ސަލްމާން ބުނީ 59 އަހަރުގައި ޒަވާޖީ ހަޔާތެއް ފެށުން ފަސޭހަ ނޫން ކަމަށް

އިންޑިއާގެ އެކްޓަރު ސަލްމާން ޚާން--ފޮޓޯ/ހިންދުންސްތާންޓައިމްސް

ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ އެކްޓަރުންގެތެރޭ ހިމެނޭ ސަލްމާން ޚާން ހުސްހަށިބައިކޮށް ހުރުމުން ކައިވެންޏާ ގުޅޭގޮތުން ސުވާލުތައް ކުރިމަތިވުމަކީ އެކްޓަރަށް އާ ކަމެއް ނޫނެވެ.

ނެޓްފްލިކްސްއިން ރޭ ގެނެސްދިން "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ"ގައި ޚާއްސަ މެހެމާނެއްގެ ގޮތުން ސަލްމާން ބައިވެރިވިއިރު ޝޯގެ ހޯސްޓުންގެ ފަރާތުން ވެސް ކުރިމަތިވީ ހަމަ ކައިވެންޏާ ގުޅުންހުރި ސުވާލުތަކެވެ.

މި ޝޯގެ އެންމެ މުހިއްމު އެއް ފަރާތް ކަމަށްވާ އަރުޗަނާ ސިންގް ވަނީ އަބަދު ކައިވެންޏާ ގުޅިގެން މީހުން ސުވާލުކުރާތީ އެކަމާ ކަންބޮޑުނުވޭތޯ ސަލްމާން ކުރެން އަހާފައެވެ. އެ ސުވާލަށް ޖަވާބު ދެމުން ސަލްމާން ބުނީ، އޭނާ ކައިވެނި ކުރުމުން އެހެން މީހުންނަށް އެކަމުން ވަކި ޚާއްސަ އުފަލެއް ހާސިލުވަނީ ބާއޭ ހިތަށް އަރާ ކަމަށެވެ.

ސަލްމާން ސީރިއަސް ލޯބީގެ ގުޅުމެއް އެންމެފަހުން ބޭއްވި ބަތަލާ ކެޓްރީނާ ކައިފްއާ އެކު ފިލްމު "އެކްތާ ޓައިގާ"ގެ މަންޒަރެއްގައި--ފޮޓޯ/ހިންދުންސްތާންޓައިމްސް

ކައިވެންޏާ ގުޅިގެން ގިނަ ވާހަކަތަކެއް ކަޕިލްގެ ޝޯގައި ދެކެވުނު އިރު ސަލްމާން ބުނެފައި ވަނީ އުމުރުން 59 އަހަރުވެފައިވާއިރު އަލުން އާ ބައިވެރިޔަކު ހަޔާތަށް ގެނެސް ޒަވާޖީ ހަޔާތެއް ފެށުމަކީ މިހާރު ފަސޭހަކަމަކަށް ނުވާނެ ކަމަށެވެ.

ކައިވެނި ކުރުމަށްފަހު އެ ކައިވެނީގައި މައްސަލަޖެހި ދެ މީހުން ވަކިވާ ހިސާބުން ބުރަ މަސައްކަތުން ފިރިމީހާ ހޯދާ ފައިސާގެ ދެބައިކުޅަ އެއްބައި ވެސް އަންހެނުން ގެންދާ ކަމަށް ބުނެ ސަލްމާން ވަނީ މި ޝޯގައި ޖޯކުޖަހާފައެވެ. އެހެންވެ ކައިވެންޏެއް ކުރުމުގެ ވިސްނުމާ ވީހާވެސް ދުރުގައި ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް ސަލްމާން ވަނީ ބުނެފައެވެ.

ސަލްމާން ޚާން ސީރިއަސް ލޯބީގެ ގުޅުމެއް ބޭއްވި ދެ ފިލްމީ ތަރިން ކަމަށްވާ އައިޝްވާރިއާ ރާއީ އަދި ސަންގީތާ ބިޖްލާނީ--ފޮޓޯ/ހިންދުންސްތާންޓައިމްސް

މި މޭރުމުން ސަލްމާން ވާހަކަ ދައްކާފައިވާއިރު އެކްޓަރުގެ އެއްބަނޑު އެއްބަފާ ދެ ބެއިން ކަމަށްވާ އަރުބާޒު ޚާނާއި ސޮހައިލް ޚާންގެ ފުރަތަމަ ކައިވެނި ވެސް ވަނީ ރޫޅިފައެވެ. އޭގެތެރެއިން އަރުބާޒު ޚާން ދާދިފަހުން ކައިވެންޏެއް ކޮށްފައިވާއިރު އޭނާ އަންނަނީ އުމުރުން 57 އަހަރުގައި ބައްޕައަކަށް ވުމަށް ތައްޔާރުވަމުންނެވެ.

ސަލްމާން ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާތާ ގާތްގަނޑަކަށް 40 އަހަރުވާން ކައިރިވެފައިވާއިރު އަދިވެސް އޭނާއަކީ ބޮލީވުޑްގެ ފިލްމުތަކަށް ލޯބިކުރާ މީހުންގެ ހިތުން ޚާއްސަ މަގާމެއް ހޯދާފައިވާ އެކްޓަރެކެވެ.

މި ޝޯގައި ސަލްމާން ބުނެފައި ވަނީ އުމުރުގެ މިހާތަނަށް އައިއިރު އޭނާގެ ހަޔާތަށް މާގިނަ ލޯބިވެރިން އައިސްފައިނުވާ ކަމަށާއި ސީރިއަސް ލޯބީގެ ގުޅުމެއް ބާއްވާފައި ވަނީ ތިން ހަތަރު މީހަކާ ކަމަށެވެ.

ސަލްމާންގެ ލޯބީގެ ހަޔާތަށް މީޑިއާގެ އިތުރުން އާއްމުންގެ ގިނަ ބައެއްގެ ސަމާލުކަން އަބަދުވެސް ލިބެމުން އަންނައިރު އެކްޓަރު ސީރިއަސް ލޯބީގެ ގުޅުމެއް ބޭއްވި ބަތަލާއިންގެތެރޭ ސަންގީތާ ބިޖްލާނީ، ސޯމީ އަލީ، އައިޝްވާރިޔާ ރާއީ ބައްޗަން އަދި ކެޓްރީނާ ކައިފް ހިމެނެއެވެ.

comment ކޮމެންޓް