ތިން މަސްތެރޭ ހުރިހާ އަތޮޅެއްގައި ޑައިލިސިސްގެ ޚިދުމަތް ގާއިމްކުރަނީ

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް: ވިދާޅުވީ ސެޕްޓެންބަރުގެ ނިޔަލަށް ކޮންމެ އަތޮޅެއްގައި ވެސް ޑައިލިސިސް ސެންޓަރެއް ހުންނާނެ ކަމަށް --- ފޮޓޯ/ ރައީސް އޮފީސް

މި އަހަރުގެ ސެޕްޓެންބަރުގެ ނިޔަލަށް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ވެސް މަދުވެގެން އެއް ޑައިލިސިސް ސެންޓަރު ހުންނާނެ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ނާޒިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއްގައި ނާޒިމް ވިދާޅުވީ، ކިޑްނީ ޕޭޝަންޓުން ގިނަ ސަރަހައްދުތަކުގައި ޑައިލިސިސްގެ ޚިދުމަތް ފަސޭހައިން ހޯދޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ރައްޔިތުން ރައީސްގެ އަރިހުގައި އެދިފައިވާ ކަމަށެވެ.

އެހެންކަމުން، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ވެސް ޑައިލިސިސް ސެންޓަރެއް ގާއިމްކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑުމެން އަމާޒު ހިފީ، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޑައިލިސިސް ސެންޓަރެއް ހުންނާނޭ. މި އަހަރުގެ ސެޕްޓެންބަރާ ހަމައަށް ދާއިރު، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑައިލިސިސް އެއް ސެންޓަރު މަދުވެގެން ހުންނާނެ" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ޑައިލިސިސްގެ ފަރުވާ ބޭނުންވާ މީހުން ގިނަ ހިސާބުތައް ބެލުމަށްފަހު، އެ ތަންތަނުގައި އެ ޚިދުމަތް ފުޅާ ކުރުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި، އެ ކަންކަން ހައްލުކޮށްދިނުން ކަމަށެވެ.

ރާއްޖޭގައި މިހާރު ޑައިލެސިސްގެ ޚިދުމަތް ނުފެށި އޮތީ ފަސް އަތޮޅެއްގައެވެ. އެއީ، އއ. އަތޮޅާއި އދ. އަތޮޅާއި ވ. އަތޮޅާއި ފ. އަތޮޅުގެ އިތުރުން ދ. އަތޮޅުގައެވެ.

ސަރުކާރުގެ އަމާޒަކީ، އެ ޚިދުމަތަށް ބޭނުންވެފައިވާ ގިނަ ބަޔަކު ދިރިއުޅޭ ރަށްތަކަށް ޚިދުމަތް ފޯރުކޮށްދީ، ކޮންމެ ރައްޔިތަކަށް އަމިއްލަ ރަށުގައި ހުރެގެން ސިއްހީ ޚިދުމަތް ހޯދޭނެ މަގު ތަނަވަސްކޮށްދިނުމެވެ.

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ސެޕްޓެމްބަރުގެ ނިޔަލަށް ޑައިލިސިސްގެ ޚިދުމަތް ފަށަން ނިންމާފައި ވާއިރު، ހުޅުމާލޭ ހޮސްޕިޓަލުގައި 30 އެނދުގެ ޑައިލިސިސް ސެންޓަރެއް ހަދަން ވެސް ސަރުކާރުން ވަނީ ދާދި ފަހުން ހަވާލުކޮށްފައެވެ.

މި މަސައްކަތް މި އަހަރުގެ ފެބްރުއަރީ މަހު މެޑްޓެކްއާ ހަވާލުކުރީ 90 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

https://sun.mv/196513

މިދިޔަ ސެޕްޓެމްބަރު މަހު ހެލްތު މިނިސްޓްރީން ވަނީ، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ޑައިލިސިސްގެ ޚިދުމަތްދޭ ތަންތަނުގެ މިންގަނޑެއް އާންމުކޮށްފައެވެ.

ހެލްތް މިނިސްޓްރީން ބުނީ، މި ސްޓޭންޑާޑްގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ޑައިލިސިސްގެ ޚިދުމަތް ފޯރުކޮށްދޭ އެންމެހައި މަރުކަޒުތަކުގައި ހުންނަންޖެހޭ މިންގަނޑުތަކާއި، ފަރުވާ ދިނުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައެޅުން ކަމަށެވެ. އަދި، ރާއްޖޭގެ ހުރިހާ ޑައިލިސިސް މަރުކަޒުތަކެއްގައި ވެސް އެއް ފެންވަރެއްގެ ފަރުވާއެއް ފޯރުކޮށްދޭކަން ކަށަވަރުކުރުން ކަމަށެވެ.

comment ކޮމެންޓް