ސަގާފީ ހަރަކާތްތަކާއެކު ބ. ދަރަވަންދޫން ޓޫ އޮފް އަސް ބޭންޑަށް ހޫނު މަރުހަބާއެއް މިއަދު ކިޔައިފިއެވެ.
ދަރަވަންދޫގައި މިރޭ އީދު ޝޯ ދިނުމަށް ހަމަޖެހިފައި ވަނީ ޓޫ އޮފް އަސް ބޭންޑުންނެވެ.
މިބޭންޑުގެ ފަސް މެމްބަރުން އެރަށަށް ދިއުމުން މަރުހަބާކީ ދަރަވަންދޫ އަންހެން ކަނބަލުންގެ ސަގާފީ ނެށުމަކުންނެވެ.
އެ ބޭންޑަށް މަރުހަބާ ދެންނެވުމަށް ތުއްތު ކުދީން ސަގާފީ ހެދުމުގައި ދަރަވަންދޫ ބަނދަރަށް ގެންދިޔައިރު އަންހެން ކަނބަލުންގެ ފަތިގަނޑު ޖެހުމާއި ދަނޑިޖެހުމުގެ ފަރި ހަރަކާތްތަށް ވަނީ އެ ބޭންޑަށް މަރުހަބާ ކިޔުމުގެ ގޮތުން ދައްކާލާފައެވެ.
ޓޫ އޮފް އަސް ބޭންޑުން ދަރަވަންދޫގައި މިރޭ ޝޯ ދޭއިރު އެ ޝޯ ފެށުމަށް ހަމަޖެހިފައި ވަނީ މިރޭގެ 21:00 ގައެވެ.
މި ޝޯ އެސްއެސް ޓީވީއިން ލައިވްކުރާއިރު ދަރަވަންދޫގައި ތިބި ރައޔިތުންގެ އިތުރުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް އެސްއެސް ޓީވީ އަދި ސަން ޕްލޭ މެދުވެރިކޮށް މި ޝޯ ލައިވްކޮށް ބަލާލެވޭނެއެވެ.
މި އަަހަރު ދަރަވަންދޫ ބޮޑު އީދު ކުޅިވަރުގެ މީޑިއާ ޕާޓްނަރަކީ އެސްއެސް މީޑިއާއެވެ.
އަޟްހާ އީދު ފެށިފައިވާއިރު އީދާ ގުޅުވައިގެން ދަރަވަންދޫގައި ކުޅޭ ކުޅިވަރުތައް އެސްއެސް ޓީވީގެ އިތުރުން ސަން ޕްލޭ އެޕް މެދުވެރިކޮށް ބެލުންތެރިންނަށް ލައިވްކޮށް ބަލައިލެވޭނެއެވެ.