އީރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ ޢަލީ ޚާމާނާއީ އަވަހާރަކޮށްލުމަށް އިސްރާއީލުން ރާވާފައިވާ ޕްލޭނަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެކޮޅު ހައްދަވާފައިވާ ކަމަށް އެމެރިކާގެ ތިން އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
ބީބީސީގެ އެމެރިކާގެ ނޫސް ސީބީއެސްއަށް ދެއްވި އިންޓިވިއުއެއްގައި އޮފިޝަލަކު ވިދާޅުވި ގޮތުގައި ޚާމަނާއީ އަވަހާރަކޮށްލުމަކީ "ރަނގަޅު ޚިޔާލެއް ނޫން" ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ޓްރަމްޕް ދެންނެވިއެވެ.
ނަމަވެސް އެކަމާ ގުޅޭގޮތުން ޓްރަމްޕް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
ޓްރަމްޕާއި ނަތަންޔާހޫ އެގޮތަށް ވާހަކަފުޅު ދައްކަވާފައި ވަނީ ހުކުރު ދުވަހު އިސްރާއީލުން އީރާނަށް ހަމަލާތައް ދޭން ފެށިފަހުން ކަމަށް ބެލެވޭ ކަމަށް ވެސް ބޭރުގެ މީޑިއާތައް ބުނެއެވެ.
އެމެރިކާ އާއި އިސްރާއީލުގެ މަސްދަރުތަކާ ހަވާލާދީ ރޮއިޓާސްއިން ބުނީ ޚާމަނާއީ އަވަހާރަ ކޮށްލަން އިސްރާއީލަށް ފުރުސަތު ލިބުނު ނަމަވެސް އަސްކަރީ ޕްލޭން އިސްރާއީލުން ކުރިއަށް ނުގެންދިޔައީ ޓްރަމްޕް އެކަމާ ދެކޮޅު ހެއްދެވުމުން ކަމަށެވެ.
ޚާމަނާއީ އަވަހާރަކޮށްލުމުގެ ޕްލޭނެއް ޓްރަމްޕް ވީޓޯ ކުރައްވާފައިވާ ކަމަށްބުނެ ރޮއިޓާސް އިން ނެރުނު ރިޕޯޓާ ބެހޭ ގޮތުން ފޮކްސް ނޫހުން ކުރި ސުވާލަށް ޖަވާބު ދެއްވުމަށް ނަތަންޔާހޫ ވަނީ ދެކޮޅު ހައްދަވާފައެވެ.
"ދުވަހަކު ވެސް ނުހިނގާ ވާހަކަތަކުގެ ދޮގު ރިޕޯޓްތައް ވަރަށް ގިނަ. އެކަމުގެ ތެރެއަށް އަޅުގަނޑު ނުވަންނާނަން،" ނަތަންޔާހޫ ވިދާޅުވިއެވެ.
"ނަމަވެސް އަޅުގަނޑުމެން ކުރަންޖެހޭ ކަންތައްތައް ކުރާނަން އަދި އަޅުގަނޑަށް ހީވަނީ އެމެރިކާއަށް އެނގޭނެހެން އެމެރިކާއަށް ރަނގަޅު ކަންތައްތައް،"
އިސްރާއީލުގެ އޮފިޝަލަކު ސީބީއެސް ނިއުސްއަށް ވިދާޅުވީ ގޮތުގައި "އުސޫލީ ގޮތުން" އިސްރާއީލުން ސިޔާސީ ލީޑަރުން ނުމަރާނެއެވެ. އަދި ފޯކަސް ކުރަނީ ނިއުކްލިއާ އަދި އަސްކަރީ ކަންކަމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިސްރާއީލުން ފުރަތަމަ ހަމަލާ ދޭން ފެށީ އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށް ހުކުރު ދުވަހުއެވެ. އޭގެ ފަހުން ދެ ގައުމުން ވެސް އަންނަނީ ހަމަލާތައް ބަދަލު ކުރަމުންނެވެ.
މެދުއިރުމަތީގެ ހާލަތު ގޯސްވަމުންދާ ގޮތާ ބެހޭ ގޮތުން ޓްރަމްޕްގެ ޓްރޫތް ސޯޝަލްގައި އެންމެ ފަހުން ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ "އީރާނާއި އިސްރާއީލުން އެއްބަސްވުމެއް ހަދަން ޖެހޭ" ކަމަށާއި ނޫން ނަމަ އިންޑިއާއި ޕާކިސްތާންގެ ހަމަލާތައް ހުއްޓުވި ފަދައިން ދެ ގައުމުގެ ހަމަލާތައް ހުއްޓުވަން ޖެހިދާނެ ކަމަށެވެ.
އިންޑިއާއާއި ޕާކިސްތާނުން މިދިޔަ އޭޕްރީލް މަހު ބަދަލުކުރި ހަމަލާތައް ހުއްޓާލުމަށް އެއްބަސްވީ އެމެރިކާ މެދުވެރިންގެނެވެ.
ކެނެޑާގައި މިއަދު ފަށާ ޖީ7 ސަމިޓަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އެމެރިކާއިން އިސްރާއީލަށް ތާއީދު ކުރަމުން ގެންދާނެ ކަމަށެވެ. ނަމަވެސް އީރާނަށް ހަމަލާ ދިނުން ހުއްޓާލުމަށް އިސްރާއީލަށް ދަންނަވާފައިވާނެތޯ ކުރެއްވި ސުވާލަށް ޓްރަމްޕް ޖަވާބު ދެއްވާފައެއްނުވެއެވެ.
އެމެރިކާއާ އީރާނަށް ދިން ހަމަލާއާ އެއްވެސް ގުޅުމެއް ނެތް ކަމަށް މީގެކުރިން ޓްރަމްޕް ވަނީ ވިދާޅުފައެވެ.
"އަޅުގަނޑުމެންނަށް އެއްވެސް ގޮތަކުން އީރާނުން ހަމަލާއެއް ދީފިނަމަ، އެމެރިކާގެ ސިފައިންގެ ފުރިހަމަ ބާރު ކުރިން ނުފެންނަ ފެންވަރަކަށް ފެންނާނެ،" ޓްރަމްޕް ވިދާޅުވިއެވެ.