ބަނޑަށް ހޮޅިލައްވައިގެން ހަދާ ޑަޔަލިސިސްގެ ހިދުމަތް ރާއްޖޭގައި އަލަށް އަޖީއެމްއެޗުގައި ފަށައިފި

ޓެންކޮފް ޕެރިޓޯނިއަލް ޑަޔަލިސިސް ކެތީޓަރު ލެއްވުމުގެ އޮަޕަރޭޝަން: މިއީ ރާއްޖޭގައި މުޅިން އަލަށް މި ހިދުމަތް ފެށުނު ފަހަރު---ފޮޓޯ: މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުލްރައްޒާގު ހަލީމް

ބަނޑަށް ހޮޅިލައްވައިގެން ހަދާ ޑަޔަލިސިސްގެ ޚިދުމަތް ރާއްޖޭގައި އަލަށް އަޖީއެމްއެޗުގައި ފަށައިފި ކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުލްރައްޒާގު ހަލީމް އިއްޔެ ވިދާޅުވެއްޖެއެވެ.

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ހަލީމް ވިދާޅުވީ މިހާރު އެ ހޮސްޕިޓަލުން މުޅިން އަލަށް ޕެރިޓޯނިއަލް ޑަޔަލިސިސްއަށް ބޭނުންކުރާ މޭގެ ކެތީޓަރު ލެއްވުމުގެ ޚިދުމަތް ތައާރަފްކޮށްފައިވާ ކަމަށެވެ.

މި ޚިދުމަތަކީ ބަލިމީހާއަށް އަމިއްލަ ރަށުގައި، އަމިއްލަ ގޭގައި، އެއްވެސް ވޭނަކާ ނުލައި، އަދި މެޝިނެއް ބޭނުންނުކޮށް ރައްކާތެރިކަމާއެކު ކުރެވޭ ކަމެއް ކަމަށް ހަލީމް ވިދާޅުވިއެވެ.

އެއާއެކު، އޭނާ ވަނީ އައިޖީއެމްއެޗްގައި ޕެރިޓޯނިއަލް ޑަޔަލިސިސްގެ ޚިދުމަތް ފޯރުކޮށްދޭތާ 18 މަސްދުވަސް ފުރިހަމަވެއްޖެކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، މި މަހުގެ ކުރީކޮޅު، ފުރަތަމަ ޓެންކޮފް ޕެރިޓޯނިއަލް ޑަޔަލިސިސް ކެތީޓަރު ލެއްވުމުގެ ކާމިޔާބު އޮޕަރޭޝަނެއް ކުރެވުނުކަމަށް ވެސް ހަލީމް ވިދާޅުވިއެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ސާޖަރީ، ޔޫރޮލޮޖީ، އެނެސްތީޝިއާ އަދި ނެފްރޮލޮޖީގެ ދާއިރާތަކުން ތަމްރީނު ލިބިފައިވާ ޚާއްޞަ ދިވެހި ޑޮކްޓަރުންގެ ޓީމަކުންކަން އޭނާ ފާހަގަކުރެއްވިއެވެ.

މިހާރު މި ޚިދުމަތާ ގުޅުންހުރި އިތުރު ތަމްރީނު ޕްރޮގްރާމްތައް އައިޖީއެމްއެޗްގައި ކުރިއަށްދާކަމަށް ވެސް ހަލީމް ފާހަގަކުރެއްވިއެވެ.

މި ކުރިއެރުމަކީ ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާއަށް ލިބުނު ވަރަށް މުހިންމު އަދި ފާހަގަކޮށްލެވޭ ކުރިއެރުމެއްގެ ގޮތުގައި އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގައި ޑައިލިސިސް ބޭނުންވާ ބަލިމީހުންގެ އަދަދު އިތުރުވަމުންދާއިރު، ސަރުކާރުގެ ސިއްހީ ނިޒާމުން އަންނަނީ އާ ވަސީލަތްތަކާއި ހިދުމަތްތަކުގެ ތެރެއިން މި ބައްޔަށް ފަރުވާ ލިބޭނެ ގޮތް ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް