ކަންގަނާއަކީ ވަރަށް ކަމުނުދާ ސިޔާސީ ލީޑަރެއް ކަމަށް ބުނެފި

ސިޔާސީ ދާއިރާގައި މިހާރު މަސައްކަތް ކުރަމުން އަންނަ ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނައުތުއަކީ ވަރަށް ކަމުނުދާ ސިޔާސީ ލީޑަރެއްގެ ގޮތުގައި ފިލްމީތަރި ސްވަރާ ބާސްކަރުގެ ފިރިމީހާ ފަހަދު އަހްމަދު ސިފަކޮށްފިއެވެ.

އަންހެނުން ސްވްރާއާ އެކު ފިލްމީގިޔާންގެ ޝޯއެއްގައި ވާހަކަދައްކަމުން ފަހަދު ބުނީ، ފިލްމީ ތަރިއެއްގެ ހައިސިއްޔަތުން އެއީ ކޮންކަހަލަ މީހެއްކަން ބުނެދޭން ނޭނގޭނެ ކަމަށެވެ. އެހެންނަމަވެސް، އެއީ ވަރަށް ކަމުނުދާ ސިޔާސީ ލީޑަރެއްކަން ބުނަން ކެރިދާނެ ކަމަށް އިންޑިއާގެ ސިޔާސީ ޕާޓީ އެންސީޕީ (އެސްޕީ) މެންބަރު ވަނީ ބުނެފައެވެ.

ފިލްމީ ތަރިން ކަންގަނާ އަދި ސްވަރާ ފިރިމީހާ ފަހަދުއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ފަހަދު މިގޮތަށް ބުނެފައިވަނީ ދާދިފަހުން ކަންގަނާ މަޖިލީހުގައި ތަމުސީލުކުރާ އިންޑިއާގެ ހިމާޗަލް ޕްރަދޭޝްގެ ސިޓީ މަންޑީގައި ފެންބޮޑުވި ހާދިސާއާ ގުޅިގެން ބަތަލާ އަމަލުކުރި ގޮތުން ކަމަށް މި ޝޯގައި ވަނީ ބުނެފައެވެ.

ލޯކް ސަބާގައި މަންޑީ ރަމްޒުކޮށްދޭ މެންބަރެއްގެ ހައިސިއްޔަތުން އާއްމު ރައްޔިތުން އެކަމަށް ހައްލެއް ހޯދުމަށް އެދުމުން ޖަވާބުގައި ކަންގަނީ ބުނެފައިވަނީ އޭނާއަކީ ޤައުމުގެ ބޮޑުވަޒީރު ނޫން ކަމަށާއި މިނިސްޓަރެއް ވެސް ނޫން ކަމަށެވެ. އެހެންކަމުން އެކަމަށް ހައްލެއް ހޯދުމަށް ކަންގަނާއަށް ކުރެވޭނެ މާ ބޮޑުކަމެއް ނެތް ކަމަށް ބުނެފައިވާ ކަމަށް ފަހަދު ވަނީ ބުނެފައެވެ.

ނަމަވެސް، އެއާ ޚިލާފަށް ރަނގަޅު ސިޔާސީ ލީޑަރެއް ނަމަ އަމިއްލައަށް ތަމުސީލުކުރާ ރައްޔިތުންގެ ހައްގުގައި ސަރުކާރުގެ އިސް ފަރާތްތަކާ އެކު މަޝްވަރާކޮށް އެހީ ހޯދުމުގެ މަސައްކަތް ކުރެވުނީސް ކަމަށް ފަހަދު ވަނީ ބުނެފައެވެ.

ފިރިމީހާގެ މި ވާހަކަތަކާ ގުޅުވައިގެން ބަތަލާ ސްވަރާ ބުނެފައިވަނީ ކަންގަނާއަކީ އެކަމަކު ވަރަށް މޮޅު ފިލްމީތަރިއެއް ކަމަށެވެ. ހަމައެއާއެކު ކަންގަނާއަކީ އެއްވެސް ކަމެއްގައި ދޫނުދީ އަބަދު ވެސް ދިރިއުޅުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ ކެރިގެން ކުރިމަތިލާ ތަރިއެއް ކަމަށް ސްވަރާ ވަނީ ބުނެފައެވެ.

ކަންގަނާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ ބަތަލާ ޑައިރެކްޓްކޮށް ލީޑް ރޯލް ކުޅުނު ސިޔާސީ ފިލްމު "އިމަޖެންސީ"އިންނެވެ. ދާދި ފަހުން ކަންގަނާ ވަނީ ސިޔާސީ ދާއިރާގައި އުޅުނަސް އެކަމުން މާ ބޮޑު މަންފާއެއް ނުލިބޭ ކަމަށާއި އެއީ ވަރަށް ޚަރަދު ބޮޑު ދާއިރާއެއް ކަމަށް ސިފަކޮށްފައެވެ.

ބައެއް މީހުން ދެކޭގޮތުގައި ސިޔާސީ ލީޑަރުންނަކީ ވަރަށް ބޮޑު އާމްދަނީއެއް ލިބޭ ބައެއް ކަމަށާއި އެހެންވެ އެހީތެރިކަމަށް ގިނަ ބަޔަކު ސިޔާސީ މީހުންގެ ފަރާތުން އެދުނު ނަމަވެސް ހަގީގަތުގައި އެ މީހުންގެ އަތުގައި އެހީއަށް އަންނަ މީހަކަށް ދިށްކޮއްލާނެ އެއްޗެއް ނޯންނަ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

comment ކޮމެންޓް