އެމްޑީޕީން ދެކޮޅު ހަދަނިކޮށް، ޗައިނާގެ އެފްޓީއޭއާ ގުޅޭ ކޮމިޓީ ސިއްރުކޮށްފި

އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު: އެމްޑީޕީން ދެކޮޅު ހަދަނިކޮށް ޗައިނާ އެފްޓީއޭއާ ގުޅޭ ކޮމިޓީ ސިއްރުކޮށްފި -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެއާއި ޗައިނާއާ ދެމެދު ސޮއި ކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ނުވަތަ ފްރީ ޓްރޭޑް އެގްރިމެންޓް (އެފްޓީއޭ)އާ ގުޅޭގޮތުން ބައެއް ކަންކަން ދެނެގަތުމަށްޓަކައި، އިކޮނޮމިކް މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލުކުރި ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީގެ ބައްދަލުވުން، އިދިކޮޅު އެމްޑީޕީން ދެކޮޅު ހަދަމުން ދަނިކޮށް މިއަދު ސިއްރުކޮށްފިއެވެ.

އިގްތިސާދީ ކޮމިޓީގެ މިއަދުގެ އެޖެންޑާގައި އޮތީ ޗައިނާ އެފްޓީއޭއާ ގުޅޭގޮތުން މަޝްވަރާކުރުމަށް އިކޮނޮމިކް މިނިސްޓްރީއާ ބައްދަލުކުރުމެވެ.

ކޮމިޓީ ފެށުމާއެކު މައްޗަންގޯޅި މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ސަމީރު ވަނީ އެ ކޮމިޓީގައި އާއްމުކުރަން ބޭނުންނުވާ ވަރަށް ގިނަ މައުލޫމާތުތަކެއް ހުރި ކަމަށް ފެންނާތީ، އެ ކޮމިޓީ ސިއްރުކުރަން ހުށަހަޅުއްވައިފައެވެ. އެ ހުށަހެޅުމަށް ހޯރަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަލީ މޫސާ ވަނީ ތާއީދުކުރައްވައިފައެވެ.

އެއާއެކު ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު ވިދާޅުވީ ކޮމިޓީގެ އެޖެންޑާގައި މިއަދު އޮތީ ޗައިނާ އެފްޓީއޭއާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓްރީއާ މަޝްވަރާކުރުން ކަމަށާއި، އެއީ ސިއްރުކުރަންޖެހޭ ވަރު ކަމެއް ނޫން ކަމަށެވެ.

"ފްރީ ޓްރޭޑް އެގްރިމަންޓެއްގެ ވާހަކަ. ސިއްރުކުރަންޖެހޭ ވަރުގެ ވާހަކައެއް ނޫން. މި ސިއްރުކޮށްފިއްޔާ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭނެ. ސިއްރުކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން މިއީ،" ޒިޔާދު ވިދާޅުވިއެވެ.

ކޮމިޓީ ސިއްރުނުކުރުމަށް ޒިޔާދު ހުށަހެޅުއްވި ހުށަހެޅުމަށް ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ވަނީ ތާއީދުކުރައްވައިފައެވެ.

އެ ހުށަހެޅުމަށް ތާއީދުކުރައްވައި ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިސަލް ވެސް ވިދާޅުވީ، އެ އެއްބަސްވުމާ ގުޅޭ ހުރިހާ މައުލޫމާތެއް ކަހަލަ ގޮތަކަށް މިހާރު ވެސް އާއްމުކޮށް ލިބެން އެބަހުރި ކަމަށެވެ. އެހެންކަމުން ކޮމިޓީ ސިއްރުކުރަންޖެހޭ ވަރުގެ ވާހަކައެއް އޮތް ކަމަކަށް ގަބޫލެއް ނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެން ނަމަވެސް އެމްޑީޕީ މެންބަރުން ދެކޮޅު ހައްދަވަމުން ދަނިކޮށް، ކޮމިޓީގައި ތިއްބަވާ ޕީއެންސީ މެންބަރުންގެ އަޣުލަބިއްޔަތުން އެ ކޮމިޓީ ސިއްރުކުރަން ވަނީ ފާސްކޮށްފައެވެ.

ކޮމިޓީގެ މުގައްރިރު، ފުވައްމުލަކު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަލީ ފަޒާދުގެ ވާހަކައިން އެނގުނު ގޮތުގައި އެ ކޮމިޓީއަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ހާޒިރުވެވަޑައިގެން އިންނެވިއެވެ.

ދެ އަހަރު ދުވަހުގެ ދިގު މަޝްވަރާތަކަކަށް ފަހު ރާއްޖެއިން ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގަައި ސޮއިކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެކަމަކު، އެ އެއްބަސްވުމަށް އަމަލުކުރަން މަޖިލީހުން ފާސްވީ 2017 ވަނަ އަހަރުގެ ނޮވެންބަރު މަހެވެ.

https://sun.mv/200906

އެކަމަކު، އެއަށް ފަހުގައި އައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުން މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށައިފައެއް ނުވެއެވެ. އެހެން އޮއްވައި ރާއްޖެއާއި ޗައިނާއާ ދެމެދު ސޮއި ކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފެށީ މި ސަރުކާރުން މިއަހަރުގެ ޖަނަވަރީ އެކަކުން ފެށިގެންނެވެ.

އިކޮނޮމިކް މިނިސްޓްރީން އެ ދުވަހު ބުނީ މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އިގްތިސާދީ ގުޅުން ރަނގަޅުވެ އެއް ގައުމުން އަނެއް ގައުމަށް އެކްސްޕޯޓްކުރެވޭ މުދާ އިތުރުކުރެވި، މުދަލުގެ އަގުހެޔޮވުމުގެ އިތުރުން ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރި އަދި އިންވެސްޓްމެންޓްތައް އިތުރު ކުރެވޭނެ ކަމަށެވެ. އަދި ވިޔަފާރީގެ އައު ފުރުސަތުތައް އިތުރުވެ، އެއްގައުމުން އަނެއް ގައުމުގެ މާކެޓަށް ވަނުމަށް ފަސޭހަވެ އެކަމުގެ ފައިދާ ކުރާނޭ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި އެއްބަސްވުމުގެ ދަށުން ރާއްޖެ އާއި ޗައިނާއާ ދެމެދު ކުރާ ވިޔަފާރީގެ މުއާމަލާތްތައް އެއް ބިލިއަން ޑޮލަރަށް އިތުރު ކުރެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މިހާރުވެސް ރާއްޖެއިން އެ ގައުމާއެކު ކުރަމުންދާ ވިޔަފާރީގެ މުއާމަލާތަކަށް 700 މިލިއަން ޑޮލަރު އަރައެވެ.

އޭގެ ފަހުން މި އަހަރުތެރޭ އިމްޕޯޓް ޑިއުޓީން ލިބޭ އާމްދަނީ އަބަދުވެސް ހުންނަނީ މިދިޔަ އަހަރަށްވުރެ ދަށްކޮށެވެ. އެގޮތުން ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން މި މަހުގެ 12އާ ހަމައަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބިފައިވަނީ 1.23 ބިލިއަން ކަމަށްވާއިރު އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 16 ޕަސެންޓުގެ ދަށްވުމެކެވެ.

އެ ބަދަލާ އެފްޓީއޭއާ އެއްވެސް ގުޅުމެއް ނެތް ކަމަށް މިދިޔަ ފެބްރުވަރީ މަހު އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

comment ކޮމެންޓް