ބޮލީވުޑްގެ އެކްޓަރު ރާޖްކުމާރު ރާއޯ ގޭންގްސްޓާއެއްގެ ރޯލް ކުޅެފައިވާ ފިލްމު "މާލިކު"ގެ ޓީޒާ ބެލުންތެރިންނަށް ދައްކާލައިފިފއެވެ.
ކުރިއަށް އޮތް ޖުލައި މަހުގެ 11 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ ފިލްމު "މާލިކު"ގައި ރާޖް ފެންނާނެ ގޮތް ދައްކާލިއިރު މި ފިލްމުގެ ހީރޯ އަކީ ވެސް ޚުދު ރާޖްއެވެ. ކާމިޔާބު ގިނަ ފިލްމުތަކެއް ސިނަމާތަކަށް ގެނެސްދީފައިވާ ރަމޭޝް ތައުރާނީ ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ޕުލްކިތުއެވެ.
ފިލްމުގައި ރާޖް ފެންނާނީ 1988ގައި އިންޑިއާގެ އަލާހްއާބާދުގައި ހަރަކާތްތެރިވި ވަރަށް ނުރައްކާތެރި ގޭންގްސްޓާއެއްގެ ރޯލްއިންނެވެ.
އާއްމުކޮށް ހެއްވާ މަޖާ ރޯލްތަކުން ފެނިފައިވާ އެކްޓަރު މުޅިން ތަފާތު ގޮތަކަށް ދައްކައިލި މި ފިލްމުގެ ޓީޒާއާއެކު ބެލުންތެރިން އިންތިޒާރުކުރަމުން އަންނަނީ މިހާރު ފިލްމު ސިނަމާތަކަށް ގެންނާނެ ދުވަހަކަށެވެ.

ރާޖް ބަތަލާ ޝްރައްދާ ކަޕުރާ އެކު ފިލްމު "އިސްތިރީ"ގެ މަންޒަރެއްގައި--ފޮޓޯ/ހިންދުސްތާންޓައިމްސް
ފިލްމުގައި އެކްޓަރު ފެންނާނީ ދާދިފަހުން ރިލީޒްކުރި އޭނާގެ ފިލްމު "ބޫލް ޗަކް މާފް"އާ މުޅިން ތަފާތު ރޯލަކުންނެވެ. އިންޑިއާގެ ނެޝަނަލް ފިލްމު އެވޯޑެއް ވެސް ހާސިލުކޮށްފައިވާ ރާޖްއަކީ ވަރަށް އާދައިގެ ރޯލްތައް ކުޅެ ބެލުންތެރިންގެ މަގުބޫލުކަން ހޯދި އެކްޓަރެކެވެ.
ރާޖްގެ ކެރިއަރުގެ އެންމެ މަގުބޫލު ފިލްމުތަކުގެތެރޭ، ކާމިޔާބު ފިލްމުތަކެއް މިހާރު ގެނެސްދެމުން އަންނަ މެޑްޑޮކް ފިލްމްސްގެ "އިސްތިރީ" ހިމެނެއެވެ.
މީގެއިތުރުން ފިލްމު "ތަލާޝް"، "ކައި ޕޯ ޗޭ"، "ޝާހިދު"، އަދި "ކުއީން" ހިމެނެއެވެ. ރާޖްގެ އެންމެ ފަހުން ރިލީޒްކުރި ފިލްމު "ބޫލް ޗަކް މާފް"އަކީ ވެސް މެޑްޑޮކް ފިލްމްސްއިން ދިނޭޝް ވީޖަން ޕްރޮޑިއުސްކޮށް ގެނެސްދިން ފިލްމެކެވެ.