އޭސީސީއާ ނުލައި ފުލުހުންނަށް ކޮރަޕްޝަން ނުބެލޭނެ: ސުޕްރީމް ކޯޓު

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ބައިވެރިވުމަކާ ނުލައި ފުލުހުންނަށް ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.

އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝައްމާން ވަހީދުގެ މައްސަލައިގައި ހައިކޯޓުން މީގެ ކުރިން ވަނީ ކޮރަޕްޝަންގެ މައްސަލައެއް ފުލުހުންނަށް އެކަނި ވެސް ތަހުގީގުކުރެވޭނެ ކަމަށެވެ. އެކަމަކު، އޭސީސީގެ ބައިވެރިވުމަކައިނުލާ އެ ފަދަ މައްސަލައެއް ތަހުގީގުނުކުރެވޭނެކަމަށް ކަނޑައަޅައިދޭން ޝައްމާންގެ ފަރާތުން ސުޕްރީމް ކޯޓަށް ވެސް ހުށަހެޅިއެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހައިކޯޓުގެ ނިންމުން ބާތިލުކޮށް، ފުލުހުންނަށް ކޮރަޕްޝަންގެ މައްސަލައެއް ތަހުގީގުކުރެވޭނީ އޭސީސީގެ ބައިވެރިވުމާ އެކު ކަމަށް ކަނޑައަޅައިފައެވެ.

އެ ނިންމުން ބާތިލުކުރި ނަމަވެސް ސުޕްރީމް ކޯޓުން ވެސް ނިންމީ ޝައްމާން ބަންދުގައި ބަހައްޓާށެވެ.

ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެއްލެވީ މި ފަހުން އެ ކޯޓަށް އައްޔަންކުރެއްވީ ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު އަބްދުﷲ ހަމީދުގެ އިތުރުން ފަނޑިޔާރު އާއިޝާ ޝުޖޫންއެވެ. އޭސީސީގެ ބައިވެރިވުމަކައިނުލާ ފުލުހުންނަށް އެކަނި ކޮރަޕްޝަންގެ މައްސަލަތައް ބެލޭނެ ކަމަށް ނިންމި ނިންމުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 76 ވަނަ މާއްދާއާ ފުށުއަރާ ކަމަށް ކަނޑައެޅީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

https://sun.mv/207453

ޝައްމާންގެ މައްސަލަ ފުލުހުން ތަހުގީގުކުރީ އޭސީސީގެ ބައިވެރިވުމަކައިނުލައެވެ. އެކަމަކު، އެ ކަމުގެ ސަބަބުން އޭނާ ބަންދުން ދޫކޮށްލަން ނުޖެހޭ ކަމަށް އަލަށް އައްޔަންކުރި ދެ ފަނޑިޔާރުން ވަނީ ކަނޑައަޅައިފައެވެ. އެހެންވެ، ސުޕްރީމް ކޯޓުން ވެސް ޝައްމާން މިނިވަނެއް ނުވިއެވެ.

ޝައްމާން ހައްޔަރުކުރީ، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އިމިގްރޭޝަންގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން އެ ފައިސާ ޝަމްއާން ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކުރާ މައްސަލައިގައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ތުހުމަތުގައި ޝައްމާންގެ މައްޗަށް ވަނީ ބޮޑު ތިން ދައުވާއެއް އުފުލައިފައެވެ. އެއީ:

  1. ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ: ސާބިތުވެއްޖެ ނަމަ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ މުއްދަތުގެ ޖަލު ހުކުމެއް އަތުވެދާނެ ދައުވާއެއް.
  2. ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ: ސާބިތުވެއްޖެ ނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަތުވެދާނެ ދައުވާއެއް
  3. މަނީ ލޯޑްރިންގެ ކުށުގެ ދައުވާ: ސާބިތުވެއްޖެ ނަމަ ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ކުށުގެ އަމަލު ހިންގުމުގައި ބޭނުންކުރި ފައިސާގެ ފަސް ގުނައަށްވުރެ އިތުރުނުވާ އަދަދަކުން ޖޫރިމަނާކުރުމާއެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލާނެ

މި މައްސަލައިގައި ޝައްމާންގެ އާއިލާއިން މީގެ ކުރިން ބުނީ، އޭނާ ހައްޔަރުކޮށްފައިވަނީ ހޯމް މިނިސްޓަރު އަލީ އިހުސާންގެ ކޮރަޕްޝަންގެ މައްސަލަތައް ރައްޔިތުންނަށް ހިއްސާކުރާނެކަމުގެ ބިރަށް، އެ ކަމަށް ފަސް އެޅުމުގެ ގޮތުންކަމަށެވެ. އަދި، ޝަމްއާން ބަންދުކުރަން އިހުސާން މަސައްކަތް ފެށި އަނެއް ސަބަބަކީ، އޭނާގެ އަތުގައި އިހުސާންގެ "ވީޑިއޯ"އެއް އޮތްކަން އިހުސާނަށް އެނގިލެއްވުމުން ކަމަށެވެ. އިހުސާނަށް އެނގިލެއްވިކަމަށް އެ ބުނަނީ ކޮން "ވީޑިއޯ"އެއް ކަމެއް އާއިލާގެ ބަޔާނުގައި ނުބުނެއެވެ.

ހޯމް މިނިސްޓްރީ ހިންގުމާއި އިމިގްރޭޝަން ބެލެހެއްޓުމުގައި އިހުސާން ވަނީ ކޮރަޕްޝަނުގެ އެތައް އަމަލުތަކެއް ހިންގާފައި ކަމަށް އާއިލާއިން ތުހުމަތުކުރިއެވެ.

އެކަމަކު، އެ ތުހުމަތުތައް ހޯމް މިނިސްޓަރު އިހުސާން ދޮގުކުރައްވައެވެ. އޭނާ ވިދާޅުވީ، ޝައްމާން ފްރޭމްކުރަންޖެހޭ ސަބަބެއް ނެތް ކަމަށާއި އޭނާއާ މައްސަލައެއް ވެސް ނުޖެހޭ ކަމަށެވެ. އެކަމަކު، އޮންނަ އުސޫލުގެ ތެރެއިން ކޮންމެ މީހަކު ކުށެއް ކުރުމުން ވެސް ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް