ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރިޝްމާ ކަޕޫރުގެ ކުރީގެ ފިރިމީހާ އަދި އިންޑިއާގެ މަޝްހޫރު ވިޔަފާރިވެރިޔާ ސަންޖޭ ކަޕޫރު މަރުވެއްޖެއެވެ.
އުމުރުން 53 އަހަރުގައި ސަންޖޭ މަރުވެފައިވަނީ އިއްޔެގެ ވަގުތެއްގައި އިނގިރޭސިވިލާތުގެ ލަންޑަންގައި ކުރިއަށްދިޔަ ޕޯލޯ މެޗެއްގައި ކުޅެން ހުއްޓާ ހާޓް އެޓޭކެއް ޖެހިގެންނެވެ. ސަންޖޭއަށް ހާޓް އެޓޭކެއް ޖެހުނު ވަގުތު އަވަސް ފަރުވާ ދެވުނު ނަމަވެސް އެކަމުގެ އަސަރު އެއްވެސް ވަރަކަށް ނުކުރާ ކަމަށް ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާގައި ބުނެފައިވެއެވެ.
ޕޯލޯ ކުޅިވަރަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ހުންނަ ސަންޖޭއަކީ މެނުފެކްޗަރިންގް ކުންފުންޏެއް ކަމަށްވާ ސޯނާ ކޯމްސްޓާގެ ޗެއާމަންގެ މަގާމު ފުރަމުން އައި މީހެކެވެ. މީގެ އިތުރުން ވެސް އޭނާއަކީ އިންޑިއާގެ ވަރަށް ގިނަ ވިޔަފާރި ކުންފުނިތަކުގެ ޑައިރެކްޓަރުގެ މަގާމު ވެސް ފުރަމުން އައި މީހެކެވެ.

ކަރިޝްމާ ކަޕޫރާއި ސަންޖޭގެ ކައިވެންޏަށް ލިބިފައިވާ ދެ ކުދިން--ފޮޓޯ/ޕިންކްވިލާ
ސަންޖޭއާ ކައިވެނި ކުރުމުގެ ކުރިން ވެސް ކަރިޝްމާއާއި ސަންޖޭއަކީ ވަރަށް ގާތް ރަހުމަތްތެރިންނެވެ. ކަރިޝްމާއަކީ ސަންޖޭގެ ދެ އަންހެން ކޮއްކޮއިންގެ ގާތް ރަހުމަތްތެރިއަކަށްވުމުން ދެ މީހުންގެ މެދުގައި އެކުވެރިކަން ބަދަހިވާންފެށީ ސަންޖޭގެ ދެ ކޮއްކޮ މެދުވެރިކޮށެވެ.
ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ސަންޖޭއާއި ކަރިޝްމާގެ ކައިވެނިކުރީ 2003 ވަނަ އަހަރެވެ.
ދެ މީހުންގެ ކައިވެންޏަށް ދެ ކުދިން ލިބިފައިވާއިރު 2014 ވަނަ އަހަރު ކަރިޝްމާ ސަންޖޭގެ ގާތުން ވަރިވުމަށް އެދި ކޯޓަށް މައްސަލަ ހުށަހެޅިއެވެ.
މި ވަރީގެ މައްސަލަ ނިމި ކުދިން ބަތަލާގެ ބެލުމުގެ ދަށަށް ގެންނަން ނިންމި ނިންމުމާ އެކު މީޑިއާގެ ސަމާލުކަން ސަންޖޭއާއި ކަރިޝްމާގެ ވަރީގެ މައްސަލައަށް ވަރަށް ބޮޑަށް ލިބުނެވެ. ހަމައެއާއެކު ކަރިޝްމާ ބަދުނާމު ކުރުމުގެ ގޮތުން ބަތަލާއާ ގުޅޭގޮތުން ސަންޖޭ ވަނީ މީޑިއާގައި ދޮގު ވާހަކަތަކެއް ވެސް ދައްކާފައެވެ.
އެންމެ ފަހުން ދެ މީހުންގެ ވަރީގެ މައްސަލަ ނިމި ކުދިން ބަތަލާ ކަރިޝްމާގެ ބެލުމުގެ ދަށަށް ގެނެވުނީ އެ މައްސަލަ ވަރަށް ހުތުރުކޮށް ނިންމާލުމަށް ފަހުއެވެ.
ކަރިޝްމާއާ ކައިވެނި ކުރުމުގެ ކުރިން ވެސް ކައިވެންޏެއް ކޮށްފައިވާ އިންޑިއާގެ ވިޔަފާރިވެރިޔާ މަރުވިއިރު އަންބަކާއި އިތުރު ފިރިހެން ކުއްޖަކު އެބަހުއްޓެވެ.