ސައުދީގެ ވަލީއަހުދާ ރައީސް ބައްދަލުކުރައްވައިފި

ސައުދީގެ ވަލީއަހުދާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވަނީ --

ސައުދީ އަރަބިއްޔާގެ ވަލީއުލް އަހުދު އަދި އެގައުމުގެ ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން އަލް ސައުދާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވައިފިއެވެ.

ރައީސް މިވަގުތު ހުންނެވީ ސައުދީ އަރަބިއްޔާގެ ރަސްގެފާނުގެ ދައުވަތަކަށް ހައްޖަށް ވަޑައިގެން އެ ގައުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ގުޅުން ހަރުދަނާ ކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

މިއަދު ސައުދީ ރަސްގެފާނު އަދި ދެ ހަރަމްފުޅުގެ ވެރިޔާ ސަލްމާން ބިން އަބްދުލް އަޒީޒުގެ ފަރާތްޕުޅުން ސައުދީގެ ވަލީއުލް އަހުދު ވަނީ އީދު ދުވަހުގެ އުފަލުގައި މިނާ ޕެލެސްގައި ހަފުލާއެއް ބާއްވައިފައެވެ. މި ހަފުލާގައި މިއަހަރު ހައްޖަށް ވަޑައިގެން އެކި ގައުމުތަކުގެ އިސްވެރިންނާއި ދީނީ ގޮތުން ފާހަގަކޮށްލެވޭ ބޭބޭފުޅުން އަދި ހައްޖު މިޝަންތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވިއެވެ. މި ހަފުލާގައި ވެސް ރައީސް މުއިއްޒު ބައިވެރިވެ ވަޑައިގަތެވެ.

މި ސަރުކާރުން ދާދި ފަހުން ވަނީ، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްގެ މަޤާމަށް، ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން އައްޔަން ކުރައްވާފައެވެ.

ރައީސް ވަނީ ރާއްޖޭގެ ޚާރިޖީ ގުޅުން ވަރުގަދަ ކުރުމަށް ސަރުކާރާއެކު މަސައްކަތްކޮށްދެއްވުމަށް ކުރީގެ ރައީސް ވަހީދުގެ އަރިހުން އެދިވަޑައިގެންނެފައެވެ.

މީގެ ކުރިން ރާއްޖޭގައި ވެރިކަން ކުރެއްވި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އިބްރާހީމް މުހައްމަދު ޞާލިހާ ވެސް ސައުދީގެ ވަލީއަހުދު ވަނީ ބައްދަލު ކުރައްވާފައެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ހަޔާތުނާމަގައި މި ދެ ބޭފުޅުން ސައުދީގެ ވަލީއަހުދާ ބައްދަލުކުރެއްވުން ތަފުސީލުކޮށް ލިޔުއްވާފައި ވެއެވެ.

އެގޮތުން، ކުރީގެ ރައީސް ޞާލިހާއެކު ގާސިމް ވެސް އެ ދަތުރުގައި ބައިވެރިވިކަން ފާހަގަކޮށް ލިޔެފައި ވަނީ، ޔާމީނަށް ވަލީއަހުދު މުހައްމަދުގެ ފަރާތުން ގިނަ ފައިސާގެ އެހީތަކެއް ވެދެއްވި ކަމަށެވެ.

އަދި އެ އެހީތެރިކަން ޞާލިހަށް ވެސް ވެދެއްވާނެ ކަމަށް ވިދާޅުވިކަމަށް ވެއެވެ. ނަމަވެސް، އެ އެހީ ލިބިފައި ވާކަން ނުވަތަ ނޫންކަން އެ ފޮތުގައި ބަޔާންކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް