އެޓުލީގެ ފިލްމުގެ ބަތަލާއަކަށް ދީޕިކާ

ބޮލީވުޑް ބަތަލާ ދީޕިކާ ޕަދުކޯން، ތެލުގޫ އެކްޓަރު އައްލޫ އަރުޖުން އަދި ފިލްމު ޑައިރެކްޓަރު އެޓުލީ--ފޮޓޯ/ހިންދުސްތާންޓައިމްސް

ސައުތު ސިނަމާގެ ކުޅަދާނަ ޑައިރެކްޓަރު އެޓުލީއާ އެކު ތެލުގޫ އެކްޓަރު އައްލޫ އަރުޖުން މަސައްކަތްކުރާ ފުރަތަމަ ފިލްމުގެ ބަތަލާއަކަށް ދީޕިކާ ޕަދުކޯން ހަމަޖެއްސިކަން ރަސްމީކޮށް އިއުލާނުކޮށްފިއެވެ.

ސަން ޕިކްޗާސްއިން ގެނެސްދޭ މި ފިލްމަށް ކިޔާނެ ވަކި ނަމެއް އަދި ހަމަޖެހިފައިނުވާއިރު މިއީ ދީޕިކާ, އައްލޫ އަރުޖުންއާ އެކު މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. ދީޕިކާ ވަނީ އެޓުލީ, 2023ގައި ގެނެސްދިން, އެކްޓަރު ޝާހްރުކް ޚާންގެ ފިލްމު "ޖަވާން"ގެ މުހިއްމު ރޯލެއް ކުޅެފައެވެ.

'މެގްނަމް އޮޕަސް'ގެ ނަމުން އެޓުލީ ސިފަކޮށްފައިވާ މި ފިލްމަށް ބަތަލާ ދީޕިކާ ސޮއިކުރިކަން ރަސްމީކޮށް އިއުލާނުކޮށް ދެ މީހުން ފިލްމާ ގުޅޭ މަޝްވަރާތައް ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް އެޓުލީ ވަނީ އަމިއްލަ ސޯޝަލްމީޑިއާގައި ހިއްސާކޮށްފައެވެ.

https://www.instagram.com/atlee47/?hl=en

ސައުތު ސިނަމާގެ މަގުބޫލު ފިލްމުތައް ކަމަށްވާ "މާސެލް"، "ތެރީ" އަދި "ބިގިލް" ފަދަ ފިލްމުތައް ގެނެސްދީފައި އެޓުލީގެ ފިލްމަކަށް ދީޕިކާ ސޮއިކުރިއިރު ބަތަލާ ވަނީ ސައުތު ސިނަމާގެ ޑައިރެކްޓަރު ސަންދީޕް ރެޑީގެ ފިލްމު "ސްޕިރިޓް" ދާދިފަހުން ދޫކޮށްލާފައެވެ.

ސަންދީޕްގެ މި ފިލްމާ ގުޅޭގޮތުން މިހާތަނަށް ރަސްމީ ސިފައެއްގައި ދީޕިކާ ވާހަކަ ދައްކާފައި ނެތް ނަމަވެސް ފިލްމުން ދީޕިކާ ވަކިވުމާ ގުޅިގެން ސަންދީޕް ވަނީ ސޯޝަލް މީޑިއާގައި ނުސީދާކޮށް ބަތަލާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ޑައިރެކްޓަރު އެޓުލީގެ ފިލްމަށް ބަތަލާ ދީޕިކާ ސޮއިކުރިކަން އިއުލާންކުރި ވީޑިއޯގެ ބައެއް މަންޒަރުތައް--ފޮޓޯ/އިންސްޓަގްރާމް

އިންޑިއާގެ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ފްރެންޗައިސް "ޕުޝްޕާ"ގެ އެކްޓަރު އައްލޫ އަރުޖުންއާ އެކު ދީޕިކާ ސޮއިކުރި އެޓުލީގެ މި ފިލްމަކީ ވަރަށް ބޮޑު ބަޖެޓަކުން އުފައްދަން ނިންމާފައިވާ ސައިންސް ފިކްޝަން ފިލްމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި އަހަރުގެ ފަހުކޮޅު މަސައްކަތް ފަށާނެ ކަމަށް ބެލެވޭ މި ފިލްމަކީ އަލަތު ދަރިފުޅު ވިހެއިފަހުން ދީޕިކާ ސޮއިކޮށް އިއުލާނުކުރި ފުރަތަމަ ފިލްމެވެ.

comment ކޮމެންޓް