ހަނގުރާމައިގެ މެދުގައި ތާށިވި ދިވެހި ޓެނިސް ޓީމް ދުބާއީއަށް ގޮސްފި

ގައުމީ އަންހެން ޓެނިސް ޓީމާ އުރުދުން އޮލިމްޕިކް ކޮމިޓީން ބައްދަލުކުރުން: އެ ޓީމު މިހާރު ވަނީ ދުބާއީއަށް ގޮސްފައި -- ފޮޓޯ/ ޓެނިސް އެސޯސިއޭޝަން

އީރާނާއި އިސްރޭލުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ސަބަބުން އުރުދުންގެ ވައިގެ ސަރަހައްދު ބަންދުކުރުމުން އެ ގައުމުގައި ތާށިވި ގައުމީ އަންހެން ޓެނިސް ޓީމުގެ ކުޅުންތެރިންނަށް އުރުދުންއިން ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)އަށް ދެވިއްޖެއެވެ.

ގައުމީ އަންހެން ޓެނިސް ޓީމު ބިލީ ޖީން ކިންގް ކަޕް ނުވަތަ ޓެނިސް ވޯލްޑް ކަޕްގެ ކޮލިފައިންގައި ބައިވެރިވާން އުރުދުންއަށް ދިޔައީ މިމަހުގެ 12 ވަނަ ދުވަހުގެ ރެއެވެ. އެ ރޭ އިސްރާއީލުން ކުއްލި ގޮތަކަށް އީރާނަށް ހަމަލާ ދިނުމުން ދެ ގައުމުގެ މެދުގައި ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަން ފެށިއެވެ.

އީރާނާއި އިސްރާއީލުން ފޮނުވާ މިސައިލްތައް ދަނީ އުރުދުންގެ މަތިން ކަމަށްވާތީ، އެ ގައުމުގެ ވައިގެ ދަތުރުތައް ކެންސަލް ކުރިއެވެ. އޭގެ ސަބަބުން އެހެން ގައުމުތަކުގެ ޓެނިސް ޓީމުތަކަށް އުރުދުންއަށް ނުދެވި، މުބާރާތް ވެސް ކެންސަލް ކުރީއެވެ.

އެ މުބާރާތަށް ރާއްޖެ ތަމުސީލުކުރަން ހަތަރު ކުޅުންތެރިން ދަތުރުކުރިއެވެ. އޭގެތެރޭގައި ރާއްޖޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިއާ އާރާ އާސަލް އާޒިމާ ވެސް ހިމެނެއެވެ.

https://sun.mv/207411

ބެލެނިވެރިޔާ ބުނި ގޮތުގައި އެއީ 14 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންކޮޅެކެވެ. ދެން ތިބީ ޓީމުގެ އީރާން ކޯޗާއި މެނޭޖަރުގެ އިތުރުން ކުޅުންތެރިންގެ އާއިލާއެވެ. އެއް ކުޅުންތެރިއެއްގެ ކޮއްކޮއާއި މަންމައާއި ބައްޕަ ވެސް ތިއްބެވެ.

ހަމަލާތައް ބަދަލުކުރަން ފެށުމުން ޓެނިސް ޓީމުން ވީހާވެސް އަވަހަށް ރާއްޖެ އަންނަން މަސައްކަތް ކުރި ނަމަވެސް، އެ ގައުމުން ނުކުންނަށް ފުރުސަތު ލިބުނީ މިއަދަށެވެ. އެއީ ޔޫއޭއީގެ ދުބާއީއަށެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުން އެ ޓީމާއި ޓީމާއެކު ދިޔަ މީހުން މިހާރު ތިބީ ދުބާއީގައެވެ. އަދި ރާއްޖެ އަންނަން މިރޭ ދުބާއީން ފުރާނެ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

https://sun.mv/207516

އުރުދުންގައި ތާށިވެފައި ތިބި ދުވަސްތަކުގައި ގައުމީ ޓެނިސް ޓީމުން ވަނީ އެ ގައުމުގެ ގައުމީ ޓީމާއެކު ފަރިތަކުރުންތައް ކުރިއަށްގެންގޮސްފައެވެ. އަދި އުރުދުންގެ އޮލިމްޕިކް ކޮމިޓީން ވަނީ އެ ޓީމާ ބައްދަލުކޮށް، ޓީމަށް ދަތިނުވާނެ ގޮތަށް ކަންކަން ހަމަޖައްސައިދީފައިވާ ކަމަށް ބުނެފައެވެ.

މީގެ އިތުރުން ދިވެހި ސަރުކާރާއި ކުޅިވަރު ވުޒާރާއާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީންވެސް ވަނީ ޓީމުގެ ހާލަތު ބަލައި، އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި އިސްލާމިކް އެއިޑް ކެމްޕެއިންގެ އުރުދުން ގޮފިންވެސް ވަނީ ދިވެހި ޓީމުގެ ހާލަތު ބަލައިފައެވެ.

comment ކޮމެންޓް