އިންޑިއާގެ ސައުތު ސިނަމާއިން ބޮޑު މަގުބޫލުކަމެއް ހޯދުމަށް ފަހު ބޮލީވުޑަށް ވެސް ތައާރަފުވެފައިވާ ބަތަލާ ކާޖަލް އަގަރްވާލް 40ވަނަ އުފަންދުވަސް ފާހަގަކުރަން އާއިލާއާ އެކު ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.
ކާޖަލް ވަނީ އާއިލާއާ އެކު ރާއްޖޭގައި ވަރަށް އުފާވެރި ދުވަސްތަކެއް ހޭދަކުރި ކަމަށް ބުނެ ރާއްޖޭގައި ނަގާފައިވާ ފޮޓޯތަކެއް އަމިއްލަ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.
ފިރިމީހާ ގޯތަމް ކިޗްލޫއާއި ތިން އަހަރުގެ ދަރިފުޅު އަދި ކާޖަލްގެ އަންހެން ކޮއްކޮ ނިޝާ އަގަރްވާލްއާ އެކު ބަތަލާ ރާއްޖެ އައިސްފައިވަނީ މީގެ ފަސް ދުވަސް ކުރިންނެވެ. ކާޖަލްގެ މި ދަތުރަކީ މިދިޔަ ބުރާސްފަތި ދުވަހު އުމުރުން 40 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރާއްޖެއަށް ކުރި ޚާއްސަ ދަތުރެކެވެ.

ކާޖަލް ކޮއްކޮ ނިޝާ އަގަރްވާލްއާ އެކު ބަގްލިއޮނީ ރިސޯޓުގައި--ފޮޓޯ/އިންސްޓަގްރާމް
ކާޖަލްގެ އާއިލާއިން ޗުއްޓީ ހޭދަކޮށްފައިވަނީ، ދ. އަތޮޅުގައި އޮންނަ ބަގްލިއޮނީ ރިސޯޓުގައެވެ. މިއީ އޯލް އިންކްލޫސިވް ލަގްޒަރީ ރިސޯޓެކެވެ. މި ރިސޯޓުގައި އާއިލާއާ އެކު ހޭދަކޮށްފައިވާ ދުވަސްތަކުގެ ފޮޓޯތައް ހިއްސާކުރަމުން ބަތަލާ ވަނީ އުފަންދުވަހާ ގުޅުވައިގެން ބަތަލާއަށް ހެޔޮ އެދުންތައް ފޮނުވި އެންމެންނަށް ޚާއްސަ ޝުކުރެއް ރައްދުކޮށްފައެވެ.
މީގެ އިތުރުން، ބަތަލާގެ އުފަންދުވަހަށް ޚާއްސަކޮށް ބަގްލިއޮނީ ރިސޯޓުގެ މެނޭޖްމެންޓްގެ ފަރާތުން އަދާކުރި މެހެމާންދާރީއަށް ވެސް ފަށްފަށުން ކާޖަލް ވަނީ ޝުކުރު އަދާކޮށްފައެވެ.

ކާޖަލް ވަނީ 2020ވަނަ އަހަރު ކައިވެނި ކުރުމަށް ފަހު ބަތަލާގެ ހަނީމޫންއަށް ވެސް ރާއްޖެއަށް އައިސްފައެވެ. އެ ފަހަރު ދެމަފިރިން ޗުއްޓީ ހޭދަކޮށްފައިވަނީ އދ. އަތޮޅުގައި އޮންނަ ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓުގައެވެ.
ފިލްމު "ސިންގްހަމް"އިން ބޮލީވުޑަށް ތައާރަފުވި ބަތަލާ ކާޖަލް އެންމެ ފަހުން ފެނިފައިވަނީ މި އަހަރުގެ މާރިޗު މަހު ރިލީޒްކުރި ފިލްމު "ސިކަންދަރު"ގެ ރޯލަކުންނެވެ.
އިންޑިއާގެ ފިލްމީ ތަރިން ޗުއްޓީ ހޭދަކުރުމަށް ރާއްޖެއަށް ޒިޔާރަތްކުރާ މިންވަރު އިތުރުވަމުން އަންނައިރު އެ ޤައުމަކީ މިހާރު ހަވަނައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމެވެ.