އާމިރުގެ ފިލްމަށް އުއްމީދުކުރި ވުރެ ބޮޑު ތަރުހީބެއް

މިދިޔަ ހުކުރު ދުވަހު ސިނަމާތަކުގައި އެޅުވި އެކްޓަރު އާމިރު ޚާންގެ ފިލްމު "ސިތާރޭ ޒަމީން ޕަރު"އަށް އުއްމީދުކުރި ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އާމިރުގެ އެންމެފަހުން ރިލީޒްވެ ބޮކްސް އޮފީހުގައި ފެއިލްވި ފިލްމު "ލާލް ސިންގް ޗައްދާ" އަށްވުރެ މާ ބޮޑު ކާމިޔާބީއެއް ބޮކްސް އޮފީހުގައި މި ފިލްމު ހޯދަމުން އަންނައިރު ފިލްމު ރިލީޒްކުރިތާ ފަސް ދުވަސްވީއިރު ފިލްމަށް ލިބުނު އާމްދަނީގެ ޖުމްލަ 10 މިލިއަން ޑޮލަރަށް އަރާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިއީ ފިލްމު އުފެއްދުމަށް ދިޔަ ޚަރަދަށްވުރެ އެއް މިލިއަން އިތުރު އަދަދެކެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި އިންޑިއާގެ އިތުރުން ބޭރު ޤައުމުތަކުގައި ފިލްމު އަޅުވައިގެން ލިބޭ އާމްދަނީގެ އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށް ޓްރޭޑް އެނަލިސްޓުން ވަނީ ލަފާކޮށްފައެވެ.

އާމިރު އަދި ޖިނީލިއާ ފިލްމު "ސިތާރޭ ސަމީން ޕަރު"ގެ މަންޒަރެއްގައި--ފޮޓޯ/ ހިންދުންސްތާން ޓައިމްސް

ފިލްމު ރިލީޒްވުމަށްފަހު މިހާތަނަށް މި ފިލްމަށް ލިބެމުން އަންނަ ތަރުހީބު ބޮޑުވެފައިވާއިރު ވަރަށް ގިނަ ބަޔަކު ވަނީ ފިލްމު ކަމުދިޔަ ކަމަށް ބުނެފައެވެ.

އޭގެތެރޭގައި ބެލުންތެރިންގެ އިތުރުން ފިލްމު އިންޑަސްޓްރީގެ މީހުންވެސް ހިމެނެއެވެ. އާމިރުގެ ފިލްމެއް ސިނަމާތަކަށް ނާންނަތާ ތިން އަހަރު ފަހުން ރިލީޒްކުރި "ސިތާރޭ ޒަމީން ޕަރު" ވަނީ ދާދި ފަހުން ދަރުމާއިން ގެނެސްދިން އަކްޝޭ ކުމާރުގެ ފިލްމު "ކޭސަރީ ޗެޕްޓާ 2" ވެސް ފަހަތަށް ޖައްސާލާފައެވެ.

ބައެއް ފިލްމު އެނަލިސްޓުން އުއްމީދުކުރި ގޮތުގައި މި ފިލްމު ރިލީޒްކުރި ދުވަހު ފިލްމަށް ލިބޭނެ ކަމަށް ބެލެވުނީ 10.7 ކްރޯޑު ރުޕީސްއެވެ. އެހެންނަމަވެސް އެ އަދަދު 12.85 ކްރޯޑު ރުޕީސްއަށް އެރުމުން ފިލްމާމެދު ކުރެވޭ އުއްމީދު ބޮޑު ކަމަށް އެނަލިސްޓުން ވަނީ ބުނެފައެވެ.

އިންޑިއާގެ މަޝްހޫރު ސްޓޭންޑްއަޕް ކޮމީޑިއަން އަދި އެކްޓަރު ވީރު ދާސް މި ފިލްމު ބެލުމަށްފަހު ބެލުންތެރިންގެ ގާތު އެދުނީ ވަގުތެއް ހޯދައިގެން ފިލްމު ބެލުމަށެވެ.

އޭގެ ސަބަބެއްގެ ގޮތުގައި ވީރު ދާސް ބުނީ ފިލްމުގެ އުފެއްދުންތެރިކަމާއި ފިލްމު ބިނާކޮށްފައިވާ ހާދިސާގެ ވާހަކައެއް ކައިރީގައި ބޭއްވުމަށްފަހު އެ ފިލްމަކީ ހެއްވާ މަޖާ ފިލްމަކަށް ވުމެވެ. ފިލްމު ނިމެންދެން "ސިތާރޭ ޒަމީން ޕަރު"ގައި އާމިރު ގެނެސްދިން ކޮމެޑީ ބައިތައް ހިފަހައްޓާލެވުމަކީ މިފަހަކަށް އައިސް ފިލްމުތަކުން ނުފެންނަ މަންޒަރެއް ކަމަށް ވީރު ވަނީ ބުނެފައެވެ.

އާމިރު ލީޑް ރޯލް ކުޅެ ބަތަލާ ޖެނީލިއާ ޑިސޫޒަ މުހިއްމު ރޯލް ކުޅެފައިވާ މި ފިލްމަކީ ޑައުންސިންޑްރޮމާއި އޯޓިޒަމް ހުންނަ ކުދިންތަކެއް ހިމަނައިގެން އުފައްދާފައިވާ ފިލްމެކެވެ.

މި ފިލްމުން އާމިރުގެ 2007 ވަނަ އަހަރުގެ ފިލްމު "ތާރޭ ޒަމީން ޕަރު"ގެ ހަނދާންތައް އާކޮށްދޭނެ ކަމަށް އާމިރު ވަނީ ބުނެފައެވެ.

comment ކޮމެންޓް