ކާތިކާއި އަނަނިޔާގެ ފިލްމުގެ ޓްރެއިލާ ދައްކާލައިފި

މި އަންނަ ހަފުތާ ބަންދުގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް ދަރުމާ ޕްރޮޑަކްޝަންސްގެ ފިލްމު "ތޫ މޭރީ މޭ ތެރާ، މޭ ތެރާ ތޫ މެރީ"ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.

ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް ސަމީރު ވިދްވާންސް ޑައިރެކްޓްކޮށް ގެނެސްދޭ މި ފިލްމުގެ ލީޑް ތަރިންނަކީ އަނަނިޔާ ޕާންޑޭއާއި ކާތިކް އާރިއަންއެވެ. މި ފިލްމަކީ ކާތިކް ދަރުމާ ޕްރޮޑަކްޝަންސްއަށް ކުޅެދޭ ފުރަތަމަ ފިލްމެވެ.

މީގެ ކުރިން ވެސް އެކީގައި ފިލްމެއްގައި މަސައްކަތްކޮށްފައިވާ އަނަނިޔާއާއި ކާތިކްގެ އާ ފިލްމަކީ ވަރަށް ތަފާތު ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގެ ވާހަކަ ބިނާކޮށްފައިވަނީ ރަހުމަތްތެރިންނާ އެކު ޔޮޓެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ތަފާތު މިޒާޖެއްގެ ދެ މީހަކު ބައްދަލުވެ ދެ މީހުންގެ އުފެދޭ ލޯބީގެ ގުޅުމުގެ މައްޗަށެވެ.

އަނަނިޔާ އަދި ކާތިކް ފިލްމު "ތޫ މެރީ މޭ ތެރާ، މޭ ތެރާ ތޫ މެރީ"ގެ މަންޒަރެއްގައި--ފޮޓޯ/ފިލްމުފެއަ

މި ފިލްމުން އަނަނިޔާއާއި ކާތިކްގެ އިތުރުން ފެންނާނެ ތަރިންގެ ތެރޭ ނީނާ ގުޕްތާ އަދި ކުރީގެ މަގުބޫލު އެކްޓަރު ޖެކީ ޝްރޮފް ވެސް ހިމެނެއެވެ. މި ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހެވެ.

މި ފިލްމާ އެކު ދަރުމާގެ ކުރިއަށް ހުރި ދެ ޕްރޮޖެކްޓަކުން ބެލުންތެރިންނަށް ކާތިކް ފެންނާނެ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

އޭގެ ތެރޭގައި ނާގަ ހަރުފައެއްގެ ރޯލް އެކްޓަރު ކުޅޭ "ނާގްޒިއްލާ" ހިމެނޭއިރު އަދި ރަސްމީކޮށް އިއުލާނުނުކުރާ ވަރަށް ވަރުގަދަ އެކްޝަން ތުރިލާ ފިލްމެއް ވެސް އޭގެ ތެރޭގައި ހިމެނެއެވެ. ކާތިކްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭ ސައުތު ބަތަލާ ސްރީލީލާއާ އެކު ކުޅޭ ޑައިރެކްޓަރު އަނޫރާގް ބާސޫގެ ލޯބީގެ ފިލްމެއް ވެސް ހިމެނެއެވެ.

comment ކޮމެންޓް