މި އަހަރުގެ އޭޕްރީލް މަހު ސިނަމާތަކަށް ގެނައި އެކްޓަރު ސަނީ ޑިއޯލްގެ ފިލްމު "ޖާޓް" ނެޓްފްލިކްސްގައި ސްޓްރީމްކުރަން ފަށައިފިއެވެ.
މިދިޔަ ބުދަ ދުވަހު ފިލްމު "ޖާޓް" ނެޓްފްލިކްސްގައި ޕްރީމިއާ ކުރަން ފެށިކަން ސަނީ ވަނީ އަމިއްލަ ސޯޝަލް މީޑިއާ މެދުވެރިކޮށް ސަޕޯޓަރުންނަށް އަންގާފައެވެ.
ނެޓްފްލިކްސްގައި މި ފިލްމު ސްޓްރީމްކުރަން ފަށާފައިވާއިރު ފިލްމު ގެނެސްދެނީ ހިންދީ ބަހުންނާއި ތެލުގޫ ބަހުންނެވެ. މައިތިރީ މޫވީސް އާއި މީޑިއާ ފެކްޓަރީ ގުޅިގެން ގެނެސްދިން މި އެކްޝަން ތުރިލާގެ ޑައިރެކްޓަރަކީ ގޯޕީޗާންދު މަލީނެނީއެވެ.

ސަނީ ފިލްމު "ޖާޓް"ގެ މަންޒަރެއްގައި--ފޮޓޯ/ޓެލެގްރާފްއިންޑިއާ
ސަނީގެ ވަރަށް ވަރުގަދަ އެކްޝަން ސީންތަކެއް ބެލުންތެރިން ތަޖުރިބާ ކުރާނެ މި ފިލްމުގެ މުހިއްމު ތަރިންގެތެރޭ ކުޅަދާނަ އެކްޓަރު ރަންދީޕް ހޫޑާ، ވިނީތު ކުމާރު ސިންގް، ސައިޔާމީ ހޭރު، ތަމަޅަ އަދި ތެލުގޫ ފިލްމުތަކުން ފެނިފައިވާ ބަތަލާ ރެޖީނާ ކެސެންޑަ ހިމެނެއެވެ.
ޖުމްލަ 100 ކްރޯޑު ރުޕީސްގެ ބަޖެޓަކުން އުފެއްދި މި ފިލްމަށް ބޮކްސް އޮފީހުގައި ލިބުނު ތަރުހީބާ އެކު ފިލްމުގެ ދެވަނަ ބައެއް ގެނެސްދޭނެކަން ވެސް ވަނީ އިއުލާނުކޮށްފައެވެ.
މި ފިލްމު ރިލީޒްކުރުމަށްފަހު ސިނަމާތަކުން ނެގިއިރު އެކި ޤައުމުތަކުގައި ފިލްމު ދައްކައިގެން ލިބުނު އާމްދަނީގެ އަދަދު 119 ކްރޯޑު ރުޕީސް (14.25 މިލިއަން އެމެރިކާ ޑޮލަރަ)ށް އަރައެވެ.
ކެރިއަރުގެ ވަރަށް ކުރީކޮޅު ވަރުގަދަ އެކްޝަން ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސްދިން ސަނީގެ އެންމެފަހުން ރިލީޒްވި ފިލްމަކީ 2023 ވަނަ އަހަރު ގެނެސްދިން ފިލްމު "ގަދަރު 2"އެވެ. ސަނީގެ ކުރިއަށް ހުރި ފިލްމުތަކުގެތެރޭ "ލާހޯރު 1947"، "ބޯޑާ 2" އަދި ރަސްމީކޮށް އިއުލާނު ނުކުރާ ތިން ފިލްމެއް ހިމެނެއެވެ.