ޓެލްއަވީވު (21 ޖޫން 2025) : އީރާނުން އިސްރާއީލަށް ދެމުން ގެންދާ ރައްދު ހަމަލާތައް ހުއްޓުވުމުގައި އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުތައް ބަލިކަށިވެ އީރާނުގެ ގިނަ މިސައިލް ހަމަލާތަކެއް އިސްރާއީލަށް އެރުމުގެ ސަބަބުން ކޮންމެ ދުވަހަކު އިސްރާއީލުގެ އެކިތަންތަނާއި އިމާރާތްތަކުގައި ބޮޑެތި އަލިފާންގަނޑުތަކެއް ރޯވެ އަނދަމުންދާކަމަށް އިސްރާއީލުގެ ބައެއް މީޑީއާތައް ބުނެފިއެވެ.
އިސްރާއީލުގެ ނޫހެއްކަމަށްވާ ހާއާރެޓްސް އަދި އިސްރާއީލުގެ ޗެނެލް 12 ބުނާގޮތުން އީރާނުގެ ބާރުގަދަ ބަލިސްޓިކް މިސައިލްތަކުގެ ސަބަބުން ކޮންމެ 24 ގަޑީއިރެއްގެ ތެރޭގައި އިސްރާއީލުގެ ވެރިރަށް ޓެލްއަވީވާއި އެނޫން ސަރަހައްދުތަކުގައި ބޮޑެތި އަލިފާންގަނޑުތަކެއް އުފެދެއެވެ.
މި އަލިފާންގަނޑުތައް ނިއްވައި ނުލެވި އެތައް ގަޑީއިރެއް ހޭދަވެއެވެ. މިކަމުގެ ސަބަބުން އިސްރާއީލުގެ އާންމުންގެ މެދުގައި ބޮޑު ބިރުވެރިކަމެއްވަނީ އުފެދިފައެވެ. މި ބިރުވެރިކަމުގައި އެތައް ހާސްބަޔަކަށް ނަފްސާނީ ބަލިތައް ޖެހިފައިވާއިރު އެކަކު ވަނީ ހާޓް އެޓޭކެއް ޖެހިގެން މަރުވެސް ވެފައެވެ.
އީރާނުގެ ރައްދު ހަމަލާތައް ކޮންމެ ދުވަހަކު ދެބުރު ނޫނީ ތިން ބުރުގެ މަތިން އިސްރާއީލުގެ މުހިއްމު ތަންތަނަށާއި އިމާރާތްތަކަށް އަރައެވެ. އޭގެތެރޭގައި ގިނައީ އަސްކަރީ ބޭސްތަކާއި ތެޔޮރައްކާކުރާ ތަންތަނާއި ރީސާޗް މަރުކަޒުތަކާއި ޖާސޫސީ މަރުކަޒުތަކާއި އައިޓީއާގުޅޭ މަރުކަޒުތަކާއި ސްޓޮކް އެކްސްޗޭންޖް ފަދަ އިގްތިސާދީ މަރުކަޒުތަކަށް އަރާ ހަމަލާތަކެވެ.

އީރާނުން އިސްރާއީލަށް ދޭ ހަމަލާތަކުގެ ޕްރިންޓް އިމޭޖެއް
އީރާން ބުނާގޮތުން އިސްރާއީލުގެ މިތަންތަނަށް ހަމަލާދެނީ އިސްރާއީލުންވެސް އީރާނުގެ މިފަދަ ތަންތަނަށް ހަމަލާ ދެމުންގެންދާތީ އެކަމަށް ބަދަލުހިފުމުގެ ގޮތުންނެވެ. އީރާން ބުނާގޮތުން އިސްރާއީލުގެ މިފަދަ މަރުކަޒުތަކަކީ އީރާނަށް އުވާނީ ހަމަލާތައްދޭ އިސްރާއީލުގެ އަސްކަރިއްޔާއަށް ވާގިވެރިވާ މަރުކަޒުތަކެވެ. މި ހަމަލާތަކުގެ ބޭނުމަކީ އީރާނާ ދެކޮޅަށް އުދުވާނީ ހަމަލާތައް ނުދެވޭމިންވަރަށް ނޫނީ ދިނުން އުނދަނގޫވާ މިންވަރަށް އިސްރާއީލުގެ އަސްކަރިއްޔާ ބަލިކަށި ކޮށްލުމެވެ.
އިސްރާއީލުގެ ބައެއް ޖެނެރަލުންނާ ހަވާލާދީ ހާއާރެޓްސް ނޫސް ބުނާގޮތުން އީރާނުގެ މިސައިލްތައް އިސްރާއީލުގެ އެކިތަންތަނަށް އަރާއިރު އިހުސާސް ކުރެވެނީ އިސްރާއީލުގެ ހަމަލާތައް ޣައްޒާގެ އިމާރާތްތަކަށް އެރުމުން ކުރެވޭ އިހްސާސް އެވެ. އިސްރާއީލުގެ ޖެނެރަލުން އީރާނުގެ ހަމަލާތައް މިގޮތަށް ސިފަކުރަނީ ކޮން ބޭނުމެއްގައިތޯ އިސްރާއީލުގެ އެތެރޭގައި ސުވާލުތައް އުފެދިފައިވާކަމަށް ހާއާރެޓްސް ނޫސް ބުނެއެވެ.
އީރާނުން މިދިޔަ އާދީއްތަ ދުވަހު ވަނީ އިސްރާއީލުގެ އެންމެ ބޮޑު ސައެންޓިފިކް ރީސާޗް މަރުކަޒު ކަމަށްވާ "ވައިޒްމަން އިންސްޓިޓިއުޓް އޮފް ސައިންސް" އިމާރާތަށް ހަމަލާދީ އެތަންއެއްކޮށް ކަހަލަ ގޮތަކަށް ހަލާކުކޮށްލާފައެވެ. އެކިބާވަތުގެ ގިނަ ޢަދަދެއްގެ ލެބޯޓަރީތައް ހުރި މި މަރުކަޒަކީ އިސްރާއީލުގެ ނިއުކްލިޔަރ ރީސާޗްތައްވެސް ކުރިޔަށްގެންދާ މަރުކަޒެކެވެ.
އީރާނުން އެތަނަށް ޙަމަލާ ދިނީ އެ އިމާރާތް ހުސްކޮށް ހުރި ވަގުތެއްގައި ކަމުން އެތަނުގައި މަސައްކަތްކުރާ މީހަކަށް އެ ހަމަލާގައި މާބޮޑު ގެއްލުމެއް ލިބިފައި ނެތްނަމަވެސް އިމާރާތުގެ ބޮޑު ބައެއް ވެއްޓި އަނެއް ބައި އެއްކޮށް ސުންނާފަތިވެފައިވާއިރު ލެބޯޓްރީތައްވަނީ ފުނޑުފުނޑުވެފައެވެ. އެތަނުގައި ރައްކާ ކޮށްފައި ހުރި މަޢުލޫމާތުތައް ވަނީ ގެއްލިފައެވެ. ހަމައެކަނި މި އިމާރާތަށް ލިބުނު ގެއްލުންތަކުގެ އަގުވެސް 500 މިލިޔަން ޑޮލަރަށް އަރާކަމަށް އިސްރާއީލުގެ ޗެނެލް 12 ބުނެފައިވެއެވެ.
އިސްރާއީލުގެ މާލީ ވުޒާރާ ބުނާގޮތުން އީރާނުގެ ހަމަލާތަކުގައި އިސްރާއީލަށް ކޮންމެ ދުވަހަކު 400 މިލިޔަން ޑޮލަރާއި 700 މިލިޔަން ޑޮލަރުގެ ގެއްލުމެއް ލިބެއެވެ. އަދި އީރާނަށް ހަމަލާދިނުމަށާއި އީރާނުން ފޮނުވާ މިސައިލްތަކާއި ޑްރޯންތައް ވައްޓާލުމަށް 200 މިލިޔަން ޑޮލަރާއި 300 މިލިޔަން ޑޮލަރުގެ މިންވަރެއް ޚަރަދުވެއެވެ.
މީގެ އިތުރުން އީރާނުގެ ހަމަލާތަކުން އާންމުންގެ ގެދޮރާއި ވިޔަފާރިތަކާ އަދި ކާރުފަދަ ވެހިކަލްތަކަށް ލިބޭ ގެއްލުންތަކަށް ބަދަލު ހޯދުމަށް ބައިލައްކައަށް ވުރެ ގިނަ މީހުން އެދިފައިވެއެވެ. މިހާތަނަށް އީރާނުގެ ހަމަލާތަކުގައި އިސްރާއީލުގެ 40 ހާހަށްވުރެގިނަ ގެދޮރާއި އެޕާޓްމަންޓް ވަނީ ހަލާކުވެފައެވެ.

އީރާނުގެ ހަަމަލާއެއްގައި އިސްރާއީލުގެ އިމާރާތެއް އަނދަނީ
މިއީ ދިގުމުއްދަތަކަށް އިސްރާއީލު ފަދަ ކުޑަގައުމަކަށް ތަހައްމަލު ނުކުރެވޭވަރުގެ ބޮޑު ގެއްލުންތަކެއްކަމަށް އިސްރާއީލުގެ މާލީ ވުޒާރާއިން ބުނާކަމަށްވެސް ޗެނެލް 12 އިން ހާމަކޮށްފައިވެއެވެ.
އީރާނުގެ ހަމަލާތަކުގައި މިހާތަނަށް އިސްރާއީލުގެ 26 މީހަކު މަރުވެ 400 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާކަމަށް އިސްރާއީލުގެ ސިއްހަތާބެހޭ އިދާރާތައް ބުނެއެވެ. ނަމަވެސް ބައެއް ރިޕޯޓްތައް ބުނާގޮތުން އީރާނުގެ ހަމަލާތަކުގައި މަރުވި އިސްރާއީލު މީހުންގެ އަދަދު މިއަށްވުރެ ދެގުނަ އިތުރުވާނެ ކަމަށް ބެލެވެއެވެ.
އިސްރާއީލުގެ މާލީ ވަޒީރު ބެޒައެލެލް ސްމޮޓްރިޗް ވަނީ އީރާނުގެ ހަމަލާތަކުން އިސްރާއީލަށް ލިބޭ މާއްދާ ގެއްލުން ފޫބައްދައި ދޭންޖެހޭނީ ގަލްފުގެ އަރަބި ގައުމުތަކާއި އެމެރިކާ އަދި ޔޫރަޕްގެ ގައުމުތައް ކަމަށް ބުނެ ވާހަކަ ދައްކާފައެވެ.
އީރާނުގެ ހަމަލާތަކާ ގުޅިގެން އިސްރާއީލުގެ މުޅި ރައްޔިތުން ކަހަލަ ގޮތަކަށް އުޅެންޖެހިފައިވަނީ ޝެލްޓާ ތަކުގައެވެ. މިކަމުގެ ސަބަބުން އާންމުން ރުޅިގަދަވެ އެއްބަޔަކު އަނެއްބަޔަކާ ދެމެދު ތަޅާފޮޅުންތައްވެސް އުފެދެމުން ދެއެވެ. އަދި އިސްރާއީލުގެ އެތައް ބަޔަކު ދަނީ އިސްރާއީލު ދޫކޮށް ކަނޑުގެ މަގުން ސައިފްރަސްއަށް ފިލަމުންނެވެ.
އިސްރާއީލުގެ ގިނަ ރައްޔިތުންނަކީ ޔޫރަޕްގެ ގައުމުތަކާއި އެމެރިކާއިން ޣައިރު ގާނޫނީ ގޮތުން ހިޖުރަކޮށްގެން އުޅޭ ޔަހޫދީންނެވެ. އެބމީހުން އެނބުރި ދަނީ އެބމީހުންގެ އަސްލު ގައުމުތަކަށެވެ. މިއީ ދިގުބމުއްދަތަކުން އިސްރާއީލު ރޫޅިގެންދާނެކަމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ.