ބޮލީވުޑްގެ އެކްޓަރު އާމިރު ޚާންގެ މިހާރުގެ ލޯބިވެރިޔާ ގޯރީ ސްޕްރެޓްއަކީ އެކްޓަރުގެ ހަޔާތަށް އަންނާނެ އެންމެ ފަހު ބައިވެރިޔާ ކަމަށް ބެލެވޭ ކަމުގައި ސަލްމާން ޚާން ބުނެފިއެވެ.
އާމިރާއެކު ފިލްމު "އަންދާޒް އަޕްނާ އަޕްނާ"ގައި މަސައްކަތްކޮށްފައިވާ އެކްޓަރުގެ އެކުވެރިޔާ ސަލްމާން ޚާން ބުނެފައި ވަނީ އާމިރަކީ ކުރާ ކޮންމެ ކަމެއް ވެސް އެންމެ ފުރިހަމައަށް ނިންމަން ބޭނުންވާ މިޒާޖުގެ މީހެއް ކަމަށެވެ.
އެހެންވެ ގިނަ ބަޔަކު އާމިރަށް ދީފައިވާ ނަމަކީ ވެސް "ޕާފެކްޝަނިސްޓް'' ކަމަށް ސަލްމާން ވަނީ ބުނެފައެވެ. މިދިޔަ ހޮނިހިރު ދުވަހު ނެޓްފްލިކްސްއިން ގެނެސްދިން "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ"ގައި ސަލްމާން ބުނެފައި ވަނީ އާމިރަކީ މުޅިން ތަފާތު މިޒާޖެއްގެ މީހެއް ކަމަށާއި ކައިވެނި ވެސް ކާމިޔާބު ކައިވެންޏަކަށް ނެހެދެނީސް އެކަމަށް އެކްޓަރު މަސައްކަތް ކުރާނެ ކަމަށެވެ.

އާމިރު ހަޔާތުގެ ބައިވެރިޔާ ގޯރީ ސްޕްރެޓްއާ އެކު--ފޮޓޯ/ފިލްމުފެއަ
އާމިރު މީގެކުރިން ދެ ކައިވެންޏެއް ކޮށްފައިވާއިރު އެ ދެ ކައިވެނި ވެސް ވަނީ ރޫޅިފައެވެ. އާމިރުގެ ލޯބިވެރިޔާ ގޯރީ ސްޕްރެޓްއާ އެކު އޮތް ގުޅުން ރަސްމީކޮށް އިއުލާނުކޮށްފައި ވަނީ އާމިރުގެ އުފަންދުވަހާ ގުޅުވައިގެން މީޑިއާއާ އެކު ބޭއްވި ޚާއްސަ ހަފުލާއެއްގައެވެ.
މި ހަފުލާގައި ގޯރީ ނޫސްވެރިންނަށް ތައާރަފު ކުރުމަށްފަހު އާމިރު ބުނެފައި ވަނީ ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އަހަރެއްވެފައިވާ ކަމަށެވެ. ގޯރީއަކީ މީގެކުރިންވެސް އާމިރުގެ ވަރަށް ގާތް ރަހްމަތްތެރިއެއް ކަމަށާއި ގޯރީ ދަންނަތާ މިހާރު 25 ވަރަކަށް އަހަރުވެފައިވާ ކަމަށް އާމިރު ވަނީ ބުނެފައެވެ.
މި މަހުގެ 20 ވަނަ ދުވަހު ސިނަމާތަކަށް ގެނައި އާމިރުގެ ފިލްމު "ސިތާރޭ ސަމީން ޕަރު" ޕްރީމިއާކުރި ރޭ ވެސް އާމިރާ އެކު ގޯރީ ބައިވެރިވިއިރު އާމިރުގެ އާއިލާގެ މެމްބަރުންނަށް ވެސް އެކްޓަރު ވަނީ ލޯބިވެރިޔާ ގޯރީ ތައާރަފުކޮށްފައެވެ.
ފެޝަން، ސްޓައިލިންގް އަދި ފޮޓޯގްރަފީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ގޯރީއަކީ މީގެކުރިން ކައިވެންޏެއްކޮށް ކުއްޖަކު ވެސް ހުރި މީހެކެވެ. އޭނާ މިހާރު އަންނަނީ އާމިރާއެކު އެކްޓަރުގެ އަމިއްލަ ފިލްމު ކުންފުނީގައި މަސައްކަތް ކުރަމުންނެވެ.