ސަލްމާންގެ 'ސިކަންދަރު'އަށް 10 މިލިއަން ޑޮލަރުގެ ގެއްލުން

ބޮލީވުޑް އެކްޓަރު ސަލްމާން ޚާން--ފޮޓޯ/ބޮލީވުޑްހަންގާމާ

މި އަހަރުގެ ފިޠުރު ޢީދު ބަންދާ ދިމާކޮށް ރިލީޒްކުރި ސަލްމާން ޚާންގެ ފިލްމު "ސިކަންދަރު" އޮންލައިންކޮށް ލީކުކޮށްލުމުގެ ސަބަބުން ފިލްމަށް ލިބުނު ގެއްލުން 10.9 މިލިއަން ޑޮލަރަށް އަރާ ކަމަށް އޮޑިޓު ރިޕޯޓުތަކުން ބުނެފިއެވެ.

ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް ސާޖިދުގެ އަމިއްލަ ފިލްމު ކުންފުންޏާއި ސަލްމާންގެ އެސްކޭ ފިލްމްސްއިން ގެނެސްދިން މި ފިލްމަށް ލިބުނު ގެއްލުމުގެ ބަދަލު ފިލްމުގެ އިންޝުއަރެންސް ކުންފުނި މެދުވެރިކޮށް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ފިލްމު ރިލީޒްކުރުމަށް ތާވަލުކުރެވިފައި އޮތް ދުވަހު އޮންލައިންކޮށް ފިލްމު ލީކުކޮށްލުމާ ގުޅިގެން ފިލްމަށް ވަރަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް އޭރު ވެސް ފިލްމު އެނަލިސްޓުން ވަނީ ބުނެފައެވެ. ފިލްމު ލީކުކޮށްލުމުގެ ސަބަބުން ފިލްމަށް ލިބެންޖެހޭ އާމްދަނީގެ މިންވަރާއި ގެއްލުމުގެ މިންވަރު ވަޒަންކުރުމުގެ ގޮތުން މި ފިލްމު ގެނެސްދިން ދެ ކުންފުނިން ވަނީ ތަފުސީލު ފެންނަހެން ޚާއްސަ އެސެސްމެންޓްތަކެއް ވެސް ވަނީ ހަދާފައެވެ.

ފިލްމު "ސިކަންދަރު"ގެ މަންޒަރެއްގައި ސަލްމާން ޚާން އަދި ބަތަލާ ރަޝްމިކާ--ފޮޓޯ/ބޮލީވުޑްހަންގާމާ

ފިލްމީ ޚަބަރުތައް ބުނާގޮތުން 10.9 މިލިއަން ޑޮލަރުގެ އަދަދު ނެރެފައިވަނީ މިއީ ބެންޗްމާކެއް ބޮކްސް އޮފީހުގައި ޤާއިމުކުރާނެ ފިލްމެއް ކަމަށް ބަލާފައެވެ.

އޭގެ ތެރޭގައި ފިލްމު ސިނަމާތަކަށް ދޫކޮށްލުމުގެ ކުރިން ފިލްމަށް ލިބޭނެ އާމްދަނީގެ އަދަދު ވެސް އަންދާޒާކޮށްފައިވާނެ ކަމަށާއި ތިއޭޓަރުތަކުގެ އޮކިއުޕެންސީ ޓްރެންޑްތަކާއި ފިލްމު ލީކުވުމަށް ފަހު އެކި ތިއޭޓަރުތަކުން އާމްދަނީ ދަށްވި މިންވަރު ވެސް ހިމެނޭކަމަށް މި އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޕްލެޓްފޯމްތަކުގައި ޤާނޫނާ ޚިލާފަށް ޑައުންލޯޑު ކުރެވުނު އަދި ސްޓްރީމް ކުރެވުނު މިންވަރު ދެނެގަތުމަށް ޑިޖިޓަލް ފުޓްޕްރިންޓް ޓްރޭސިންގް ޓޫލްތައް ވެސް ބޭނުންކޮށްފައިވާ ކަމަށް އެ ރިޕޯޓުގައި ވަނީ ހިމަނާފައެވެ.

މި އަހަރު ރިލީޒްކުރާނެ ކަމަށް ބެލެވުނު ސަލްމާންގެ އެންމެ ކާމިޔާބު ފިލްމު "ސިކަންދަރު" ރަސްމީކޮށް ރިލީޒް ނުކުރަނީސް ޓެލެގްރާމް ގްރޫޕްތަކާއި، ބައެއް އޮންލައިން ޕްލެޓްފޯމްތައް ކަމަށްވާ ފިލްމީޒިއްލާ، މޫވީރަލްޒް އަދި ޓެމިލްރޮކާސްގައި ވަނީ ސްޓްރީމްކުރަން ފަށާފައެވެ.

ޖުމްލަ 2.32 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފެއްދި ފިލްމު "ސިކަންދަރު" ސިނަމާތަކުން ނެގިއިރު ބޮކްސް އޮފީހުގައި ފިލްމަށް ލިބިފައިވަނީ ދެ މިލިއަން ޑޮލަރުގެ އާމްދަނީއެވެ.

comment ކޮމެންޓް