ޢީދު ނިންމާފައި އެނބުރި މާލެ އަންނަންވީމާ ހިތްދަތިވޭތަ؟

ޢީދުގައި ރ. މީދޫގައި ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން: ޢީދަށް ފަހު މާދަމާ ސަރުކާރު ހުޅުވޭނެ -- ފޮޓޯ/ ރ. މީދޫ ހުޅަނގު އަވަށު ޢީދު އުފާ

މިއަދަކީ ބޮޑު ޢީދުގެ އެންމެ ފަހު ދުވަހެވެ. މާދަމާއަކީ ޢީދު ބަންދަށް ފަހު ސަރުކާރު އޮފީސްތައް ހުޅުވައި ދުވަހެވެ. އަންގާރައެއް ވިޔަސް ސަރުކާރުން ނިންމީ މި ހަފުތާގެ ތިން ދުވަސް ޢީދުގެ މުނާސަބަތުގައި ބަންދުކުރުމަކީ ޒިންމާދާރު ގޮތެއް ނޫން ކަމަށެވެ.

އެހެންވެ، ޢީދު ޗުއްޓީއަށް ރަށްރަށަށް ދިޔަ މީހުން މިއަދު އަންނަން ފަށާނެއެވެ.

އެކަމަކު، ޢީދު ފަދަ، މަޖަލާއި އުފަލުގެ ދުވަސްތަކަކަށް ފަހު އެނބުރި މާލޭގެ 'މާޔޫސްކަމަށް' އައުމަކީ ފަސޭހަކަމެއް ނޫނެވެ. ރަށްރަށުގެ ހިތްފަސޭހަ ޖައްވާއި، އާއިލާތަކާއެކު ހޭދަވާ، އުފާވެރި ވަގުތުތައް ދޫކޮށް އެނބުރި އޮފީހުގެ ހަލަބޮލިކަމަށް އައުމަކީ 'ހިތްދަތިވާ' ކަމެކެވެ.

"ކޮންމެ ޗުއްޓީއަކަށް ފަހު އަންނަން ލޯންޗަށް އަރާއިރު އިންނަނީ ރޮވިފައި. އަމުދުން ޢީދު ނިންމާފައި އަންނަ ވާހަކަ އެހީމާ ވެސް ދެރަވެއްޖެ،" ޢީދު ބަންދަށް ރަށެއްގައި ހުރި 25 އަހަރުގެ ޒުވާނެއްގެ ގާތުގައި މި ވާހަކަ އަހައިލުމުން އޭނާގެ އުދާސްތައް ބަންޑުން ކޮށްލިއެވެ.

"އަސްލު ޢީދު ކަހަލަ މަޖާ ދުވަސްތައް ނިމޭކަށް ބޭނުމެއްނުވޭ. ޢީދު ނިންމާފައި އޮފީހަށް ދިއުމަކީ ވޭނެއް،"

ޢީދު ދުވަހު މާލޭ މަގުމަތި: މާދަމާއަކީ ޢީދު ބަންދަށް ފަހު ސަރުކާރު ހުޅުވޭ ދުވަސް -- ސަން ފޮޓޯ/ މޫސާ ނަދީމް

އެއީ ދޮގެއް ނޫނެވެ. ޢީދު، ޚާއްސަކޮށް ބޮޑު ޢީދަކީ ރަށްރަށުގައި ވަރަށް ކުލަގަދަކޮށް ފާހަގަކުރާ ދުވަސްތަކެކެވެ. ރަށްރަށުގެ ކުދިބޮޑު އެންމެން ޝާމިލުވެގެން ގިނަ ކުޅިވަރުތައް ކުޅެއެވެ. އެންމެން އެކީ ކައިބޮއެ އުފާކޮށް ހަދައެވެ. އެއީ، އެހެން ޗުއްޓީތަކާ ވަރަށް ތަފާތު އިހުސާސެކެވެ.

ހިތްދަތިވާ ހަމައެކަނި ދުވަހަކީ ފުރައިގެން އެނބުރި އޮފީހަށް އަންނަންޖެހޭ ދުވަހެވެ.

އެކަމަކު، އެއްވެސް ޗުއްޓީއެއް ޢީދެއް ވެސް އަބަދަކު ނޯންނާނެއެވެ. އެހެންވީމާ އެ ހަގީގަތާ ވެސް ކުރިމަތިލާން ޖެހޭނެއެވެ. ރަށްރަށަށް ޢީދު ބަންދަށް ދިޔަ މީހުންނަށް އެ ހަގީގަތާ ކުރިމަތިލާންޖެހެނީ މިއަދެވެ. ދެރަވިޔަސް ޖެހޭނީ އަންނާށެވެ. މާދަން އޮފީސްތައް ހުޅުވޭތީއެވެ.

އެ 'ހިތްދަތިކަން' ކުޑަކުރަން އެ މީހުންނަށް ކުރެވިދާނެ އެއް ކަމަކީ އެ ހިޔާލުން ސިކުނޑި ދަމައިގަންނަން އިތުރު ކަންކަމަށް ފިކުރު ހިންގާލުމެވެ. މާދަމާ އޮފީހަށް ނުކުންނަން ތައްޔާރުވެ، ރަނގަޅަށް މިރޭ އަރާމުކޮށްލުމެވެ. ދެތިން ދުވަހެއް ވެލީމާ އަނެއްކާ ވެސް އޮފީހުގެ ހަލަބޮލިކަމާއި މާލޭގެ މާހައުލަށް ހޭނޭނެއެވެ.

އެ މީހުންނަށް ދެން އޮތް ގޮތަކީ ޢީދު ބަންދު މާލޭގައި ތިބި މީހުން މަތިން ހަނދާންކޮށްލާފައި ޝުކުރުވެރިވުމެވެ.

comment ކޮމެންޓް