ފީފާ ވޯލްޑް ކަޕުން މުޅިން އަލަށް ޖާގަހޯދި އުޒްބެކިސްތާންގެ ޤައުމީ ޓީމުގެ ކޮންމެ ކުޅުންތެރިޔަކަށް އެޤައުމުން ކާރަކާއި ޤައުމީ މެޑަލެއް އަރުވައިފިއެވެ.
އުޒްބެކިސްތާނު ވޯލްޑް ކަޕުން ޖާގަހޯދީ އޭޝިއާ ސަރަހައްދު ކޮލިފައިން ތިންވަނަ ބުރުގައި ގްރޫޕް އޭގެ ދެވަނަ މަގާމު ކަށަވަރު ކޮށްގެންނެވެ. ޔޫއޭއީއާ އެކު ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވުމުން ވޯލްޑް ކަޕްގެ ޖާގައެއް އުޒްބެކިސްތާނަށް ކަށަވަރުވިއިރު އެޤައުމު ވެފައިވަނީ ސެންޓްރަލް އޭޝިއާ ސަރަހައްދުން ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ޤައުމަށެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި އުޒްބެކިސްތާން ކުޅުނު ފަހު މެޗުގައި ޤަތަރު އަތުން ވަނީ ތިން ލަނޑު ސުން ލަނޑުން މޮޅުވެފައެވެ. އަދި އެނބުރި ވެރިރަށް ޓަޝްކެންޓްއަށް ޓީމު ދިއުމުން އެޓީމުގެ ހުރިހާ މެންބަރުން ކަމުގައިވާ ކުޅުންތެރިންނާއި ކޯޗިން ސްޓާފް ހިމެނޭ ގޮތަށް 40 ފަރާތަށް ވަނީ ޗައިނާގައި އުފައްދާ ބީވައިޑީ ބްރޭންޑްގެ ކާރެއް ހަދިޔާއެއްގެ ގޮތުގައި އަރުވާފައެވެ.
އުޒްބެކިސްތާންގެ ރައީސް ޝަވްކަތު މިރުޒިޔޮޔޭވްވަނީ ކޮންމެ ކުޅުންތެރިންޔަކަށް ޝަރަފްގެ މަގާމް އިތުރުން ޤައުމީ މެޑަލް ދިނުމަށް ގަރާރެއް ފާސް ކުރައްވާފައެވެ. އުޒްބެކިސްތާންގެ ޤައުމީ ޓީމުގެ ހުރިހާ ފަރާތްތަކަށް މިއިނާމާއި މެޑަލް ހަވާލު ކުރުމަށްވަނީ ޓަޝްކެންޓްގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އަދި މި ރަސްމިއްޔާތުގައި އެޤައުމުގެ ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަންނަ އަހަރު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ވާނީ 48 ޓީމާއެކު ބޭއްވޭ ފުރަތަމަ ވޯލްޑް ކަޕަށެވެ. އަދި އޭޝިއާ ސަރަހައްދުން އަށް ޓީމަށް ސީދާ ގޮތުން ޖާގަލިބޭއިރު މިހާތަނަށް ޖާގަ ކަށަވަރު ކޮށްފައިވާ ހަ ޓީމުގެ ތެރޭގައި އުޒްބެކިސްތާން މިވަނީ ހިމެނިފައެވެ.
މީގެއިތުރުން ދެން އޭޝިއާ އިން ކޮލިފައިވެފައިވަނީ ޖަޕާން، އޮސްޓްރޭލިއާ، ދެކުނު ކޮރެއާ، އީރާން އަދި އުރުދުންއެވެ. މީގެތެރެއިން އުރުދުންވެސް މިއީ ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ.