ކާށިދޫގައި ކެފޭ އުސޫލުން ޑުރަގު ވިއްކަމުން ދިޔަ 3 ތަނެއް ބަންދުކޮށް، 2 މީހަކު ހައްޔަރުކޮށްފި

ކާށިދޫއިން ހައްޔަރުކުރި ދެމީހުން: އެމީހުން ހައްޔަރުކުރީ އެރަށަށް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި --- ފޮޓޯ/ ފުލުހުން

މަސްތުވާތަކެއްޗާ ދެކޮޅަށް ކ. ކާށިދޫގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި، ކެފޭ އުސޫލުން ޑުރަގު ވިއްކަމުން ދިޔަ ތިން ތަނެއް މިއަދު ބަންދުކޮށްފިއެވެ.

ފުލުހުން ބުނީ، ކާށިދޫއަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ރަށުގައި ޚާއްސަ އޮޕަރޭޝަނެއް ހިންގައިފައިވާ ކަމަށެވެ. އެގޮތުން، އެ ރަށުގައި މަސްތުވާތަކެތި ވިއްކާ ކަމަށް ތުހުމަތުކުރެވޭ މީހުންނާއި ތަންތަން ބަލައި ފާސްކުރި ކަމަށް ފުލުހުން ބުންޏެވެ.

އެ މަސައްކަތުގައި، ކެފޭ އުސޫލުން މަސްތުވާތަކެތި ވިއްކާ ކަމަށް ތުހުމަތުކުރެވޭ ތިން ތަނެއް ހޯދައި، ބަންދުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދިނެވެ.

މީގެ އިތުރުން އެ އޮޕަރޭޝަނުގައި ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ. އެއީ، މ. ނަލަހިޔާ މަންޒިލް، 40 އަހަރުގެ ހަސަން މުނާޒްއާއި މ. ބިންއުނިމާގެ، 46 އަހަރުގެ އިބްރާހިމް ޒައިދެވެ.

އެ މީހުން ހައްޔަރުކޮށްފައި ވަނީ، ކާށިދުއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ވިއްކައިގެން ވިޔަފާރިކޮށް، ބޭނުންކުރާކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެއެވެ.

އެ ދެ މީހުން ކާށިދޫ މަގުމަތިން ހުއްޓުވައި ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނުނު ކަމަށް ފުލުހުން ބުނެއެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 9.27 ގުރާމު ހުރި ކަމަށް ވެސް އެ މުއައްސަސާއިން ހާމަކުރިއެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މަސްތުވާތަކެތީގެ މައްސަލަތަކަކީ ނިސްބަތުން ރާއްޖޭގައި ގިނަ މައްސަލަތަކެވެ. ވަކިން ޚާއްސަކޮށް ޒުވާނުންނާއި ކުޑަކުދިން މަސްތުވާތަކެތީގެ ކުށުގައި ބައިވެރިވާ މިންވަރު އިތުރެވެ.

comment ކޮމެންޓް