ޚަބަރު ކިޔަމުން ދަނިކޮށް، އިސްރާއީލުން އީރާނުގެ ދައުލަތުގެ މީޑިއާއަކަށް ހަމަލާދީފި

އީރާނުގެ ދައުލަތުގެ ޓީވީ ޗެނަލެއްގެ އިމާރާތަށް ހަމަލާ އެރި ވަގުތު --

އީރާނުގެ ދައުލަތުގެ ޓީވީ ޗެނަލެއް ކަމަށްވާ އައިއާރުއައިއެންއެންއިން ޚަބަރު މިއަދު ކިޔަމުން ދަނިކޮށް، އިސްރާއީލުން އެ ޓީވީގެ އިމާރާތަށް މިސައިލް ހަމަލާއެއް ދީފިއެވެ.

އައިއާރުއައިއެންއެންއަށް ހަމަލާ ދިން ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު އެ ވީޑިއޯއަކުން ފެންނަނީ، އަންހެނަކު ޚަބަރު ކިޔަން އިންދައި ވަރަށް ބާރު އަޑެއް އިވި، މަތިން އެއްޗެހިތަކެއް ވެއްޓޭ މަންޒަރެވެ. އަދި ޚަބަރު ކިޔުން ހުއްޓާލައިފައި އަންހެން މީހާ ދާއިރު، ސްޓޫޑިއޯ ތެރެއިން ބަޔަކު "الله أكبر" ކިޔާ އަޑުއިވެއެވެ.

ބޭރުގެ ބައެއް ނޫސްތަކުގައިވާ ގޮތުން، ޓީވީން ފެންނަން އިނީ ސަހަރު އިމާމީ ކިޔާ ނޫސްވެރިއެކެވެ. އެ ހަމަލާގައި އޭނާއާއި ސްޓޫޑިއޯގައި ދެން ތިބި މީހުންނަށް ވެސް އަނިޔާ ނުވާ ކަމަށާއި، ހަމަލާއަށް ފަހު ވެސް އޭނާ ޚަބަރު ކިޔަން އެރި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

އިސްރާއީލުން ދަނީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން އީރާނަށް މިސައިލް ހަމަލާތައް ދެމުންނެވެ. އެ ހަމަލާތައް ދެނީ އީރާނުގެ އަސްކަރީ ގާބިލުކަން ދަށްކުރުމަށް ކަމަށާއި އާންމުންނަށް އަނިޔާއެއް ދިނުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް އިސްރާއީލުން ބުނި ނަމަވެސް، އާންމުން ދިރިއުޅޭ ހިސާބުތަކަށް ވެސް އިސްރާއީލުން ހަމަލާތައް ދީފައިވެއެވެ.

އީރާނުން ދަނީ އިސްރާއީލަށް ރައްދު ހަމަލާތައް ދެމުންނެވެ. އެގޮތުން އީރާނުން މިހާރު ދެމުންދާ ހަމަލާތަކުގައި އިސްރާއީލުގެ ވަރުގަދަ ދިފާއި ނިޒާމު ފޫއަޅުވާލައި، މިސައިލްތައް ދަނީ އިސްރާއީލުގެ އެކި ހިސާބުތަކަށް އަރަމުންނެވެ.

އެ ހަމަލާތަކުގައި އިސްރާއީލުން ވެސް އާންމުން މަރުވެފައިވެއެވެ.

comment ކޮމެންޓް