އދ.އިން ޖަރީމާތައް ފޮރުވަނީ، އިސްލާމުން އާ އިއްތިހާދެއް އުފައްދަންޖެހޭ: ފައްޔާޒް

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: ވިދާޅުވީ ސުލްހަ ގާއިމުކުރުމުގެ ބަދަލުގައި އދ. އިން ފޮރުވަނީ ބާރުގަދަ ގައުމުތަކުގެ ހަނގުރާމައިގެ ޖަރީމާތައް ކަމަށް -- ފޮޓޯ/ އެމްޑީޕީ

އދ. އިން ދުނިޔޭގެ އަމަން އަމާންކަމާއި، ސުލްހަ މަސަލަސްކަން ގާއިމުކުރުމުގެ ބަދަލުގައި މިހާރު ކުރާ ކަމަކީ ބާރުގަދަ ގައުމުތަކާއި އެ ގައުމުތަކުގެ ބައިވެރިން ހިންގާ ހަނގުރާމައިގެ ޖަރީމާތައް ފޮރުވުން ކަމަށާއި އިސްލާމުން އާ އިއްތިހާދެއް ގާއިމްކުރަން ޖެހޭކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު އެފަދައިން ވިދާޅުވީ މެދު އިރުމަތީގައި މިހާރު އީރާނާއި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަނގުރާމައާ ގުޅޭގޮތުން 'އެކްސް'ގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

ފައްޔާޒު ވިދާޅުވީ މިހާރު ފެންނަނީ ދުނިޔެ ހަމަޖެހުމެއް ނެތް އަނިޔާވެރި ތަނަކަށް ވެގެންދާ މަންޒަރު ކަމަށެވެ. ދުނިޔޭގެ ހަމަޖެހުން ގާއިމުކުރުމަށް މަސައްކަތްކުރާ އދ. އަކީ މިހާރު ސުލްހަ ގާއިމްކުރާ ތަނެއް ނޫން ކަމަށް ވިދާޅުވެ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ސުލްހަ ގާއިމުކުރުމުގެ ބަދަލުގައި އދ. އަކީ މިހާރު ބާރުގަދަ ގައުމުތަކާއި އެ ގައުމުތަކުގެ ބައިވެރިން ހިންގާ ހަނގުރާމައިގެ ޖަރީމާތައް ފޮރުވަން މަސައްކަތްކުރާ ތަނެއްގެ ގޮތުގައި ފައްޔާޒް ވަނީ ސިފަކުރައްވައިފައެވެ.

މުސްލިމް މުޖުތަމައުތަކަށް އެތައް ތަކުލީފުތަކެއް ކުރިމަތިވާކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ ހަނގުރާމައިގެ ސަބަބުން މުސްލިމް ދައުލަތްތައް ކަމަށްވާ އިރާގާއި، ލީބިޔާއާއި، ސީރިއާގެ އިތުރުން ލުބްނާން ވެސް ވަނީ ވީރާނާވެފައި ކަމަށެވެ. އަދި އީރާނަށް ފަހު ދެން ހަނގުރާމައިގެ ހާލަތުގައި އޮންނާނީ ތުރުކީއަށް ވުން ގާތްކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވަނީ މުޅި ދުނިޔެ ވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް މި ލޭއޮހޮރުވުންތަކުގެ ޚަބަރުތަކާއި މަންޒަރުތައް ބަލަމުންދާއިރު، އެދެވޭ ގޮތެއްގައި އެކަންކަން ހުއްޓުވުމަށް މާބޮޑު ފިޔަވަޅެއް ނާޅާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އޭނާ ވިދާޅުވި ގޮތުގައި ހައްލަކީ އިންސާފު ހޯދުމަށް އދ.ގައި އާދޭސް ކުރުމުގެ ބަދަލުގައި އެއް ގަބޫލުކުރުންތަކެއް ގަބޫލުކުރާ، މިފަދަ ހަނގުރާމަތަކުގެ ޝިކާރައަކަށް ވެފައިވާ ގައުމުތަކުން އާ އިއްތިހާދެއް އުފެއްދުން ކަމަށެވެ.

އިޒްރޭލު-އީރާން ހަނގުރާމައިގައި ހަލާކުވެފައިވާ ހޮސްޕިޓަލްތަކެއް --

އެމެރިކާއާއި ޒަޔަނިސްޓު ޔަހޫދީން ގުޅިގެން އީރާނާއި އީރާނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އުދުވާނީ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި ފައްޔާޒު ވިދާޅުވީ ފަލަސްތީނަށް ހަމަޖެހުމެއް ނެތި ދުނިޔެއަށް އެއްވެސް ހަމަޖެހުމެއް ނުލިބޭނެ ކަމަށެވެ.

އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށް އިޒްރޭލުން މިމަހުގެ 13ވީ ހުކުރު ދުވަހު ދޭން ފެށި ހަމަލާތަކުގެ ރައްދު އީރާނުން ވެސް ދޭން ފަށާފައިވާއިރު، ހަމަލާތައް ބަދަލުކުރާތާ މިއީ ދެވަނަ ހަފުތާއެވެ.

އީރާނާއި އިޒްރޭލާ ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމައިގައި ދެ ގައުމުގެ މުހިންމު ސިޓީތައް ސުންނާފަތިވެ، އެތައް އާންމުންނެއް މަރުވެފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ. ހަމަލާތަކުގައި އީރާނުން ގާތްގަނޑަކަށް 224 މީހުން މިހާތަނަށް ވަނީ މަރުވެފައެވެ. އިސްރާއީލުން މަރުވެފައިވަނީ 24 މީހުންނެވެ.

އިސްރާއީލު ބުނާގޮތުން އެ ހަމަލާތައްދިނީ އީރާނުގެ ނިއުކްލިޔާ މަރުކަޒުތައް ހަލާކުކޮށްލުމަށާއި އީރާނުގެ އަސްކަރީ މަސްއޫލުވެރިންނާއި ނިއުކްލިޔާ ސައިންޓިސްޓުން އަވަހާރަކޮށްލުމަށް އަމާޒުކޮށްގެންނެވެ.

ޓޮމަހޯކް މިސައިލެއް ފޮނުވާލަނީ: އީރާނަށް ހަމަލާ ދިނުމަށް އެމެރިކާއިން ބޭނުންކުރީ ޓޮމަހޯކް މިސައިލް -- ފޮޓޯ/ އެންޑީޓިވީ

މި ހަނގުރާމައާ ގުޅިގެން އެމެރިކާއިން މިއަދު ވަނީ އީރާނާ ދެކޮޅަށް ބާރުގަދަ ހަމަލާތަކެއް ވެސް ދީފައެވެ. އީރާނުން ސުލްހަ ނުވެއްޖެނަމަ އިތުރު ހަމަލާތައް ދޭނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިފަހުން އިންޒާރު ވެސް ދީފައެވެ.

https://sun.mv/207593

އެމެރިކާއިން އީރާނަށް ހަމަލާދިންއިރު، އެމެރިކާއިން ވަނީ އީރާނާ އެކު ނިއުކްލިއާ އެއްބަސްވުމެއް ހެދުމުގެ މަޝްވަރާތައް ފަށާފައެވެ. ނަމަވެސް، އިޒްރޭލުން އީރާނަށް ހަމަލާ ދިނުމުން އީރާނުން ވަނީ މަޝްވަރާތައް ހުއްޓައިލާފައެވެ. އަދި، މަޝްވަރާތައް އަލުން ފަށާނީ އިސްރާއީލުން ދިން ހަމަލާތަކަށް ރައްދި ދިނުމަށް ފަހު ކަމަށް އީރާނުން ވަނީ ބުނެފައެވެ.

comment ކޮމެންޓް