ފިލްމު 'ހެރާ ޕެރީ 3' ޕަރޭޝްއާ ނުލާ ވެސް ކާމިޔާބުވާނެ ކަމަށް އަކްޝޭ ބުނެފި

ބޮލީވުޑް އެކްޓަރު އަދި ފިލްމު "ހެރާ ޕެރީ 3"ގެ ޕްރޮޑިއުސަރު އަކްޝޭ ކުމާރު--ފޮޓޯ/ޕިންކްވިލާ

މި ފަހަކަށް އައިސް މީޑިއާގެ ސަމާލުކަން ހޯދާފައިވާ ފިލްމު "ހެރާ ޕެރީ 3" އެ ފިލްމުގެ ކުރީގެ ދެ ބައިން ފެނުނު އެކްޓަރު ޕަރޭޝް ރާވަލްއާ ނުލާވެސް ކާމިޔާބުވާނެ ކަމަށް ގަބޫލުކުރާ ކަމުގައި އެކްޓަރު އަކްޝޭ ކުމާރު ބުނެފިއެވެ.

އަކްޝޭ މިގޮތަށް ބުނެފައިވާއިރު ޕަރޭޝް ވަނީ އެންގުމަކާ ނުލާ ކުއްލި ގޮތަކަށް ފިލްމު "ހެރާ ޕެރީ 3"ގެ ކާސްޓުން ވަކިވެފައެވެ. ޕަރޭޝް ފިލްމުން ވަކިވުމާ ގުޅިގެން ފިލްމުގެ ޕްރޮޑިއުސަރެއްގެ ހައިސިއްޔަތުން ފިލްމަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް ކޯޓުގައި ދައުވާ ކުރާނެކަން ވެސް އަކްޝޭ ވަނީ ކުރިން އިއުލާނުކޮށްފައެވެ.

އޭގެ ދުވަސްތަކެއް ފަހުން ޕަރޭޝް ވަނީ ފިލްމުން އޭނާއަށް ދިން އަގު އިންޓްރެސްޓާ އެކު ޕަރޭޝްގެ ވަކީލު މެދުވެރިކޮށް އަނބުރާ ދައްކާފައެވެ. ނަމަވެސް ފިލްމުގެ ޑައިރެކްޓަރު ޕްރިޔާދަރުޝަން ބުނެފައި ވަނީ މީޑީއާއާ ހަމައަށް ފިލްމުގެ ވާހަކަތައް ނުގެންގޮސް އެންމެ ފޯން ކޯލެއް މެދުވެރިކޮށް ވެސް ކަންކަން ނިންމާލެވުނީސް ކަމަށެވެ.

ފިލްމު "ހެރާ ޕެރީ"ގެ އެންމެ މުހިއްމު ރޯލްއިން ފެނިފައިވާ އެކްޓަރު ޕަރޭޝް ރާވަލް އަދި އަކްޝޭ ކުމާރު--ފޮޓޯ/ޕިންކްވިލާ

ފިލްމުގެ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރުގެ އިތުރުން އެ ފިލްމުގެ ކާސްޓުންގެތެރޭ ހިމެނޭ ސުނިލް ޝެޓީއަށް ވެސް އެ ޚަބަރު ވެގެންދިޔައީ ލިބުނު ވަރަށް ބޮޑު ޝޮކެއް ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. ޕަރޭޝް ފިލްމުން ވަކިވިކަން އެނގުނީ ސުނިލްގެ ދެ ކުދިން ކަމަށްވާ އަހާން އާއި އަތިޔާގެ ފަރާތުން ކަމަށާއި އެ ޚަބަރު ގަބޫލުކުރަން ވެސް އުނދަގޫވިކަމަށް ސުނިލް ވަނީ ބުނެފައެވެ.

ކޮންމެއަކަސް މިހާތަނަށް އާއްމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އައި ކާމިޔާބު ފްރެންޗައިސް "ހެރާ ޕެރީ"ގެ ތިން ވަނަ ފިލްމަކީ ވެސް ކާމިޔާބު ފިލްމަކަށްވާނެ ކަމަށް އުއްމީދުކުރާ ކަމަށް އަކްޝޭ ވަނީ ފިލްމު "ހައުސްފުލް 5" ޕްރޮމޯޝަން އިންޓަވިއުއެއްގައި ވެސް ބުނެފައެވެ.

ފިލްމުން ޕަރޭޝް ވަކިވިޔަސް އެކަމާ ގުޅިގެން އެއްވެސް ހިތުގައި އެއްވެސް ރުޅިވެރިކަމެއް ނެތް ކަމަށާއި ޕަރޭޝްއާ އެކު އަކްޝޭ ވަނީ 32 އަހަރު ވަންދެން މަސައްކަތްކޮށްފައި ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

ޕަރޭޝް ފިލްމު "ހެރާ ޕެރީ 3"އިން ވަކިވި ނަމަވެސް ކުރިއަށް އޮތް ތަނުގައި އެ ފިލްމުގެ މަސައްކަތް އޮމާންކަމާއެކު ކުރިއަށްދާނެ ކަމަށް އުއްމީދުކުރާ ކަމަށާއި ބެލުންތެރިންގެ ތަރުހީބު ތިންވަނަ ފިލްމަށް ވެސް ލިބޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް އަކްޝޭ ވަނީ ބުނެފައެވެ.

comment ކޮމެންޓް