ޝައިޚް ފަރީދުގެ ދަރިފުޅުގެ އަސަރުގަދަ މެސެޖެއް، ވަކިވެ ދިޔައީ ކާފަ ދަރިފުޅު އުރާލުމުގެ ފުރުސަތު ނުލިބި

ޝެއިޚް ފަރީދު އޭނާގެ ދަރިފުޅު އަބްދުﷲ ފަރީދު (އަބޯ)އާއެކު --

އިއްޔެ މުޅި ރާއްޖެ ސިއްސުވައިލީ ދީނީ ޢިލްމު ފެތުރުއްވުމުގައާއި އިސްލާހީ ގިނަ މަސައްކަތްތަކެއް ކުރެއްވި ޝައިޚް އިބްރާހީމް ފަރީދު ކުއްލި ގޮތަކަށް ނިޔާވި ޚަބަރާއެކުއެވެ.

އެތައް ބަޔަކު ފަރީދުގެ މަސައްކަތަށް ސޯޝަލް މީޑިއާގައި ތައުރީފު ކޮށްފައިވާ އިރު، މުޅި ސޯޝަލް މީޑިއާ ފުރުނީ ތައުޒިޔާގެ މެސެޖުތަކުންނެވެ. މި މެސެޖުތަކުގެ ތެރެއިން ވެސް އެންމެ އަސަރުގަދަ މެސެޖަކީ ފަރީދުގެ ދަރިފުޅު އަބްދުﷲ ފަރީދު (އަބޯ) ސޯޝަލް މީޑިއާގައި ހިއްސާކުރި މެސެޖެކެވެ.

"ހާލަތް ދިމާ ކުރިގޮތުން މިއަދު ބައްޕަ ވަކިވެގެން އެ ދިއައީ ބައްޕަގެ ފުރަތަމަ ކާފަ ދަރިފުޅު ހަމަ ލޮލަށް ފެނި، ނަމަވެސް އުރާލާ ބޮސްދީ ހަދާލަން ފުރުސަތެއް ނުލިބި،" އެ މެސެޖުގައި ވެއެވެ.

އެ މެސެޖުގައި އަބޯއާއި އޭނާގެ ބައްޕަ، ފަރީދު ވާހަކަދެއްކި އެންމެ ފަހު ފަހަރުކަމުގައި ބުނެ ސްކްރީންޝޮޓެއް ހިއްސާކޮށްފައި ވެއެވެ. އެ ސްކްރީންޝޮޓުގައި އަބޯ ވަނީ ތުއްތު ކުއްޖެއްގެ އަތުގައި ހިފައިގެން ނަގައިފައިވާ ފޮޓޯއެއް އޭނާގެ ބައްޕައާ ހިއްސާކޮށްފައެވެ.

"ما شاء الله تبارك الله ކާފަގެ ލޯބި،" ޖަވާބުގައި ފަރީދު ލިޔުއްވާފައި ވެއެވެ.

އަބޯ ހިއްސާކުރި މެސެޖުގައި ވަނީ، ދަރިފުޅު ވިއްސާ ކޮޓަރިން ނެރުނު ވަގުތު އޭނާގެ ގާތުގައި ބައްޕަ ހުރިކަމަށެވެ. އެ ވަގުތަކީ ފަރީދަށް އޭނާގެ ފުރަތަމަ ކާފަ ދަރިފުޅު ހަމަ ލޮލަށް ފެނުނު ފުރަތަމަ އަދި ފަހު ފަހަރުކަމަށް އަސަރާއެކު ލިޔެފައި ވެއެވެ.

"އިރާދަފުޅުން ގަދަވެ ކާފަގެ ލޯބި ދޫކޮށްލިއިރު ވަނީ ދީނީ ދަޢުވަތުގެ މަސަތްކަތެއްގައި ފުރާ ވަޑައިންނަވަން ޖެހިފައެވެ. އެ ހިނދުން ފެށިގެން އިންތިޒާރު ކުރަމުން މިއައީ ބައްޕައާ ބައްދަލުވެ ކާފަގެ ލޯބި އުރާލަން ދެވޭނެ ފުރުސަތަކަށް،" އަބޯ ލިޔެފައި ވެއެވެ.

އޭނާ ލިޔެފައި ވާގޮތުން، އެ އިންތިޒާރުގައި ހުއްޓައި އައީ ލޯބިވާ މަންމަގެ އަސަރުގަދަ ކޯލެކެވެ. މަންމަ ގިސްލަމުން އެދުނީ ބައްޕަގެ ޚަބަރެއް ބަލައިދިނުމަށެވެ. އެހެންކަމުން ލަސްނުކޮށް އޭނާ ގުޅީ، ފަރީދާއެކު ދަތުރު ކުރި ޚިދުމަތް ޖަމިއްޔާގެ އިސްވެރިއަކަށެވެ.

ފޯނު ކަންފަތުގައި ޖެހުމާއެކު އަބޯއަށް އިވުނީ، އޭނާގެ ބައްޕައަށް އަވަސް ފަރުވާދޭ މެޝިނުތަކުގެ އަޑެވެ.

"ދެން އިވުނީ ބައްޕަ އަވަހާރަވެއްޖެ ކަމުގެ ހިތާމަވެރި ޚަބަރު،" އޭނާ ލިޔެފައި ވެއެވެ.

އަސަރާއެކު އަބޯ ލިޔެފައި ވަނީ، ދުނިޔޭގައި ހުންނެވި ވަގުތު އޭނާގެ ބައްޕަ ދެއްވި ހެޔޮ ނަސޭހަތް ދުވަހަކު ވެސް ހިތުން ފިލައި ނުދާނެ ކަމަށެވެ. އަދި ބައްޕަ ފަޚުރުވެރިވާ ފަދަ ހެޔޮ ލަފާ ޞާލިހް ދަރިއަކަށްވެ އެގޮތުގައި ދެމި ހުންނާނެކަމަށް ލިޔެފައި ވެއެވެ.

"ބައްޕަގެ ލޯބިވާ ކާފަ ދަރިފުޅަށް ދޭން އޮތް ތަރުބިއްޔަތަކީ ހަމަ ތި ލޮބުވެތި ބައްޕަ އަޅުގަނޑަށް ދެއްވި ތަރުބިއްޔަތު،" އޭނާ ލިޔެފައި ވެއެވެ.

މި މެސެޖުގައި އެންމެ ފަހުން އޭނާ ލިޔެފައި ވަނީ، ފަރީދާއި އޭނާގެ ކާފަ ދަރިފުޅު ޖަންނަތުލް ފިރްދައުސް އިން ބައްދަލުވުމަށް ދުޢާ ކުރާކަމަށެވެ.

ކުއްލި ގޮތަކަށް ފަރީދު އަވަހާރަވީ އިއްޔެ މެލޭޝިއާއަށް ވަޑައިގެން އެއާޕޯޓުގައި ހުންނަވަނިކޮށެވެ.

އާއިލާއާ ހަވާލާދީ ފަރީދުގެ ގާތްބޭފުޅަކު ވިދާޅުވި ގޮތުގައި އެ އާއިލާއިން ވަނީ މެލޭޝިއާގައި ޖަނާޒާ ބާއްވައި އެ ގައުމުގައި ހަށިކޮޅު ވަޅުލަން ނިންމައިފައެވެ. އެ ގޮތަށް ނިންމީ ފަރީދުގެ ހަށިކޮޅު މެލޭޝިއާއިން ބޭރުކުރާ ނަމަ ޕޯސްޓްމޯޓަމް ހަދަން ޖެހޭތީއެވެ.

https://sun.mv/207128

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ޝެއިޚުގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށު ނަމާދު ކުރުމަށް ވަރަށް ގިނަ ބަޔަކު އެދެމުންދާ ކަމަށެވެ.

އެހެންކަމުން، މި ހަފުތާގެ ހުކުރު ދުވަހުގެ ކުރިން މެލޭޝިޔާގައި ފަސްދާނުލެވިއްޖެ ނަމަ، ހުކުރު ދުވަހު ހުކުރު ނަމާދަށް ފަހު، ރާއްޖޭގެ ހުކުރުކުރާ ހުރިހައި މިސްކިތެއްގައި ޝެއިޚު ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަށް ނިންމާފައި ވާކަމަށް ޝަހީމް ވަނީ މީގެލކުރިން ވިދާޅުވެފައެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް ދީނީ މައުލޫމާތު ހިއްސާކުރައްވަމުން ގެންދެވި ފަރީދު މިދިޔަ ބުރާސްފަތި ދުވަހު ވެސް އަރަފާތު ދުވަހާ ގުޅުވައި ވީޑިއޯއެއް ހިއްސާކުރައްވައިފައިވެއެވެ.

މީގެ އިތުރުން، ގިނަ ޕާޓީ އެކުލެވޭ ނިޒާމެއް ރާއްޖެ ގެނައުމަށް ކުރިއަށްގެންދިޔަ އިސްލާހީ މަސައްކަތްތަކުގައި ވެސް އޭނާ ބައިވެރިވެވަޑައިގެންފައިވެއެވެ. އެ ގޮތުން، 2004 ވަނަ އަހަރުގެ އޮގަސްޓް 12، އަދި 13ގައި، އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެކޮޅަށް އެހާތަނަށް ބޭއްވި އެންމެ ބޮޑު މުޒާހަރާގައި ބައިވެރިވެވަޑައިގަތެވެ.

އެ ހަރަކާތުގެ ބައިވެރިންގެ ތެރެއިން ހައްޔަރުކޮށް، އެތައް އަނިޔާއެއް ތަހަންމަލުކުރި މީހުންގެ ތެރޭގައި ފަރީދު ހިމެނިވަޑައިގަންނަވައެވެ.

comment ކޮމެންޓް