ޝާހިދުގެ ފިލްމު 'ކޮކްޓެއިލް 2'ގެ ޝޫޓިން އޮގްސްޓަ މަހު

ފިލްމު 'ކޮކްޓެއިލް 2'ގެ ލީޑް ތަރިން ކަމަށްވާ ރަޝްމިކާ، ޝާހިދު އަދި ކްރިތީ--ފޮޓޯ/ހިންދުންސްތާންޓައިމްސް

އެކްޓަރު ޝާހިދު ކަޕޫރު ލީޑް ރޯލް ކުޅޭ ފިލްމު "ކޮކްޓެއިލް 2"ގެ ޝޫޓިން މި އަހަރުގެ އޮގަސްޓް މަހު ފަށަން ނިންމައި، އަމާޒަކީ އަންނަ އަހަރު ފިލްމު ބެލުންތެރިންނަށް ގެނެސްދިނުން ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާގައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ޕްލޭންކޮށްފައިވާ ގޮތަށް މި އަހަރުގެ އޮގަސްޓް މަހު މި ފިލްމުގެ މަސައްކަތް ފެށިއްޖެނަމަ އަންނަ އަހަރުގެ ފަހުކޮޅު ފިލްމު ބެލުންތެރިންނަށް ގެނެސްދެވޭވަރުވާނެއެވެ.

ކާމިޔާބު ގިނަ ފިލްމުތަކެއް މި ފަހުން ގެނެސްދެމުން އަންނަ ޕްރޮޑިއުސަރު ދިނޭޝް ވީޖަންގެ މެޑޮކް ފިލްމްސްއިން އުފައްދާ "ކޮކްޓެއިލް 2"އަކީ 2012 ވަނަ އަހަރު ސައިފް އަލީ ޚާން، ދީޕިކާ ޕަދުކޯން އަދި ޑަޔާނާ ޕެންޓީ މުހިންމު ރޯލަކުން ފެނުނު ފިލްމުގެ ސީކުއަލްއެކެވެ.

ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި މި ފިލްމުގެ ސީކުއަލްގެ ޑައިރެކްޓަރަކީ ވެސް 2012 ވަނަ އަހަރުގެ ފިލްމުގެ ޑައިރެކްޓަރު ހޯމީ އަދަޖާނީއެވެ.

ފިލްމު "ކޮކްޓެއިލް 2"ގައި ދިނޭޝް ވީޖަން ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކުރާނެއިރު ދީނަޝްއާ އެކު ޕްރޮޑިއުސަރުންގެ ޓީމުން ދެން ފެންނާނީ ކުޅަދާނަ ޑައިރެކްޓަރު ލަވް ރަންޖަންއެވެ. ފިލްމު "ކޮކްޓެއިލް 2"ގެ ބޮޑު ބައެއް ޔޫރަޕްގެ ޤައުމުތަކުގައި ޝޫޓްކުރުމަށް ނިންމާފައިވާއިރު މިއީ ޝާހިދާ އެކު ބަތަލާ ކްރިތީ ސެނޮން ފެންނާނެ ދެވަނަ ފިލްމެވެ.

ޝާހިދާއި ކްރިތީ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިދިޔަ އަހަރު މެޑޮކް ފިލްމްސްއިން ގެނެސްދިން "ތޭރޭ ބާތޯ މޭ އޭސާ އުލްޖާ ޖިއާ"އިންނެވެ. މި ދެތަރިންގެ އިތުރުން ފިލްމުގެ ވަރަށް މުހިންމު ރޯލަކުން ސައުތު ބަތަލާ ރަޝްމިކާ މަންދަންނާ ފެންނާނެ ކަމަށް ވެސް ޕިންކްވިލާގައި ވަނީ ބުނެފައެވެ.

ބެލެވޭ ގޮތުގައި މި ތިން ތަރިން ވެސް ފިލްމު "ކޮކްޓެއިލް 2"ގެ ޝޫޓިންގްއާ ގުޅޭނީ މިހާރު މަސައްކަތް ފަށާފައިވާ ފިލްމުތަކުގެ ޝެޑިއުލް އެއްކޮށް ނިންމާލުމަށް ފަހެވެ.

comment ކޮމެންޓް