ބޭހާ ގުޅޭ ކަންކަން ހަރުދަނާކުރުމަށް ހެލްތު މިނިސްޓްރީން ޕާކިސްތާނުގެ ޑުރަގު ރެގިއުލޭޓަރީ އޮތޯރިޓީއާ އެކު މަޝްވަރާކޮށްފިއެވެ.
އެ މަޝްވަރާތައް ކޮށްފައިވަނީ ހެލްތު މިނިސްޓްރީގެ އިސްވެރިން ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދަށް މިހާރު ކުރާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
އެގޮތުން، މި ބައްދަލުވުމުގައި ރެގިއުލޭޓަރީ ކޯޕަރޭޝަން ހަރުދަނާކުރުމާއި ބޭހުގެ ކޮލިޓީ އެޝުއަރެންސް އިތުރުކުރުމާއި ބޭސް އިމްޕޯޓް/އެކްސްޕޯޓް ކުރުމުގެ ނިޒާމުތައް ރަނގަޅުކުރުމާއި ކެޕޭސިޓީ ބިލްޑިން ފުރުސަތުތައް ހޯދުމާ ގުޅޭގޮތުން ދެ ގައުމުން ވަނީ މަޝްވަރާކޮށްފައެވެ.
ޑޮކްޓަރަށް ދެއްކުމަށް ފަހު، އަސާސީ ބޭސް ނުލިބޭކަމުގެ ޝަކުވާތައް އާންމުން ކުރެއެވެ.
އެ ގޮތުން، މިދިޔަ މެއި އަށެއްގައި ވަނީ، ރާއްޖެއަށް ހެޔޮ އަގުގައި މެދުނުކެނޑި ބޭސް ފޯރުކޮށްދިނުމަށް އެސްޓީއޯއިން، އިންޑިއާ ސަރުކާރުގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއާގެ ދަށުން ހިންގާ އެޗްއެލްއެލް ލައިފްކެއާ ލިމިޓެޑާ އެކު ސޮއިކޮށްފައެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު ބޭއްވެވި ތާރީޚީ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ، ރާއްޖޭގެ ބޭސް ފިހާރަތަކުން މުހިންމު ބޭސްތައް ލިބުން މި ފަހުން ދަތިވީ ބޭސް އެތެރެކުރާ ވިޔަފާރިވެރިން ގަސްތުގައި އެ ބޭސްތައް އެތެރެކުރުން ހުއްޓައިލުމުން ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް، މިހާރު އެ ކަން ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.
ބޭހުގެ އަގުތައް ހަމައަގަށް ތިރިކޮށް މެޑިކަލް މާފިއާ ހުއްޓުވުމަކީ ރައީސްގެ ވައުދުފުޅެކެވެ. އާސަންދަ އިސްލާހުކުރުމަކީ ވެސް ރައީސްގެ ވައުދުފުޅެކެވެ. ނަމަވެސް، މި ކަމަށް ކުރާ ޚަރަދުތަކުގެ ހިސާބުތަކުން އެކަށީގެންވާ ހެޔޮ ބަދަލެއް އަދި ނުފެނެއެވެ.