ޕްރިޔަންކާގެ ހޮލީވުޑް ފިލްމު 'ހެޑް އޮފް ސްޓޭޓް'ގެ ޓްރެއިލާ ދައްކާލައިފި

ބޮލީވުޑް ބަތަލާގެ އާ ހޮލީވުޑް ފިލްމު "ހެޑް އޮފް ސްޓޭޓް"ގެ ޓްރެއިލާ ދައްކާލައިފިއެވެ.

އެމޭޒަން ސްޓޫޑިއޯސްއިން އުފައްދާ "ހެޑް އޮފް ސްޓޭޓް"ގައި ޕްރިޔަންކާ ފެންނާނީ އިނގިރޭސިވިލާތުގެ ސިއްރު އިންޓެލިޖެންސް ސާވިސް (އެސްއައިއެސް)ގެ މެމްބަރެއް ކަމަށްވާ އެމްއައި6ގެ އޮފިސަރެއްގެ ރޯލުންނެވެ.

ޕްރިޔަންކާއާ އެކު މި ފިލްމުގެ ލީޑް ރޯލްތަކުން ފެންނާނެ ތަރިންގެ ތެރޭ ހޮލީވުޑްގެ މަޝްހޫރު ފިލްމީތަރިން ކަމަށްވާ ޖޯން ސެނާ އާއި އިދްރިސް އެލްބާ ހިމެނެއެވެ. ފިލްމު "ހެޑް އޮފް ސްޓޭޓް"ގެ ޓްރެއިލާ ބަލާލުމަށްފަހު ވަރަށް ގިނަ ބަޔަކު ބަތަލާ ޕްރިޔަންކާއަށް ތައުރީފުކޮށްފައެވެ. ފިލްމުގެ ޓްރެއިލާއިން ވިދާލި ތަރިއަކީ ވެސް ޕްރިޔަންކާ ކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ.

ފިލްމު "ހެޑް އޮފް ސްޓޭޓް"ގެ ޕޯސްޓަރެއް--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ފިލްމު "ހެޑް އޮފް ސްޓޭޓް"އަކީ "ހާޑް ކޯއި" އާއި "ނޯބޮޑީ" ފަދަ ފިލްމުތައް ގެނެސްދިން އިލިއާ ނައިޝްލާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. އިލިއާ ނައިޝްލާއާއެކު މި ފިލްމުގައި ކެމެރާގެ ފަހަތުން މަސައްކަތް ކުރާ އަނެއް ދެ ފަރާތަކީ، ސެފްރަން ކޮމްޕެނީއަށް ނިސްބަތްވާ ޕީޓާ ސެފްރަންއާއި ޖޯން ރިކާޑްއެވެ.

ކުރިއަށްއޮތް ޖުލައި މަހުގެ ދެވަނަ ދުވަހު އެމޭޒަން ޕްރައިމް ވީޑިއޯގައި ޕްރީމިއާކުރަން ހަމަޖެހިފައިވާ މި ފިލްމަކީ ހޮލީވުޑް ފިލްމު "ލަވް އަގެއިން" އަދި 2024ގައި ރިލީޒްވި ފިލްމު "ޓައިގާ"އަށްފަހު ބަތަލާ ބެލުންތެރިންނަށް ފެންނާނެ ފުރަތަމަ ފިލްމެވެ.

ޕްރިޔަންކާގެ ކުރިއަށްހުރި ފިލްމީ ޕްރޮޖެކްޓްތަކަށް ބަލާއިރު "ދަ ބްލަފް"، "ޖަޖްމަންޓް ޑޭ"، "ކްރިޝް" އަދި އިއުލާނު ނުކުރާ ޑައިރެކްޓަރު އެސް އެސް ރާޖާމޮލީގެ ފިލްމު ހިމެނެއެވެ. މީގެއިތުރުން އެމޭޒަން ޕްރައިމްގެ މަޝްހޫރު ވެބް ސީރީސް "ސިޓަޑެލް"ގެ ދެވަނަ ބައި ވެސް ބަތަލާގެ އަތުގައި އެބައޮތެވެ.

comment ކޮމެންޓް