ޙައްޖުގެ އަޅުކަމުން އަންނަ މީހުން ޑޮކްޓަރަށް ދައްކަން އައިޖީއެމްއެޗުގައި ފްލޫ ކްލިނިކެއް މިއަދު ހުޅުވައިފިއެވެ.
އާންމުކޮށް ޙައްޖުގެ އަޅުކަމުން މީހުން އަންނަ ދުވަސްވަރަށް ރޯގާތައް ފެތުރޭ މިންވަރު އިތުރުވެއެވެ. އެހެންވެ، އެފަދަ ބަލިތައް ފެތުރުން ކުޑަކުރުމަށް ފިޔަވަޅުތައް އިދާރާތަކުން އަޅައެވެ.
އައިޖީއެމްއެޗުން މިއަދު ބުނީ، ހައްޖުން އެނބުރި އަންނަ މީހުންނަށް ޚާއްސަކޮށް އެ ހޮސްޕިޓަލުގައި ފްލޫ ކްލިނިކެއް ގާއިމުކޮށްފައިވާ ކަމަށެވެ.
އެ ގޮތުން، ހައްޖުން އައުމަށް ފަހު ރޯގާގެ އެއްވެސް އަލާމާތެއް ފާހަގަވެ، ސިއްހީ އެހީތެރިކަމެއް ބޭނުން ނަމަ އެ ކްލިނިކަށް އައުމަށް އެހޮސްޕިޓަލުން ވަނީ އެދިފައެވެ.
މި ކްލިނިކް ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ރޭގަނޑު 22:00 އަށެވެ.
ޑޮކްޓަރަށް ދެއްކުމާއި ލޭގެ ސާމްޕަލް ނެގުމުގެ ޚިދުމަތްދޭ އެ ކްލިނިކް ގާއިމުކޮށްފައި ހުންނާނީ އައިޖީއެމްއެޗުގެ ބަލިމީހުން ބަލާ ކޮޓަރި ނަންބަރު 10 ނުވަތަ ކުރީގެ ޖީއޯޕީޑީ ސަރަހައްދުގައެވެ.
ފްލޫ ކްލިނިކުން ފަރުވާ ހޯދާ މީހުން ފުރަތަމަ ދާން ޖެހެނީ އީއާރް ޓްރިއޭޖް ކައުންޓަރަށް ކަމަށް އައިޖީއެމްޗުން ބުންޏެވެ. އަދި، ކިއުބީ ޓޯކެން ސިިސްޓަމްއިން ފުލޫ ކުލިނިކުގެ ޓޯކެން ނަންބަރެއް ނަގައިގެން ފުލޫ ކްލިނިކަށް ނުވަތަ އިމަޖެންސީ ރޫމަށް ދިއުމުން ޓްރައޭޖްއިން އިރުޝާދު ދޭނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
އެ ހޮސްޕިޓަލުން ވަނީ ޑޮކްޓަރަށް ދައްކަންދާއިރު މާސްކު އަޅައިގެން ދިޔުމަށް އިލްތިމާސްކޮށްފައެވެ.
ޙައްޖުގެ އަޅުކަމަށް މި އަހަރު 1،000 މީހުން ގޮސްފައިވާއިރު ޙައްޖުވެރިންގެ ފުރަތަމަ ފުލައިޓު ރާއްޖެ އަންނާނީ މިއަދު 14:00 އެހާކަންހާއިރެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ ކުޑަކުދިން ގޮވައިގެން ޙައްޖުވެެރިން ބަލާ އެއާޕޯޓަށް ނުދާން އިލްތިމާސްކޮށްފައެވެ.