ދިވެހި ރަށްތަކުގެ ޠަބީއަތަކީ ފެހިކަމާއި، ސާފު މޫދާއި، ދޮންވެލި ތުނޑިތަކެވެ. ދިވެހީންގެ ވެއްޓަކީ މި ޠަބީއަތެވެ. ނަމަވެސް މި ވެށި އެހާ ފަސޭހައިން މިއަދު ގުރުބާންކޮށްލަނީ މިލިއަނުން ފައިސާ ހޭދަކޮށްގެން ހޯދާ މާ މޮޅު އެއާޕޯޓަކަށެވެ.
އެ ކަމަށް ޓަކައި، ފަޅުތެރެ ހިއްކައި، ވާތައް ކޮށައި ހުސްކުރަނީ އެތައް ރައްޔިތަކު ގުދުރަތީ ވަސީލަތްތަކުން ހޯދާ ނަފާވެރިކަން މުޅިން ހުއްޓުވަމުންނެވެ. ނަމަވެސް ނ. ކެނދިކުޅުދޫގެ ރައްޔިތުންނާއި، ރަށުގެ ވެރީންގެ ވިސްނުން މުޅިން ތަފާތެވެ.
އެ ރަށު ރައްޔިތުންނަށް މުހިންމުވީ ގުދުރަތީ ބިން، ގުދުރަތީ ވަސީލަތްތަކުން ހޯދާ ނަފާވެރިކަމަށް ބޭނުންކުރުމެވެ.

ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ ބިން ހިއްކާފައި: -- ފޮޓޯ/ އެޗްޑީސީ
އެގޮތުން މިއަދު މި ވަނީ، މަދު ގަހާއި، ރުއް އިންދައި، ރަށުގެ ފެހިކަން އިތުރުކޮށް، ފުޑް ސެކިއުރިޓީ ނުވަތަ ކާބޯތަކެތީގެ ކަށަވަރުކަން ގާއިމްކުރުމަށް ރަށު ކައުންސިލުން ފެށި މަސައްކަތާއެކު، މިލިއަން ރުފިޔާގެ އާމްދަނީ ލިބެން ފަށައިފިއެވެ.
ކެނދިކުޅުދޫ ކައުންސިލުގެ ރައީސް މުޙައްމަދު ރައޫފް "ސަން"އަށް ވިދާޅުވީ، މިހާރުގެ ކައުންސިލުން އެންމެ ފުރަތަމަ މަސައްކަތް ފެށީ، ކައުންސިލް އިންތިޚާބަށްފަހު، ކޮވިޑުގެ ދުވަސްވަރު، ރަށުގައި ކާބޯތަކެތީގެ ކަށަވަރުކަން ގާއިމްކުރުމަށް، ބަނބުކެޔޮފަދަ ގިނަ ދުވަސްވަންދެން ރައްކާކުރެވޭ ބާވަތުގެ ގަސް ހެއްދުމަށް ކަމަށެވެ.
އެއާއެކު ކައުންސިލާ ހަވާލުވެ، ފުރަތަމަ ފެށީ 10،000 ރުއް އިންދުމުގެ ޕްރޮގްރާމެކެވެ. މިހާރު ވަރަށް ގިނަ އަދަދެއްގެ ރުއް އިންދިފައިވާކަން ފާހަގަކުރައްވައި، ރައުފް ވިދާޅުވީ އެ ކަމުގެ މަންފާ ލިބެމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ، ރަށުގެ ރައްޔިތުންނަކީ، ރަށުގެ މިދިލި ގަސްތަކުން، ކަނަމަދު ހޮވައިގެންނާއި، ފަންގިވިދެގެން، "ވަލަށް ބަރޯސާވެ" އާމްދަނީ ހޯދަމުން އައި ބައެއް ކަމަށެވެ.

މިދިލި ގަސް އިންދުމުގެ މަސައްކަތް ކުރާ ސަރަހައްދު -- ފޮޓޯ: އެކްސް ވީޑިއޯ/ ލޫކަސް ޖަލީލު
ނަމަވެސް ރަށުގެ ތަރައްގީގެ އެކި މަސައްކަތްތަކަށް އެކި ބިންތަކުން މިދިލި ގަސްތަކާއި، އެ ނޫން ވެސް ގަސްތައް ހުސްކޮށްފައިވާ ކަމަށް ރައުފް ވިދާޅުވިއެވެ. އެހެންވެ މިހާރު ފެށި މަސައްކަތަކީ އެ ގަސްތައް އަލުން އިއާދަކުރުމުގެ ގޮތުން، އަލުން މިދިލިގަސް ހައްދަން ފެށުން ކަމަށް ފާހަގަކުރެއްވިއެވެ.
"އަވަށާ ދުރު ހިސާބެއްގައި މިދިލި ގަހަށް ޚާއްސަކޮށް ސަރަހައްދެއް ހަމަ ކަނޑައަަޅައިގެން އެ ތަނުގައި މިދިލި އިންދައިގެން ކައުންސިލުގެ ނައިބު ރައީސްގެ ބެލުމުގެ ދަށުން ކުރިއަށް އެ ގެންދަނީ އެ ޕްރޮގްރާމް،" ރައޫފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ބަނބުކެޔޮ ގަހަށް ވެސް ޚާއްސަ ވަކި ސަރަހައްދެއް ކަނޑައަޅައިގެން، ބަނބުކެޔޮ ގަސް އިންދުމުގެ މަސައްކަތް ކުރަން ވެސް ނިންމައިފައިވާ ކަމަށެވެ.
އޭގެ އިތުރުން ޗަކަބިމުގައި އޮޅުއަލަ ފަދަ، ގަސް އިންދުމުގެ ޕްރޮގްރާމެއް ވެސް ރޭވިފައިވާ ކަމަށް ރައުފް ވިދާޅުވިއެވެ.
"ފުޑް ސެކިއުރިޓީ. އަޅުގަނޑުމެންގެ ވަރަށް ބޮޑަށް ވިސްނުން އެބަހުރި ރަށުގެ، ރަށަކީ ބޮޑު ރަށަކަށް ވެފައި، ބިން ވެސް މިކަހަލަ ކަންކަމަށް އެބަ ލިބޭ، އެހެންވީމާ އެ ގޮތަށް ގެންދާ ޕްރޮގްރާމެއްގައި، ރަށްފެހިކުރުމާއި މި ކަންކަމުގެ ތެރެއިން ރަށަށް ނަފާހޯދަން އެއީ ކައުންސިލްގެ ވަރަށް ބޮޑު ވިސްނުމެއް،" އޭނާ ވިދާޅުވިއެވެ.
ކެނދިކުޅޫދޫއަށް، ކަނަމަދު ވިއްކައިގެން އެކަނި ވެސް އަހަރަކު ދެ މިލިއަން ރުފިޔާގެ އާމްދަނީ ލިބެއެވެ. ފަންގި ވިނެގެން ވެސް މިލިއަނުން އާމްދަނީ ލިބެއެވެ.
"އަޅުގަނޑުމެންގެ ކުޑައިރުގައި ވެސް މަސްވެރިކަން އެހާ ރަނގަޅު ނޫނަސް، އަޅުގަނޑުމެންގެ ރަށުގެ ފަނާއި، ކަނަމަދާ މިކަހަލަ އެއްޗެހިން އަޅުގަނޑުމެންގެ މައިންބަފައިން، ކާބަފައިން ވެސް ރަށުގެ އިގްތިޞާދު ހިފަހައްޓައިފައި މި އޮތީ. އެހެންވީމާ އަަޅުގަނޑުމެން އޭތި ސަސްޓެއިން (ދަމަހައްޓަން) ބޭނުންވާތީވެ، ކައުންސިލްގެ ނިންމުމަކީ ރަށުގައި މީގެ ކުރިން ވެސް މި ހުރި ކަންކަމަށް ހުރަސް ނޭޅޭ ގޮތަށޭ ޑިވެލޮޕްމަންޓު ގެންނާނީ،" ރައޫފް ވިދާޅުވިއެވެ.

ނ. ކެނދިކުޅުދޫ -- ފޮޓޯ: ވިޒިޓް ކެނދިކުޅުދޫ/ ފޭސްބުކް
ގުދުރަތީ ބިން ނެތި ނުކުރާނަން
ރައޫފް ވިދާޅުވީ، ރަށުގެ ގުދުރަތީ ފަސްގަނޑުގައި ސިނާއީ ބޭނުމަށް އިމާރާތްތައް އަޅައި ފުރައިލުމަކީ، ރައްޔިތުންނާއި ކައުންސިލުން ވެސް އެދޭ ގޮތެއް ނޫން ކަމަށެވެ.
އޭނާ ދެކިލައްވާ ގޮތުގައި، ބޯހިޔާވަހިކަަމަށް ނުވަތަ ސިނާއީ ބޭނުމަކަށް ނަމަވެސް ރަށެއްގައި ބިން ހިއްކަންވާނީ، ކުރިއާލައި ރާވައިގެންނެވެ.
"ކައުންސިލަށް ވިސްނިފައި މި އޮތީ، އަދި އަޅުގަނޑުމެންގެ ރަށުގެ ގިނަ ރައްޔިތުންނަށް ވިސްނިފައި މި އޮތީ ރަށް ފުރުނީމާއެއް ނޫނޭ ރަށް ހިއްކަންވީ. ގުދުރަތީ ލޭންޑް ބޭނުންކުރާނީ ދަނޑުވެރިކަމާއި، މިކަހަލަ ކަންކަމަށޭ. ރިޒާވް ލޭންޑް (ހިއްކާ ބިން) ބާއްވާނީއޭ ސިނާއީ އެކިއެކި މަސައްކަތްތަކަށް،" ރައުފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ބިން ހިއްކުމާއެކު ދެން ވިސްނުމަކީ ކައިރި ފަޅު ރަށެއް ހޯދައިގެން، ކައިރި ރަށްރަށަށް ވެސް ބޭނުންކުރެވޭހެން ތަރައްގީކުރުން ކަމަށެވެ.
ކެނދިކުޅުދޫއިން މި ކިޔައިދެނީ، ގުދުރަތީ ވެށީގެ އަގުބޮޑުކަމާއި، ހޯދޭނެ ނަފާވެރިކަމެވެ. އަދި ގުދުރަތީ ބިމުގެ ބޭނުން ރަނގަޅަށް ހިފައި، ބިން ހިއްކައި އެ ބިމުގެ ބޭނުން ރަނގަޅަށް ހިފާނެ ވެސް ގޮތެވެ.
މޫސުމީ ބަދަލުތަކުގެ ތެރޭ ރާއްޖޭގެ ވެއްޓާއި، މޫސުމަށް އަންނަ ބަދަލުގައި އެންމެ މުހިންމީ ގުދުރަތީ ވެށި ނެތިދިޔަ ނުދީ ހިމާޔަތްކުރުމެވެ.
comment ކެނދިކުޅިދޫ
2 day 5 hour ago
ދިރާސާ ބުނަނީ ކެނދި އެއީ ކަނދުގަހުގަ އަޅާއެއްޗެއްކަމަށް އެކަމަކު އެހެނެއްނޫން ކެނދި އެއީ ކެނދިގަހުގަ އަޅާ ކެނދި ނަން ބައެއްރަށްރަށުގަ ކެނދި ކާށިވެސް ކިޔާ ކަަނދުގަހަކީ ކެނދި އަޅާނީ ކަނދުމާ ރަށުގެ ނަމާ ބެހޭގޮތުން ބުނެފއައިވާގޮތް ރަނގަޅު ކަމަށް ބެލެވޭ
comment ދިރާސާ
6 day 8 hour ago
އަޅުގަނޑުގެ ދިރާސާއިން ދައްކާ ގޮތުގައި މިރަށުގެ ނަން މިވަނީ ކޮންމެވެސް ވަރަކަށް ބަދަލުވެފައި. ރަށުގެ އަސްލު ނަމަކީ ކެނދިކުޅިދޫ. ކެނދި އަކީ ކަނދުގަހުގަ އަޅާ ވަކި. ކުޅުދޫ ކިޔަންޖެހޭ އެއްވެސް ސަބަބެއްނެތް. ބައިވަރު ކުޅި އޮތް ރަށެއްމީ އެހެންވީމާ "ކުޅި" މިބަސް މިހާރު އެވަނީ "ކުޅު" މިގޮތަށް ބަދަލުވެފައި. އަސްލު ނަމަކީ "ކެނދިކުޅިދޫ"
comment ބާރީ
1 week 9 hour ago
50 އަހަރު ނަގާނެ ރިކަވާ ކުރަން.
comment ނަބީހް
1 week 11 hour ago
ކެނދިކުޅުދޫއަކީ ނ. އަތޮޅުގެ އިރު އުތުރުގައި އޮންނަ ބިންގަނޑު ރަނގަޅު، ކުޅިތައް ގިނަ ޤުދުރަތީ ރީތީ ރަށެއް. ރާއްޖޭގެ އެންމެ ކުޅިތައް ގިނަ އެއް ރަށް.މި ރަށުގައި ދިހަބާރަ ވަރަކަށް ކުޅި އޮންނައިރު، ދިގުމިނުގައި 4.9 ކިލޯމީޓަރު ހުރޭ. ރަށުގެ ދިގުމިނާއި އަޅާ ބަލައި ރަށް ފުޅާ ނުތްވަސް 200 ހެކްޓަރު ހުންނަ ރާއްޖޭގެ ނިސްބަތުން ބިން ބޮޑު ރަށެއް. "ލާމަސީލޭ މި ޖައްވާ ވަޔާ ހާމަ ވެއްޓާ ކަނޑާ ކަނޑުގެ އައްސޭރިޔާ ޤުދުރަތުގެ ފެހިކަމާ ފިޠުރަތުގެ ނަލަކަމާ ފުދިއިތުރުކަމާ ދިރުންހުރި މި ތާހިރުކަމާ އަދި ހިމާޔަތް ނުކޮށް ވާނެތޯ؟ ހެދި މި ފޯދޭ ރުކާ ގަސްގަހުން ދޭ ހިޔާ ލާމަސީލޭ މި ޖައްވާ ވަޔާ އަޑުއަޑުން ލަވަކިޔާ ދޫނި މުނިޔާތަކާ ބަނޑުޖަހަން ތިރިވެލަން އާދަކުރި އިންތަކާ ހަޑިކުރަން އާދެ ހެޔޮވާނެތޯ؟ ދަނޑުގެ ފެހި ސާލު ގޮނޑުދޮށުގެ ރިހި ދޫލަޔާ ލާމަސީލޭ މި ޖައްވާ ވަޔާ" (ޅެން- ޔޫސުފް މުޙައްމަދުފުޅު)
comment އަޙްމަދު
1 week 1 day ago
ރުއްތަކާއި ގަސްތައް ވިއްކާފަ ދެން ގަސް ތި އިންދަނީ އެކަން ފޮރުވަންވެގެން.