އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ މީހަކު މަރުވި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މިކަމާ ގުޅިގެން ފުލުހުން މީޑިއަތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، މިއަދު ހެނދުނު 06:00ހާއިރު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ މީހަކު މަރުވި މައްސަލައެއް 08:28 ހާއިރު ރިޕޯޓުކޮށްފައި ވާކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް، މިކަމާ ގުޅޭ އިތުރު މައުލޫމާތު ފުލުހުން ހާމައެއް ނުކުރެއެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ އޭނާ ހޮސްޕިޓަލަށް ގެނައި އިރުވެސް އޮތީ މަރުވެފައި ކަމަށެވެ.
އައްޑޫ ކައުންސިލުން "ސަން"އަށް މައުލޫމާތު ދިން ގޮތުގައި މަރުވެފައި ވަނީ، އައްޑޫއަށް ނިސްބަތްވާ 27 އަހަރުގެ ފިރިހެނެކެވެ. އޭނާ މަސައްކަތް ކުރަނީ އައްޑޫ ވެމްކޯގައެވެ.
ކައުންސިލުން ބުނީ، އޭނާގެ މަރުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަނީ ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން ކަމަށެވެ. ނަމަވެސް އިތުރު މައުލޫމާތެއް ހިއްސާއެއް ނުކުރެއެވެ.