ބ. ދަރަވަންދޫގައި ސަރުކާރުން ކުރިއަށް ގެންދާ ބޮޑެތި މަޝްރޫތައް ހުއްޓިފައިވާ ކަމަށާއި މަސައްކަތް ނިމިފައިވާ ނަރުދަމާ ވެސް ނުގުޅި ދެ އަހަރު ވެފައިވާ ކަމަށް ދަރަވަންދޫ ކައުންސިލުން ބުނެފިއެވެ.
'ސަން'އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ ސަމީހު ވިދާޅުވީ ނަރުދަމާއަކީ ފަތުރުވެރިކަން ފުޅާވަމުން އަންނަ އެ ރަށުގައި ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވާ އަސާސީ ޚިދުމަތެއް ކަމަށާއި ވަރަށް ގިނަ ފައިސާ އެ ކަމަކަށް ޓަކައި ހޭދަކުރާ ކަމެއް ކަމަށެވެ.
ނިމިދިޔަ ސަރުކާރުން ފެށި އެ މަސައްކަތް އެއްކޮށް ކަހަލަ ގޮތަކަށް ނިމިފައިވާކަން ފާހަގަކޮށް ސަމީހު ވިދާޅުވީ އެ މަސައްކަތް ވެސް މި ސަރުކާރުން ވެރިކަމަށް އައިފަހުން ހުއްޓިފައިވާ ކަމަށެވެ.
ދަރަވަންދޫގައި ހުއްޓިފައިވާ މަޝްރޫތަކަކީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން އެ ރަށުގައި ފަށާފައިވާ މަޝްރޫތައް ކަން ވެސް ފާހަގަކުރެއްވިއެވެ.
ރައްޔިތުން ފެންބޮވައިގެންފައި ތިބި އެ ޚިދުމަތުގެ ފޮނިރަހަ އަދި ނުލިބި މި ދަނީ. ދެ އަހަރު ވަނީ މި ސަރުކާރަށް އެކަމަކު ނިމިފައި އޮތް ކަމެއްގެ ޚިދުމަތް ނުފެށިގެން މި އުޅެނީ. އެހެންވީމަ މިއީ ރައްޔިތުން ވަރަށް ހިތާމަކުރާ ކަމެއް. ވަރަށް ކަންބޮޑުވާ ކަމެއް. ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ ސަމީހު
ސަމީހު ވަނީ ފަށައި، މަޑުޖެހިފައިވާ ޕްރޮޖެކްޓުތަކަށް ސަމާލުކަންދީ ޚިދުމަތް އަވަސްކުރަން ސަރުކާރަށް ގޮވައިލައްވައިފައެވެ. އެ ރަށުގެ ރައްޔިތުން އުޅެމުންދަނީ ތަކުލީފުގައި ކަމަށާއި ފަތުރުވެރިކަން ކުރިއަރަމުންދާ ރަށަކަށްވުމުން އެ ޚިދުމަތް ނުލިބުމަކީ އެ ކަމާ ރަށުގެ ރައްޔިތުންނާއި ކައުންސިލުން ހިތާމަކުރާ ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
"ވަރަށް މުހިންމު ޚިދުމަތެއް މި ޚިދުމަތަކީ. އެހެންވީމަ މިފަދަ ޚިދުމަތްތަކުން އަޅުގަނޑުމެން މަހުރޫމު ނުކުރާށޭ ދަންނަވާނީ،" ސަމީހު ވިދާޅުވިއެވެ.

ބ. ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ ސަމީހު 'ސަން'އަށް އިންޓަވިއު ދެއްވަނީ -- ސަން ފޮޓޯ
މީގެ އިތުރުން ސަމީހު ވަނީ ނިމިދިޔަ ސަރުކާރުގައި ބަނދަރުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށާއި އެ މަސައްކަތަކީ ވެސް ކައުންސިލުން ވަރަށް މަސައްކަތް ކޮށްގެން ލިބުނު ފުރުސަތެއްކަން ފާހަގަކުރައްވާފައެވެ. ނަމަވެސް މަސައްކަތް ފެށި، ސަރުކާރު ބަދަލުވުމާއެކު އެ މަސައްކަތް ވަރަށް ބޮޑަށް މަޑުޖެހިފައިވާކަން އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.
ސަމީހު ވިދާޅުވީ ބަނދަރުގެ މަސައްކަތް މިހާރު މަޑުޖެހި ހުއްޓިފައި ވަނީ ބޮޑުހިލަ ލިބުމުގައި ދަތިކަން ހުރުމުން ކަމަށެވެ. ނަމަވެސް އުންމީދުކުރަނީ ހިލަ ލިބުނުހައި އަވަހަށް ބަނދަރުގެ މަސައްކަތް ނިމުން ކަން އޭނާ ފާހަގަކުރެއްވިއެވެ.
އެންމެ މުހިންމު ކަމެއްދީގެން އަޅުގަނޑުމެން ކުރަން ނިންމި ކަމެއް ބަނދަރު ނިންމުމުގެ މަސައްކަތަކީ. ބަނދަރުގެ ބޭރުތޮށި ލުމާއި ބަނދަރު ބޮޑުކުރުމާއި މި ކަންތައްތަކަކީ. ކައުންސިލްގެ ރައީސް އަލީ ސަމީހު
މި ޕްރޮޖެކްޓުތަކުގެ އިތުރުން ވެސް ދަރަވަންދޫގައި މިސްކިތެއް އެޅުމުގެ މަސައްކަތާއި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އިތުރުން ސަކޫލުގެ އައު އިމާރާތަކާއި ޕޮލިސް ސްޓޭޝަނެއްގެ މަސައްކަތް ވެސް އެ ރަށުގައި ކުރުމަށް ބަޖެޓުކޮށްފައިވާކަން ކައުންސިލްގެ ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ދަރަވަންދޫއަށް ޒިޔާރަތްކުރާ އަހަރުގެ ގޮތުގައި މި އަހަރު ފާހަގަކުރަމުން އަންނައިރު ރަށުގެ ރައްޔިތުންނަށް ބޭނުންވާ މިފަދަ އަސާސީ ބައެއް މަޝްރޫތައް މަޑުޖެހިފައި ހުރުމުން ކައުންސިލުން ވަނީ އެ ކަންކަން ވީހާ ވެސް އަވަހަށް ފަށައި ނިންމައިދިނުމަށް ސަރުކާރަށް ގޮވައިލާފައެވެ.