ޝެއިޚް ފަރީދުގެ ހަނދާނުގައި ރާއްޖޭގައި ވެސް މިސްކިތެއް އަޅަނީ

ޝެއިޚު ފަރީދު -- ފޮޓޯ/ ފޭސްބުކް، ޝެއިޚް އިބްރާހީމް ފަރީދު

މަޝްހޫރު ދީނީ އިލްމުވެރިޔާ، ޝެއިޚް އިބްރާހީމް ފަރީދުގެ ހަނދާނުގައި ބަންގަލަދޭޝްގައި މިސްކިތެއް އެޅުމަށް ފައިސާ ހޯދުމަށްފަހު، ރާއްޖޭގައި ވެސް މިސްކިތެއް އަޅަން ޚިދުމަތް ޖަމިއްޔާއިން ނިންމައިފިއެވެ.

އެ ޖަމިއްޔާއިން ފުރަތަމަ ނިންމީ ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް އެޅުމަށެވެ. އެ މިސްކިތް އެޅުމަށް އެހީވުމަށް ހުޅުވައިލި ފުރުސަތުގައި ކުޑަ ވަގުތުކޮޅެއްތެރޭ ވަނީ މިސްކިތް އަޅަން ހޭދަވާނެކަމަށް އަންދާޒާކުރި 760،000 ރުފިޔާ ހަމަވެފައެވެ.

މިރޭ ޚިދުމަތް ޖަމިއްޔާއިން ވަނީ ފަރީދުގެ ހަނދާނުގައި ރާއްޖޭގައި ވެސް މިސްކިތެއް އަޅަން ނިންމާފައި ވާކަން ހާމަކޮށްފައެވެ.

މި ނިންމުން ނިންމާފައި ވަނީ، ގިނަ ބަޔަކު މިކަމުގައި ބައިވެރިވުމަށް އަދިވެސް އެދެމުންދާތީ ކަމަށާއި އިތުރަށް ފަންޑު ވެސް ލިބެމުން ދާތީކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ޚިދުމަތް ޖަމިއްޔާގެ މި ނިންމުމާއެކު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވަނީ މިކަމުގައި ދެކިލައްވާގޮތް ފޭންބުކް ޕޯސްޓެއް މެދުވެރިކޮށް ހާމަކުރައްވާފައެވެ. އެގޮތުން ޝެއިޚްގެ ހަނދާނުގައި ރާއްޖޭން ބޭރުގައި މިސްކިތެއް ހުރުމަށްވުރެ ރާއްޖޭގައި ހުރުން އައުލާކަން ބޮޑުކަމަށް ލިޔުއްވާފައި ވެއެވެ.

"އަދި މިސްކިތް ހުންނަންވީ އިސްލާމީ ޢިލްމުގެ ލައިބްރަރީއަކާއި ޤުރުއާން ވެސް ކިޔަވައިދެވޭނެ ކްލާސްރޫމްތަކާއެކު ކަމަށް ދެކެން،" އެ ޕޯސްޓުގައި ވެއެވެ.

މިކަމުގައި ޚިދުމަތް ޖަމިއްޔާއިން ބޭނުންވާ އެންމެހައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ޝަހީމް ވަނީ ލިޔުއްވާފައެވެ.

"މިގޮތުން މިސްކިތް ބިނާކުރާނެތަނެއް ހަމަޖެއްސުމާއި މާލީ ގޮތުން ވެސް ދެވެން އޮތް އެހީތެރިކަމެއް އަރުވާނަން،" އެ ޕޯސްޓުގައި ވެއެވެ.

މި މިސްކިތް އެޅުމަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ އެ ފުރުސަތު ހުޅުވައިލައިފައެވެ.

ޚިދުމަތް ޖަމިއްޔާގެ އެކައުންޓް ނަންބަރަކީ: 7770000141496

ޝެއިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި އަޅަނީ 455 މީހުންނަށް ނަމާދުކުރަން ވަދެވޭ، 255 އަކަފޫޓުގެ ޖާގައިގެ މިސްކިތެކެވެ. ނަމަވެސް، ރާއްޖޭގައި އަޅަން ނިންމާފައިވާ މިސްކިތާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ޚިދުމަތް ޖަމިއްޔާއިން އަދި ހާމައެއް ނުކުރެއެވެ.

ކުއްލި ގޮތަކަށް ފަރީދު އަވަހާރަވީ ހޯމަ ދުވަހު މެލޭޝިއާއަށް ވަޑައިގެން އެއާޕޯޓުގައި ހުންނަވަނިކޮށެވެ. މެލޭޝިއާއަށް ފަރީދު ވަޑައިގަތީ އިސްލާމީ ދައުވަތާ ގުޅުންހުރި ކޮންފަރެންސެއްްގައި ބައިވެރިވެވަޑައިގަތުމަށެވެ.

ޝެއިޚް ފަރީދުގެ ޖަނާޒާގެ ކަންކަން މިއަދު މެލޭޝިއާގައި ކުރިއަށް ގެންގޮސްފައި ވެއެވެ. ކުރިން ނިންމީ ރާއްޖެއަށް ހަށިކޮޅު ގެންނަން ނަމަވެސް، މެލޭޝިއާގައި ޖަނާޒާ ބާއްވަން ނިންމީ ފަރީދުގެ ހަށިކޮޅު މެލޭޝިއާއިން ބޭރުކުރާ ނަމަ ޕޯސްޓްމޯޓަމް ހަދަން ޖެހޭތީއެވެ.

ޝެއިޚް ފަރީދުގެ މައްޗަށް އަންނަ ހުކުރު ދުވަހު، ރާއްޖޭގައި ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި ޣައިބަށް ކަށުނަމާދުކުރަން ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް