ރާއްޖެ ފަދަ ގައުމުތަކުގެ މަސްވެރިކަމަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ޔުނައިޓެޑް ނޭޝަންސް އޯޝަން ކޮންފަރެންސްގައި ރާއްޖޭން ގޮވާލައިފިއެވެ.
އެ ކޮންފަރެންސްގެ ތިން ވަނަ ބައްދަލުވުމުގެ ހަވާސާގައި އިންޓަނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ވަކާލާތުކުރެއްވީ ފިޝަރީސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިމިނަތު ހުސައިން ޝަރީފެވެ.
އެ ބައްދަލުވުމުގައި އޭނާ ވަނީ ރާއްޖެ ފަދަ ގައުމުތަކުގެ މަސްވެރިކަމަށް ދިމާވާ ގޮންޖެހުންތަކާއި މަސްވެރިކަމުގެ ބާޒާރަށް ވަނުމަށް ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް ވަކާލާތުކުރައްވާފައެވެ.

ފިޝަރީސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިމިނަތު ހުސައިން ޝަރީފް ---- ފޮޓޯ/ ފިޝަރީސް މިނިސްޓްރީ
އެގޮތުން، އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ)ގައި ރާއްޖޭން މަސްވެރިކަމުގެ ސެޓްފިކެޓްތަކަށް އޮތް ޑިމާންޑަށް ވަކާލާތު ކުރިގޮތާ ގުޅޭ ގޮތުން ވާހަކަ ދައްކަވައި، އެކަމަނާ ވިދާޅުވީ އެކަމަކީ ކުދި ޖަޒީރާ ގައުމުތަކުން އެކަނި އުފުލަން ޖެހޭ ބުރައަކަށް ވެގެން ނުވާނެ ކަމަށެވެ.
އިކޯލެބެލިން ގައިޑްލައިންތައް އިސްލާހު ކުރުމަށް ފުޑް އެންޑް އެގްރިކަލްޗާ އޮގަނައިޒޭޝަން (އެފްއޭއޯ)އިން އެޅި ފިޔަވަޅަށް މަރުހަބާ ވިދާޅުވެ ސްޓޭޓް މިނިސްޓަރު ވިދާޅުވީ، ރާއްޖެއަށް މި ވަގުތު އެންމެ މުހިއްމީ އިންސާފުވެރި ސެޓްފިކެޓް ދިނުމަށް މަސްވެރިންނަށްޓަކައި ބިނާކޮށްފައިވާ ނިޒާމެއް ކަމަށެވެ.
އެ ނިޒާމް ވާންޖެހޭނީ މަސްވެރިކަމުގައި ހަރަކާތްތެރިވާ އެންމެ ކުދި ފަންތީގެ މަސްވެރިކަމަށް ވެސް ބިނާވާ ނިޒާމަކަށް ކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިފަހުން ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތުގައި ރާއްޖެއަށް ދިމާވެފައި އޮންނަ އެންމެ ބޮޑު ގޮންޖެހުމަކީ، ކެޕޭސިޓީ ނެތިގެން ބާނާ މަސް ޕްރޮސެސްނުކޮށް އެކްސްޕޯޓު ކުރުން ކަމަށެވެ. ދިވެހިން ބާނާ މަހުގެ 87 ޕަސެންޓު އެކްސްޕޯޓު ކުރަނީ ޕްރޮސެސްނުކޮށް ރޯމަހުގެ ގޮތުގައެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި މި ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިޔަށް ގެންދާ އެއް މަސައްކަތަކީ ކޯލްޑް ސްޓޯރެޖާއި މަސް ޕްރޮސެސް ކުރާނެ ފެސިލިޓީތައް ތަރައްގީ ކުރުމެވެ.
މި ސަރުކާރުން މަސްވެރިކަމުގެ ސިނާއަތަށް 4.5 ބިލިއަން ރުފިޔާ އިންވެސްޓު ކުރާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.