ރަސްމާލެ ހިއްކުން: ސީއެމްސީސީސީން އެމްޓީސީސީއަށް 25.9 މިލިއަން ރުފިޔާ ދައްކަން ހުކުމްކޮށްފި

ރައީސް ޑރ. މުޙައްމަދު މުއިއްޒު، ފުށިދިއްގަރު ފަޅުގައި ހަދާ ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފައްޓަވައިދެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގައި މިހާތަނަށް އިފުތިތާހުކުރި ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ، ކ. ފުށިދިއްގަރު ފަޅު ހިއްކައިގެން ރަސްމާލެ ތަރައްގީ ކުރުމުގެ މަޝްރޫއުގައި، އެމްޓީސީސީން ހިއްކި 10 ހެކްޓަރު ބިމަށްވާ 1.68 މިލިއަން ޑޮލަރު (25.9 މިލިއަން ރުފިޔާ) އެ ކުންފުންޏަށް ދައްކަން، މަސައްކަތާ ހަވާލުވި ލަންކާގެ ކުންފުންޏަށް މިއަދު ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

ރަސްމާލެ ހިއްކަން ފެށީ 2023ވަނަ އަހަރުގެ ޑިސެމްބަރު 18 ގައި އަށް މަސް ދުވަހުގެ ތެރޭގައި ނިންމައިލާށެވެ.

އެ މަޝްރޫއަށް ފުރަތަމަ އެއްބަސްވުމެއް ހެދީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީސީ)އާ އެކުގައެވެ. އެކަމަކު، ފަހުން އެ އެއްބަސްވުން ސަރުކާރުން ބާތިލުކުރީ، ކޮންޓްރެކްޓަރަށް ބިންތަކެއް ނުދީ މަޝްރޫއު ގެންދަން ބޭނުންވާ ކަމަށް ބުނެއެވެ.

ސަރުކާރުން ބޭނުންވީ ކޮންޓްރެކްޓަރުން މެދުވެރިވެގެން ފައިނޭންސް ހަމަޖައްސައިގެން ޕްރޮޖެކްޓް ކުރިއަށް ގެންދާށެވެ. ފަހުން އެ މަސައްކަތް ހަވާލުކުރީ އިންޑިއާ އަދި ޗައިނާގެ ކުންފުނިތަކަކަށެވެ.

ރަސްމާލެ ހިއްކުމާ ގުޅޭ ގޮތުން އެމްޓީސީސީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ، ސީއެމްސީސީސީން ކ. ފުށިދިއްގަރު ފަޅުން 10 ހެކްޓަރު ބިން ހިއްކުމަށްޓަކައި އެމްޓީސީސީއާ ހަވާލުކޮށް މަސައްކަތް ނިންމައިފައިވީ ނަމަވެސް، މަސައްކަތުގެ އަގަށްވާ ފައިސާގެ ތެރެއިން އެއްވެސް މިންވަރެއް މިހާތަނަށް ދައްކައިފިނުވާ ކަމަށެވެ.

އެމްޓީސީސީން ހުށަހެޅީ، ދެ ފަރާތުގެ މެދުގައި ވެފައިވާ ކޮންޓްރެކްޓާ ޚިލާފުވެފައިވާ ކަމަށް ކަނޑައަޅައި، މަސައްކަތުގެ ޖުމްލަ އަގަށްވާ 1.68 މިލިއަން ޑޮލަރު (25.9 މިލިއަން ރުފިޔާ) އެކީ އެއް ފަހަރާ ދައްކައި ޚަލާސްކުރުމަށް، އަމުރުކޮށްދިނުމަށެވެ.

ރަސްމާލެ: މިދިޔަ އޭޕްރިލް މަހު އެޗްޑީސީން ބުނީ ރަސްމާލޭގެ 101 ހެކްޓަރު ބިން ހިއްކައިފައިވާ ކަމަށް --- ފޮޓޯ/ އެޗްޑީސީ

އެ މައްސަލައިގައި ޝަރީއަތުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި، ފުށިދިއްގަރު ފަޅުން 10 ހެކްޓަރު ބިން ހިއްކުމަށް ޓަކައި، މަސައްކަތުގެ އަގު ހޯދުމަށް ސީއެމްސީސީސީން ޑިސެންބަރު 12، 2023ގައި އެމްޓީސީސީގައި އެދުނު އެދުމާ ގުޅިގެން، އެ މަސައްކަތުގެ އަގަކީ 1.68 މިލިއަން ޑޮލަރު ކަމަށް ކޯޓޭޝަނެއް އެ މަހުގެ 17ގައި ފޮނުވި ކަމަށް ބުނެފައިވެއެވެ.

ހަމަ އެ ދުވަހު އެމްޓީސީސީއާ މަސައްކަތް ހަވާލުކޮށް، އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ފުރިހަމަ ކޮށްފައިވީ ނަމަވެސް މަސައްކަތުގެ އަގު ނުދައްކާ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

ސީއެމްސީސީސީން ބުނެފައިވަނީ، ދެ ކުންފުނީގެ މެދުގައި ހެދި އެއްބަސްވުމުގައި ފައިސާ ދައްކަން ޖެހޭ ތާރީޚެއް ކަނޑައަޅައިފައި ނެތް ކަމަށާއި، އެޗްޑީސީން އެ ކުންފުންޏަށް ދައްކަން ޖެހޭ ފައިސާ ދެއްކުމުން އެމްޓީސީސީޢަށް ފައިސާ ދައްކާނެ ކަމަށެވެ. އަދި ފައިސާ ދެއްކުމަށް ދެ އަހަރުގެ މުއްދަތެއް ދިނުމަށް ސީއެމްސީސީސީން ވަނީ އެދިފައެވެ.

އެހެން ނަމަވެސް އެއްބަސްވުމަށް ބެލުމުން، މަސައްކަތުގެ އަގު ދައްކަން ޖެހެނީ މަސައްކަތްކޮށް ނިމުމާއެކު ކަމަށް ޕޭމެންޓް ޓާމްސްގައި ބަޔާންކޮށްފައިވާ ކަމަށް ހުކުމުގައިވެއެވެ. އަދި އެއްބަސްވުމާ އެއްގޮތަށް ދައުވާ ލިބޭ ފަރާތުން ފައިސާ ދައްކާފައި ނުވާތީ ދައުވާ ލިބޭ ފަރާތުން އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ގާނޫނީ ހަމަތަކުގެ މަތިން ބަލަން ޖެހޭ ކަމަށް ވެސް ހުކުމުގައިވެއެވެ.

އެެހެންވެ، ސިވިލް ކޯޓުން ވަނީ ރަސްމާލޭ ބިން ހިއްކުމަށް ޓަކައި ސީއެމްސީސީސީއާއި އެމްޓީސީސީއާ ދެމެދު ވެފައިވާ އެއްބަސްވުމާ ސީއެމްސީސީސީން ޚިލާފުވެފައިވާ ކަމަށް ކަނޑައަޅައި، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ 1.68 މިލިއަން ޑޯލަރު މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ޚަލާސް ކުރުމަށް ހުކުމްކޮށްފައެވެ.

ރަސްމާލެ ހިއްކަން 2023 ވަނަ އަހަރުގެ ޑިސެމްބަރު 18ގައި ފެށީ އަށް މަސް ދުވަހުގެ ތެރޭގައި ނިންމާލާށެވެ. އެކަމަކު، މަޝްރޫއު ކުރިއަށް ގެންދަން އިތުރު ގޮތްތަކެއް ހޯދަންޖެހި، މަޝްރޫއު މަޑުޖެހިފައި އޮންނަތާ ދުވަސްތަކެއް ވެއްޖެއެވެ.

https://sun.mv/202286

މި އަހަރުގެ ފެބްރުވަރީ މަހު ރައީސްވަނީ، އުންމީދަކީ ރަސްމާލެ ހިއްކުން މި އަހަރުގެ ނިޔަލަށް ނިންމައި އަންނަ އަހަރު އަސާސީ ޚިދުމަތްތައް ގާއިމްކުރުން ކަމަށް ވިދާޅުވެފައެވެ.

ރަސްމާލެ މަޝްރޫއަށް މި އަހަރު 600 މިލިއަން ރުފިޔާ ހިމަނަން ސަރުކާރުން އޮތީ ޕްލޭންކޮށްފައެވެ. އަދި 2026 ވަނަ އަހަރު 350 މިލިއަން ރުފިޔާ ހިމަނަން ރާވާފައިވެއެވެ.

ރަސްމާލެ ހަދަން ޖުމްލަ 1009 ހެކްޓަރުގެ ބިން ހިއްކަން ޖެހޭއިރު، އޭގެ ތެރެއިން ހިއްކައި ނިމިފައި ވަނީ 101 ހެކްޓަރުގެ ބިން ކަމަށް މިދިޔަ އޭޕްރިލް މަހު އެޗްޑީސީން ބުންޏެވެ.

އިކޯ ސިޓީއެއްގެ ގޮތުގައި ރަސްމާލެ ތަރައްގީކޮށް 11،000 ގޯއްޗާއި، 26،000އަށްވުރެ ގިނަ ފްލެޓް ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

.

comment ކޮމެންޓް