މި އަންނަ ހޮނިހިރު ދުވަހު ނެޓްފްލިކްސްއިން ޕްރީމިއާކުރާ ގޮތަށް ހަމަޖެހިފައިވާ "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ"ގެ ތިން ވަނަ ސީޒަންގެ ފުރަތަމަ އެޕިސޯޑު ގެނެސްދޭނީ ބޮލީވުޑް އެކްޓަރު ސަލްމާން ޚާންއާ އެކު ކަން ކަށަވަރުވެއްޖެއެވެ.
ނެޓްފްލިކްސްގެ ރަސްމީ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި އެކްޓަރު ސަލްމާން ޚާން އަދި ކޮމީޑިއަން ކަޕިލް ޝަރުމާ ފެންނަ ޝޯގެ ޕޯސްޓަރަކާ އެކު ބުނެފައި ވަނީ ތިން ވަނަ ސީޒަންއިން 'ސިކަންދަރު'އަށް މަރުހަބާ ކިޔުމަށް ތައްޔާރަށް ތިބި ކަމަށެވެ.
މިއީ މި އަހަރު ރިލީޒްކުރި ސަލްމާންގެ ފިލްމު "ސިކަންދަރު"އަށް ކުރިމިތިވި ނާކާމިޔާބީއަށްފަހު ސަލްމާން ބޮޑު އޯޑިއަންސަކާ އެކު ބެލުންތެރިންނަށް ފެންނާނެ ފުރަތަމަ ޝޯއެވެ.
ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ކަޕިލް ޝަރުމާގެ މި ކޮމެޑީ ޝޯގެ ތިން ވަނަ ސީޒަންގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ކުރިންވެސް މި ޝޯއިން ފެނުނު ނަވްޖޮތު ސިންގް ސިދޫ (ސިދޫ) ފެންނާނެކަން ދާދިފަހުން ވަނީ އިއުލާނުކޮށްފައެވެ.

ކަޕިލް "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ"ގެ ކާސްޓުންގެ ގޮތުގައި ފެންނަ ބައެއް ފަންނާނުންނާ އެކު--ފޮޓޯ/ޕިންކްވިލާ
އެހެންކަމުން އަރުޗަނާ މި ޝޯގައި ފުރަމުން އަންނަ ހާއްސަ ބޮޑު ގޮނޑިއަށް ފަންނާނަކު އިތުރުވިއިރު މި ޝޯ އިހުނަށްވުރެ މާފޯރިގަދަވާނެ ކަމަށް ނެޓްފްލިކްސްއިން ވަނީ ބުނެފައެވެ. ކަޕިލްއާ އެކު މި ފަހަރުގެ ސީޒައިންވެސް މަޝްހޫރު ކޮމީޑިއަނުން ކަމަށްވާ ސުނިލް ގްރޯވަ، ކްރުޝްނާ އަބިޝެކް އަދި ކިކޫ ޝަރުދާ ފެންނާނެއެވެ.
މީގެކުރިން ސޮނީ އެންޓަޓެއިންމަންޓް އަދި ކަލަސްއިން ގެނެސްދެމުން އައި ކަޕިލްގެ ކޮމެޑީ ޝޯ ނެޓްފްލިކްސްއިން ސްޓްރީމްކުރަން ފަށާފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 30އިން ފެށިގެންނެވެ.