އީރާނާއި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކޮށްފާނެ އަސަރަކާ ގުޅިގެން އެފަދަ ދަތިތަކަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރުން ދުރާލައި އަޅަންޖެހޭ ފިޔަވަޅުތަކާ ދޭތެރޭ ރައްޔިތުންގެ މަޖިލީހުން ދެކޭ ގޮތް ހާމަކުރުމަށްޓަކައި ގަރާރެއް ހުށަހަޅައިފިއެވެ.
އެ ގަރާރު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.
އެ ގަރާރު ހުށަހެޅީ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފަށް އިޒްރޭލުން އީރާނަށްދިން ކުއްލި ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ދަތި ހާލަތެއް ކުރިމަތިވުމަކީ ނުހަނު އެކަށީގެންވާ ކަމެއްކަމަށްވާތީ އެފަދަ ދަތިތަކަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރުން ދުރާލައި އަޅަންޖެހޭ ފިޔަވަޅުތަކާ ދޭތެރޭ ރައްޔިތުންގެ މަޖިލީހުން ދެކޭ ގޮތް ހާމަކުރުމަށްޓަކައެވެ.
ގަރާރުގައި ބުނެފައި ވަނީ މިމަހުގެ 13ވަނަ ދުވަހު ދޭން ފެށި ހަމަލާތަކުގެ ސަބަބުން މިހާރު ހަނގުރާމައެއް ހިނގަމުންދާއިރު، އެ ހަނގުރާމަ އެ ސަރަޙައްދުގެ އިތުރު ގައުމުތަކަށް ފެތުރި، އެތަކެއް ދުވަސްތަކަކަށް ދިގު ދެމިގެން ދިޔުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
އަދި އެ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކޮށްފާނެ އަސަރުތަކާ ގުޅޭގޮތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެގޮތުން ރާއްޖެއަކީ ތެލާއި، ކާބޯތަކެއްޗާއި، ބޭހާއި އަދި އެ ނޫން ވެސް އެންމެހާ ތަކެތި އިމްޕޯޓުކޮށްގެން ބޭނުންކުރާ ގައުމެއް ކަމަށާއި، ރާއްޖޭގެ އިގްތިސޯދުގެ އެންމެ ބޮޑު ސިނާއަތަކީ އަދި ބޭރު ފައިސާ ހޯދައިދޭ މައި ވަސީލަތަކީ ފަތުރުވެރި ސިނާއަތްކަން ވަނީ ފާހަގަކޮށްފައެވެ. އަދި ހަނގުރާމައިގެ ސަބަބުން ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރަށް ބުރޫ އަރައިފިނަމަ އެންމެ ފުރަތަމަ އަސަރުކުރާނެ ސިނާއަތަކީ ވެސް ރާއްޖޭގެ ފަތުރުވެރިކަން ކަމަށް އެ ގަރާރުގައި ބުނެފައިވެއެވެ.
އެ އަސަރުތައް ރާއްޖެއަށް ކޮށްފިނަމަ، ދައުލަތުގެ އާމްދަނީ ދަށްވުމާއި، ބޭރު ފައިސާ ލިބުން ނުހަނު ބޮޑަށް ދަށްވުން އެކަށީގެންވާ ކަމަށް ގަރާރުގައި ވަނީ ބުނެފައެވެ.
އެހެންކަމުން އަސާސީ ޚިދުމަތްތަކަށް ބޭނުންވާ ތެލާއި، ގޭހާއި، ބޭސް އަދި ކާޑުގެ ބާވަތްތައް ފަދަ ތަކެތި މެދުނުކެނޑި އެތެރެކުރެވޭނެކަން ކަށަވަރުކުރުމަށްޓަކައި ފިޔަވަޅުތައް އެޅުމަކީ ސަރުކާރުގެ މައްޗަށް ލާޒިމުކަމެއްކަމަށް ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ. މި ގަރާރު ހުށަހެޅީ މިކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކޭގޮތް ހާމަކުރުމަށް ކަމަށް ގަރާރުގައި ވަނީ ބުނެފައެވެ.
ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް އެކަމުގެ އަސަރު އެކި ގޮތް ގޮތުން މިހާރު ފޯރަން ފަށާފައިވާ ކަމަށާއި އެކަމުގެ އަސަރު ކުޑަކުރަން މިހާރުން މިހާރަށް މަސައްކަތްކުރަން ޖެހޭ ކަމަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވެސް މި ފަހުން ވަނީ ގޮވާލައިފައެވެ.
އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށް އިޒްރޭލުން މިމަހުގެ 13ވީ ހުކުރު ދުވަހު ދޭން ފެށި ހަމަލާތަކުގެ ރައްދު އީރާނުން ވެސް ދޭން ފަށާފައިވާއިރު، ހަމަލާތައް ބަދަލުކުރާތާ މިއީ ދެވަނަ ހަފުތާއެވެ. އިޒްރޭލު ބުނާގޮތުން އެ ހަމަލާތައްދިނީ އީރާނުގެ ނިއުކްލިޔާ މަރުކަޒުތައް ހަލާކުކޮށްލުމަށާއި އީރާނުގެ އަސްކަރީ މަސްއޫލުވެރިންނާއި ނިއުކްލިޔާ ސައިންޓިސްޓުން އަވަހާރަކޮށްލުމަށް އަމާޒުކޮށްގެންނެވެ.
މި ހަނގުރާމައާ ގުޅިގެން އެމެރިކާއިން އިއްޔެ ވަނީ އީރާނާ ދެކޮޅަށް ބާރުގަދަ ހަމަލާތަކެއް ވެސް ދީފައެވެ. އީރާނުން ސުލްހަ ނުވެއްޖެނަމަ އިތުރު ހަމަލާތައް ދޭނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިފަހުން އިންޒާރު ވެސް ދީފައެވެ.
އިސްރާއީލުން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދިނުމާ އެކު ދުނިޔޭގެ ތެލުގެ އަގު ވެސް ވަނީ އުފުލިފައެވެ. އެގޮތުން, ތެލުގެ ބެންޗްމާކް ކަނޑައަޅާ ބްރެންޓް ކްރޫޑް އަދި ނައިމެކްސް ލައިޓް ސްވީޓުގެ ތެލުގެ އަގު ވަނީ 10 ޕަސަންޓު މަތިވެފައެވެ.
ތެލުގެ އަގަށް އަންނަ ބަދަލުން އެހެނިހެން ހުރިހާ ތަކެތީގެ އަގަށް ބަދަލު އަންނާނެއެވެ.