އެފްއޭއެމް ކޮންގްރެސް މިމަހުގެ 27ގައި ބާއްވަނީ

ބޮޑެތި ނިންމުންތަކެއް ނިންމުމުގެ ގޮތުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މި އަހަރުގެ ކޮންގްރެސް މިމަހުގެ 27 ގައި ބާއްވަން ހަމަޖައްސައިފިއެވެ.

މިކަން އެ އިދާރާއިން ހާމަކޮށްފައިވަނީ މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ. މި ކޮންގްރެސްގައި އެންމެ ބޮޑު ކަމެއްގެ ގޮތުގައި އެފްއޭއެމްގެ 2023 އަދި 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި އޮޑިޓް ކުރެވިފައިވާ މާލީ ބަޔާންތައް ހުށަހެޅުން ހިމެނެއެވެ.

މީގެ އިތުރުން އެފްއޭއެމްގެ އިސްލާހުކުރެވިފައިވާ ހިންގާ ގަވާއިދާއި އިލެކްޓޯރަލް ކޯޑު ފާސްކުރުމަށް ހުށަހެޅުމަށް ނިންމާފައިވެއެވެ. މި ހިންގާ ގަވާއިދަކީ ކުލަބުތަކާ އޭއެފްސީ އަދި ފީފާގެ އެހީތެރިކަމާއެކު އެކުލަވާލާފައިވާ ގަވާއިދެކެވެ.

އެފްއޭއެމްގެ ކޮންގްރެސްގެ އެޖެންޑާގައި ދެން ހިމެނެނީ 2025 ވަނަ އަހަރުގެ ބަޖެޓު ހުށަހެޅުމާއި، 2025 އިން ފެށިގެން 2028 ވަނަ އަހަރުގެ ނިޔަލަށް އޮޑިޓުކުރާ އެކްސްޓާނަލް އޮޑިޓަރުން އައްޔަނުކުރުމެވެ. ދެން ހިމެނެނީ އިސްލާހުކޮށްފައިވާ ހިންގާ ގަވާއިދު ފާސްކުރުމާއި އިލެކްޓޯރަލް ކޯޑު ފާސްކުރުމެވެ.

ދެން މި ކޮންގްރެސްގައި ތާވަލުކޮށްފައިވަނީ އެފްއޭއެމްގެ އައު ހިންގާ ކޮމިޓީ ހޮވުމަށް އިންތިޚާބު ބާއްވާނެ ދުވަސް ކަނޑައެޅުމެވެ. މި ކޮންގްރެސް އާއެކު އެފްއޭއެމްގެ ނޯމަލައިޒޭޝަންގެ އެންމެ ފަހުގެ މަރުހަލާގެ މަސައްކަތް ފެށޭނެ ކަމަށް އެފްއޭއެމުން ބުނެއެވެ. އަދި އައު ހިންގާ ކޮމިޓީ ހޮވުމަށް އިންތިޚާބު ބާއްވާ ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު މި އަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭކަމަށް އެފްއޭއެމުން ބުނެއެވެ.

comment ކޮމެންޓް