ރާއްޖެ އެތެރެކުރަން އުޅުނު 18 ކިލޯގްރާމްގެ މަސްތުވާތަކެތި، މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މިރޭ ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އަތުލައިގެންފިއެވެ.
މިކަމާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން ކުރެއްވި ޓްވީޓެއްގައި ވަނީ، މަގުމަތީ އަގުން ބަލާނަމަ މިތަކެތީގެ އަގު ގާތްގަނޑަކަށް 26 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.
މިނިސްޓަރު ވަނީ، ރާއްޖޭގެ ބޯޑަރު ފުރިހަމަޔަށް ބެލެހެޓުމަށް ކަސްޓަމްސްގެ މުވައްޒަފުން ކުރައްވާ އަގުހުރި ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވައިފައެވެ.
"މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ފަހިކޮށް އޮތް މާހައުލު ނައްތާލައި އެފަރާތްތަކާ ޤާނޫނު ދަނީ އަރާހަމަކުރަމުން،" މިނިސްޓަރު ކުރެއްވި ޓްވީޓުގައި ވެއެވެ.
މީގެ ކުރިން ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެ އެތެރެވިޔަ ނުދީ ކަސްޓަމުން ހިފަހައްޓައިފައި ވެއެވެ.
އެގޮތުން މިއަހަރުގެ މާޗްމަހު ކަސްޓަމުން ވަނީ، ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 6.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައެވެ. ކަސްޓަމުން ބުނީ އެ ތަކެތި އަތުލައިގަތީ ރާއްޖެ އައި ޝިޕްމަންޓެއް ބަލައިފާސްކުރުމަށް އެ އިދާރާއިން ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.
މާޗް މަހުގެ ފަސްވަނަ ދުވަހު އިންޑިއާ ކަނޑުން ރާއްޖެ އެތެރެކުރަން އުޅުނު 59 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ވަނީ އިންޑިއާ ކޯސްޓްގާޑުން ވެސް އަތުލައިގެންފައެވެ.
މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާއީ މައްސަލައެވެ. އެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރެއިން އެ ތަކެތި އެތެރެ ކުރުން ހުއްޓުވުމާއި، އޭގެ ވަބާގައި ޖެހިފައިވާ މީހުންނަށް ދޭ ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތް ހިމެނެއެވެ.