މަސްކު ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓުންނަށް ފައިސާ ދީފިނަމަ ނަތީޖާ ހިތިވާނެ: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. ޓްރަމްޕާއި މަސްކުގެ ގުޅުން ވަނީ ވަރަށް ގޯސްވެފައި. ފޮޓޯ/ރޮއިޓާސް

ޓެކްސް ކުޑަކުރުމާއި ޚަރަދުކުރުމުގެ ބިލަށް ވޯޓުދޭ ރިޕަބްލިކަން ޕާޓީއާ ދެކޮޅަށް ވާދަކުރާ އެމެރިކާގެ ޑިމޮކްރެޓުންނަށް، އީލޮން މާސްކް ފައިސާ ދީފިނަމަ ނަތީޖާ ވަރަށް ހިތިވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް އެގޮތަށް ވިދާޅުވީ އެމެރިކާގެ ނޫހެއް ކަމަށްވާ، އެންބީސީ ނިއުސްއަށް ފޯނުން ދެއްވި އިންޓަވިއުއެއްގައެވެ. ނަތީޖާ ހިތިވާނެ ކަމަށް ވިދާޅުވި ނަމަވެސް އެއީ ކޮން ކަންތައްތަކެއް ކަމެއް ވިދާޅެއްނުވެއެވެ. ބިލިއަނަރު މަސްކާއި އެ މަނިކުފާނުގެ ގުޅުނު ނިމިއްޖެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.

މަސްކާއި ޓްރަމްޕްގެ ގުޅުން ގޯސްވީ އެމެރިކާ ސަރުކާރުން ހުށަހަޅާފައިވާ ޚަރަދުގެ ބިލުގެ މައްސަލައިގައި ކަމަށް ބޭރުގެ ރިޕޯޓުތައް ބުނެއެވެ.

ސެނެޓާއި ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގައި ވެސް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށް ހަނި އަޣުލަބިއްޔަތެއް އޮތްއިރު، ބިލާ ދެކޮޅަށް މަސްކު ވާހަކަ ދެއްކުމުން ކޮންގްރެސްގައި ބިލް ފާސްކުރަން ވަނީ ދަތިވެފައެވެ.

މިދިޔަ މަހު ހައުސްއިން މި ބިލް ހަނި އަޣުލަބިއްޔަތަކުން ފާސްވެފައިވާއިރު، މިހާރު އޮތީ ސެނެޓް ވޯޓު މަރުހަލާގައެވެ. ރިޕަބްލިކަން ޕާޓީން ދަނީ ބިލަށް ބަދަލުތަކެއް ގެންނަން ވެސް ވިސްނަމުންނެވެ.

މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި ބިލުގެ ސަބަބުން 10 އަހަރު ތެރޭގައި އެމެރިކާގެ ދަރަންޏަށް 2.4 ޓްރިލިއަން ޑޮލަރު އިތުރުވާނެއެވެ.

ބިލް ފާސްވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ޓްރަމްޕާ ގުޅުން ގޯސްވެ، އެމެރިކާގެ ޖައްވީ އިދާރާ، ނާސާއިން ބަރޯސާވެފައި އޮންނަ މަސްކުގެ ޖައްވީ އުޅަނދު ޑްރެގަން އަތުލާނެ ކަމަށް ބުނެ މަސްކު ވަނީ ނާސާއަށް ވެސް އިންޒާރުދީފައެވެ.

އެމެރިކާ ސަރުކާރުގެ ޑިޕާޓްމެންޓް އޮފް ގަވަމެންޓް އެފިކަސީ (ޑޯޖް)ގެ ޒިންމާތައް ނެގުމަށް ހަވާލުކުރި މަސްކު ވަނީ ދައުރު ހަމަވުމުން ސަރުކާރުން ވަކިވެފައެވެ.

ޑޯޖްގެ ޒިންމާއާ ހަވާލުވުމަށް ފަހު، އެތައް ބަޔަކު ވަޒީފާއިން ވަކިކުރުމާއި ގިނަ އިދާރާތަކެއް އުވާލައި، އެ ތަންތަން ކުޑަކުރުމުގެ ގޮތުން އެތައް ފިޔަވަޅެއް މަސްކު ވަނީ އަޅާފައެވެ.

ޓެސްލާ ކުންފުންޏާއި އެކްސް ޕްލެޓްފޯމްގެ އިތުރުން އެހެން ގިނަ ކުންފުނިތަކެއް ވެސް ހިންގާ މަސްކަކީ ދުނިޔޭގެ އެންމެ މުއްސަނދި މީހާއެވެ. އޭނާގެ މިލްކިއްޔާތުގެ އަގު 386 ބިލިއަން ޑޮލަރަށް އަރައެވެ.

comment ކޮމެންޓް