް 5.3 ބިލިއަން ރުފިޔާ އަށް ސައޫދީ އަރަބިއްޔާގެ ބިން ލާދިން ކުންފުންޏާ ހަވާލުކުރީ 2016ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

އޭގެ ފަހުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި އާ ޓާމިނަލްގެ މަޝްރޫއު ކުރިއަށް ގެންދިޔައީ އިމާރާތުގެ ފަރުމާއަށް ބަދަލު ގެނައުމަށް ފަހުގައެވެ. އެގޮތުން އިމާރާތުގެ ފަރުމާއަށް ބަދަލު ގެނެސް މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި 386 މިލިއަން ރުފިޔާގެ ކްރެޑިޓް ލައިނެއް ނަގާފައިވެއެވެ.

އެއަށްފަހު މި ސަރުކާރު ހަވާލުވުމުގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު އަބޫދާބީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅެއްގައި 1.2 ބިލިއަން ރުފިޔާ ހަމަޖައްސައި، ޓާމިނަލްގެ މަސައްކަތްތައް މި ވަނީ ނިންމާލައިފައެވެ.

އެހެންކަމުން އާ ޓާމިނަލްގެ މުޅި މަޝްރޫއަށް ގާތްގަނޑަކަށް ހަތް ބިލިއަން ރުފިޔާ ވަނީ ޚަރަދުވެފައެވެ.

comment ކޮމެންޓް