ރާއްޖޭގެ ވެސް ވޯޓާއެކު ފަލަސްތީނަށް އައިއެލްއޯގެ އޮބްޒާވަރުކަން ލިބިއްޖެ

އައިއެލްއޯގެ 113ވަނަ ސެޝަންގައި ބައިވެރިވުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު މި ވަގުތު ޖެނީވާގައި ހުންނެވިއިރު، މިނިސްޓަރު ވަނީ ފަލަސްތީނުގެ ވަފުދާ ބައްދަލުކުރައްވައިފައި --

ރާއްޖޭގެ ވެސް ވޯޓާއެކު ފަލަސްތީނަށް އިންޓަނޭޝަނަލް ލޭބާ އޮގަނައިޒޭޝަން (އައިއެލްއޯ)ގެ އޮބްޒާވަރުކަން މިއަދު ލިބިއްޖެއެވެ.

އައިއެލްއޯއަކީ މަސައްކަތްތެރިންނަށް، އިޖްތިމާއީ، އިގްތިޞާދީ ހަމަހަމަކަމާއި، އިންސާފު ގާއިމްކުރުމަށް ބާރުއަޅަން ގޮވައިލައި، މަސައްކަތްތެރިންނާ ގުޅޭ ބައިނަލްއަގްވާމީ މިންގަނޑުތަކާއި، އުސޫލުތައް އެކުލަވައިލާ އދ.ގެ އެޖެންސީއެކެވެ. މިއީ 1919ވަނަ އަހަރުގެ އޮކްޓޯބަރުގައި ވުޖޫދުވި، އދ. ގެ އެންމެ ގިނަ ދުވަސްވީ އެއް އެޖެންސީއެވެ.

އައިއެލްއޯގައި 187 ގައުމަކުން، ސަރުކާރުގެ އިސްވެރިންނާއި، ވަޒީފާދޭ މީހުންނާއި، މަސައްކަތްތެރިން މެންބަރުންގެ ގޮތުގައި ހިމެނެއެވެ.

ޖެނީވާގައި، މި މަހުގެ ދެވަނަ ދުވަހުން ފެށިގެން މިހާރު އަންނަނީ އައިއެލްއޯގެ ބައިނަލްއަގްވާމީ ލޭބާ ކޮންފަރެންސްގެ 113ވަނަ ސެޝަން ކުރިއަށް ދަމުންނެވެ. މި ސެޝަން މި މަހުގެ 13ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

އެއާއެކު، މިއަދު ވަނީ ރާއްޖޭގެ ވޯޓު ހިމެނޭހެން 386 ވޯޓާއެކު، ފަލަސްތީނަށް ރަސްމީކޮށް އައިއެލްއޯގެ އޮބްޒާވާ ދަރަޖަ ލިބިފައެވެ.

މިއީ ބައިނަލްއަގްވާމީ މަސައްކަތުގެ ބާޒާރުގައި ފަލަސްތީނު މަސައްކަތްތެރިންގެ ހައްގުތައް ބަލައިގަނެ، ކުރިއެރުވުމަށް ލިބުނު ބާރެކެވެ.

އައިއެލްއޯގެ 113ވަނަ ސެޝަންގައި ބައިވެރިވުމަށް ރާއްޖެއިން ދިޔަ ވަފުދާއި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު --

ދިވެހި ސަރުކާރުން ބުނި ގޮތުގައި، މި ނިންމުން ފާސްވުމުގައި ރާއްޖެއިން ފަލަސްތީނާއެކު ތިބިތިބުމާމެދު ދިވެހި ސަރުކާރުގެ ވަފުދު ފަޚުރުވެރިވެއެވެ.

ސެޝަންގައި ބައިވެރިވުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު މި ވަގުތު ޖެނީވާގައި ހުންނެވިއިރު، މިނިސްޓަރު ވަނީ ފަލަސްތީނުގެ ވަފުދާ ބައްދަލުކުރައްވައި، އަދުލުގެ މަގަށް، ރާއްޖޭގެ ފަރާތުން އަބަދުވެސް ތާއީދާއި އެއްބާރުލުން ލިބޭނެކަން ފާހަގަކުރައްވައިފައެވެ.

comment ކޮމެންޓް