އީރާނުގެ ފޯޑޯ، ނަތަންޒް، އަދި އިސްފާހާންގައި ހުންނަ ނިއުކްލިއާ ސައިޓްތަކަށް ބީ-2 ސްޓެލްތު ބޮން އަޅާ ބޯޓުތަކާއި ޓޮމަހޯކް މިސައިލް ބޭނުންކޮށްގެން އެމެރިކާއިން ހަމަލާ ދިނީ މިއަދު ފަތިހުގެ ވަގުތެއްގައެވެ.
ފޮކްސް ނޫހުގެ ހޯސްޓް ޝޯން ހެނިޓީއާ ހަވާލާދީ ނިއުސް18އިން ރިޕޯޓުކޮށްފައިވާގޮތުން، އެމެރިކާއިން ދިން މި ވައިގެ ހަމަލާތަކުގައި އީރާނުގެ ބިމު އަޑީގައި ހުންނަ ފޯޑޯ ނިއުކްލިއާ މަރުކަޒަށް ހަމަލާ ދިނީ ބީ-2 ސްޓެލްތް ބޮން އަޅާ ބޯޓުތަކުންނެވެ. އޭގެ އިތުރުން ގާތްގަނޑަކަށް 400 މޭލު ދުރުގައި ހުރި އެމެރިކާގެ ސަބްމެރިންތަކުން ނަތަންޒް އަދި އިސްފާހާންގައި ހުރި ނިއްކުލިއާ މަރުކަޒުތަކަށް އަމާޒުކޮށް 30 ޓޮމަހޯކް މިސައިލް ފޮނުވާލާފައިވާ ކަމަށް ވެސް ހެނިޓީއާ ހަވާލާދީ އެ ނޫހުން ބުނެފައިވެއެވެ.
ޓޮމަހޯކް މިސައިލް އަކީ ކޮބާ؟
ޓޮމަހޯކް މިސައިލަކީ ބިމާއި ކަނޑުގެ އަމާޒުތަކަށް ސީދާ ހަމަލާ ދިނުމަށް ފަރުމާކޮށްފައިވާ ދުރު ރާސްތާގެ ސަބްސޮނިކް ކްރޫޒް މިސައިލެކެވެ. އެއީ އާންމު ގޮތެއްގައި އެމެރިކާގެ ކަނޑުގެ ސިފައިންނާއި އިނގިރޭސިވިލާތުގެ ރޯޔަލް ނޭވީން ވެސް ބޭނުންކުރާ ވައްތަރުގެ މިސައިލެކެވެ. އެ މިސައިލްތަކުން 1،600 ކިލޯމީޓަރާއި 2،500 ކިލޯމީޓަރާ ދެމެދުގެ ދުރުމިނެއް ކަވަރުކުރެއެވެ.
އެވައްތަރުގެ މިސައިލްތަކުގައި ގްލޯބަލް ޕޮޒިޝަނިން ސިސްޓަމް (ޖީޕީއެސް)، އިނާޝިއަލް ނެވިގޭޝަން ސިސްޓަމް (އައިއެންއެސް)، ޓަރައިން ކޮންޓޯ މެޝިން (ޓާކޮމް) އަދި ޑިޖިޓަލް ސީން މެޝިން އޭރިއާ ކޯރިލޭޝަން ބޭނުންކޮށްފައިވެއެވެ. އެހެންވެ، ތިރިން އުދުހުމުގެ ގާބިލުކަން ލިބި، ރާޑަރުތަކަށް މާބޮޑަށް ފާހަގަނުކުރެވި މި މެސެއިލް އަމާޒަށް ވަރަށް އަވަހަށް ވާސިލްވެއެވެ.
ޓޮމަހޯކް މިސައިލް މީގެކުރިން ބޭނުންކުރިތަ؟
ޓޮމަހޯކް މިސައިލް މީގެކުރިން ވެސް ހަނގުރާމަތަކުގައި ބޭނުންކޮށްފައި އެބަހުއްޓެވެ. އެގޮތުން 1991ވަނަ އަހަރު ކުރި ގަލްފް ހަނގުރާމައާއި ކޮސޯވޯ ހަމަނުޖެހުމުގެ އިތުރުން، 2003ވަނަ އަހަރު ކުރި އިރާޤު ހަނގުރާމަ އަދި 2017 އާއި 2018ގައި ކުރި ސީރިއާ ހަނގުރާމައިގައި އެ ވައްތަރުގެ މިސައިލް ބޭނުންކޮށްފައިވެއެވެ.
އެއީ ޕައިލެޓުންނަށް އެންމެ ނުރައްކާ ކުޑަ، ދުރުން ހަމަލާދިނުމުގެ ގާބިލްކަން ލިބިފައިވާ މިސައިލްގެ ވައްތަރެކެވެ.
މިސައިލް ލޯންޗް ކުރަނީ ކިހިނެއް؟
ޓޮމަހޯކް މިސައިލް ލޯންޗް ކުރަނީ ކުރޫޒް ޝިޕް ނުވަތަ ޑިސްޓްރޯޔާ ފަދަ އުޅަނދުތަކުން ވާޓިކަލް ލޯންޗް ސިސްޓަމްސް (ވީއެލްއެސް) ނުވަތަ ސަބްމެރިން (ޓޯޕީޑޯ ޓިއުބް ނުވަތަ ވީއެލްއެސް) ބޭނުންކޮށްގެންނެވެ. މިސައިލް ބޭރުކުރަނީ ސޮލިޑް ރޮކެޓް ބޫސްޓަރެއް ބޭނުންކޮށްގެންނެވެ. ލޯންޗް ކުރުމުން ބޫސްޓާ މިސައިލާ ވަކިވެއެވެ.
އޭގެފަހުން ނެވިގޭޝަން ސިސްޓަމްތައް ބޭނުންކޮށްގެން އަމިއްލައަށް އުދުހެއެވެ. މި މިސައިލަށް ވަރަށް ތިރިން އުދުހެވޭތީ، ރާޑަރުތަކަށް ފާހަގައެއްނުވެއެވެ.
އެމެރިކާ އަތުގައި ޓޮމަހޯކް ކްރޫޒް މިސައިލްގެ 4،000 ސްޓޮކް ހުންނަ ކަމަށް ހިސާބުތަކުން ދައްކައެވެ.