ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރެއްވި ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ 'ޕްރިންސް'އާ ބެހޭގޮތުން ސުވާލު އުފެދިފައިވަނިކޮށް އެކަމާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ޖަވާބުދާރީވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިނުގަތީ މަސައްކަތެއް އޮތުމުން ކަމަށް މަޖިލީހުގެ ރިޔާސަތުން އިއުލާނުކުރައްވައިފިއެވެ.
މިދިޔަ މަހުގެ ދެވަނަ ދުވަހު، މިނިސްޓަރާ އެ ސުވާލުކުރެއްވުމަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.
އެފަދައިން ސުވާލު ހުށަހަޅާފައިވަނީ، ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ 'ޕްރިންސް'އަކާ ރައީސް މުއިއްޒު ބައްދަލުކުރެއްވި ކަމަށް ބުނެ ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއުކުރި ޚަބަރާއި އާންމުކުރި ފޮޓޯތައް ވެސް އެ ވެބްސައިޓުން 'ގެއްލިފައި'ވަނިކޮށެވެ.

މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް -- ފޮޓޯ/ މަޖިލީސް
މިއަދުގެ މަޖިލީހުގެ ޖަލްސާގައި އޮތީ އެ ސުވާލު އެޖެންޑާކޮށްފައެވެ. ނަމަވެސް, މިނިސްޓަރަށް ވަޑައިނުގެންނެވޭތީ އެ ސުވާލު އެހެން ތާރީޚަކަށް ވަނީ ފަސްކޮށްފައިވާކަން ހާމަކުރެއްވީ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ.
ވަޒީރު ކޮންމެހެން ހާޒިރުވާންޖެހޭ އެހެން މަސައްކަތެއް އޮތުމުން، މަޖިލީހުގެ ޖަލްސާއަށް ހާޒިރުވާންޖެހޭ ވަގުތާ ދިމާވާތީ، އެ ސުވާލު އެހެން ތާރީޚަކަށް ފަސްކޮށްދިނުމަށް ވަޒީރު ވަނީ އެދިވަޑައިގެންފައި. ވީމާ ދެން އެންމެ އަވަހަކަށް އެ ސުވާލު އަވަހަށް އެޖެންޑާކުރެވޭ ތާރީޚެއްގައި އެ ސުވާލު އެޖެންޑާކުރާނެ ވާހަކަ ދަންނަވަން، މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް
އެކަމާ ނުރުހުން ފާޅުކުރައްވައި މީކާއިލް 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ, ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ފޮރިން މިނިސްޓަރު ވަޑައިނުގެންނެވުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ. އަދި, 14 ދުވަހުގެ ނޯޓިސްގެ މުއްދަތު ހަމަވިތާ 27 ދުވަސް ފަހުން ސުވާލު އެޖެންޑާކުރިއިރު މަޖިލީހަށް ވަޑައިނުގެންނެވުމުން ދޭހަވަނީ ރައްޔިތުންނަށް އޮތް އިހުތިރާމު ކުޑަވެއްޖެކަން ކަމަށް މީކާއީލް ވިދާޅުވިއެވެ.
މެންބަރު މީކާއިލް އަހުމަދު ހުށަހެޅުއްވި 'ވަޒީރުންނާ ސުވާލުކުރުމުގެ ނޯޓިސް'ގައި ވަނީ ތިން ސުވާލެއް މިނިސްޓަރާ ކުރުމަށް ހުށަހަޅައިފައެވެ. އެއީ:
- ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއް ކަމަށް ބުނެ، މިދިޔަ މަހުގެ ފަސްވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވާފައިވާ 'ޕްރިންސް' ފަހަދް ސައުދު އަލްޝަލަންއަކީ ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ނިސްބަތްވާ ފަރާތެއްތޯ؟
- އަދި އެ ބައްދަލުވުމުގައި ސައުދީ އެމްބަސީގެ ފަރާތުން ބައިވެރިވެވަޑައިގެންފައިނުވަނީ ކީއްވެގެންތޯ؟
- އެ ފަރާތަކީ ސައުދީ ޝާހީ އާއިލާއަށް ނިސްބަތްވާ ފަރާތެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ހަގީގަތާ ޚިލާފަށްނަމަ، ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ޚާރިޖީ ގުޅުމަށް އޭގެ އެއްވެސް ނޭދެވޭ އަސަރެއް ކޮށްފާނެތޯ؟

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް -- ފޮޓޯ/ މަޖިލިސް
ރައީސް މުއިއްޒާއި "ހިޒް ރޯޔަލް ހައިނަސް ޕްރިންސް ފަހަދް ސައުދު އަލްޝަލަން އޮފް ސައުދީ އަރަބިއްޔާ" ބައްދަލުކުރެއްވި ކަމަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ޚަބަރެއް ޝާއިއުކުރީ މެއި މަހުގެ ފަސްވަނަ ދުވަހެވެ.
ނަމަވެސް، އެ ބައްދަލުވުމާ ބެހޭގޮތުން ރައީސް އޮފީހުގައި ޝާއިއުކުރި ޚަބަރު ގެއްލިފައިވާކަން މީޑިއާތަކުގެ ސަމާލުކަމަށް އައީ މެއި މަހުގެ 30ވަނަ ދުވަހެވެ.
އޭރު އެ ޚަބަރު އާންމުކުރުމާ އެކު ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެ މީހާއަކީ ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއް ނޫން ކަމަށާއި އެއީ 'ޕްރިންސް'އެއް ނޫން ކަމަށް ގިނަ ބަޔަކު ބުންޏެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ވަނީ އެއީ 'ސްކޭމަރެއް' ކަމަށް ވިދާޅުވެ، ސަރުކާރަށް ފާޑުވިދާޅުވެފައެވެ.
'ސަން'އިން ބެލިބެލުމުން އެނގުނު ގޮތުގައި ފަހަދްގެ މުނިމާމައަކީ މައިފުށުގެ ގޮތުން ސައުދީގެ ފުރަތަމަ ރަސްގެފާނު އާލްސުއޫދުގެ ބޭކަނބަލެކެވެ. އެހެންވެ، އޭނާއަކީ ރަސްގެފާނު އާލްސުއޫދުގެ މުނިކާފަ ދަރިކަލެކެވެ.
އެކަމަކު، 'ޕްރިންސް'ގެ ލަގަބު ސައުދީގައި ލިބެނީ ފިރިހެން ދަރިފަސްކޮޅަށެވެ.
އެހެންވެ، ފަހަދަކީ ސައުދީގެ ޝާހީ އާއިލާއަށް ނިސްބަތްވި ނަމަވެސް 'ޕްރިންސް'އެއް ނޫނެވެ. އަދި، ވެރިކަން ކުރާ ފިރިހެން ދަރިފަސްކޮޅަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. އޭނާއަކީ ސައުދީގެ ވެރިކަމުގައި ރަސްމީ ހައިސިއްޔަތެއް ވެސް އޮތް ބޭފުޅެއް ނޫނެވެ.
އެ ގައުމުގެ ޝާހީ އާއިލާގައި 25،000 އެއްހައި މެންބަރުން ތިބެއެވެ.