ތެލަސީމިއާ ކުދިން ލިބިދާނެ ކަމަށް ބެލެވޭ މީހުން ކައިވެނިކުރުމުގެ ކުރިން ޕްރޮގްރާމެއްގައި ބައިވެރިކުރަންޖެހޭ ގޮތަށް ގާނޫނަކުން ލާޒިމުކުރަން ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.
މިހާރު ގާނޫނު އޮންނަ ގޮތުން ނަމަ ތެލަސީމިއާ ކުދިން ލިބޭނެ ކަމަށް ބެލެވޭ މީހުން ކައިވެނިކުރުމުގެ ކުރިން ޕްރޮގްރާމެއްގައި ބައިވެރިވުމެއް ނޯވެއެވެ.
ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނަސީރު ހުށަހެޅުއްވި އިސްލާހުގައި ބަޔާންކޮށްފައިވަނީ ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނުގެ 11 ވަނަ މާއްދާއަށް އަކުރެއް އިތުރު ކުރުމަށެވެ. އޭގައި ވަނީ:
- ކައިވެނިކުރަން އެދޭ ދެ މީހުން ހުއްދައަށް އެދި ކައިވެނީގެ ރަޖިސްޓްރާރަށް ހުށަހަޅަންވާނީ ތެލަސީމިއާއަށް ޓެސްޓުކުރުމަށް ފަހު އެ ޓެސްޓުގެ ނަތީޖާއާ އެކުގައި ކަމަށް.
- ޓެސްޓުގެ ނަތީޖާއަށް ބަލައި އެ ދެ މީހުންނަކީ ތެލަސީމިއާ ކުދިން ލިބޭނެ މީހުންނަމަ، އެފަދަ ކައިވެންޏެއް ކޮށްދޭންވާނީ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ކަންކަން ފުރިހަމަވާ ޕްރޮގްރާމެއް ފުރިހަމަކުރުމަށް ފަހު ކަމަށް.
- އެ ޕްރޮގްރާމް ފުރިހަމަކުރަންޖެހޭ މީހުންނާއި، އެ ޕްރޮގްރާމްގައި އެކުލެވޭ ބައިތައް ހިމަނަންޖެހޭކަން.
އެ ބިލުގައި ދެން އޮތީ ތެލަސީމިއާ ސެންޓަރުގެ އިސްވެރިޔާއަކީ ޑިރެކްޓާ ޖެނެރަލް ކަމަށާއި، އޭނާގެ މަސްއޫލިއްޔަތުތަކާއި އައްޔަނުކުރަންޖެހޭ ގޮތް ބަޔާންކޮށްފައެވެ. އެގޮތުން، ޑީޖީ އައްޔަނުކުރަން ޖެހޭނީ ފަސް އަހަރުގެ މުއްދަތަކަށް ހެލްތު މިނިސްޓަރުގެ އިރުޝާދުގެ ދަށުން ސިވިލް ސާވިސް ކޮމިޝަނުންކަން ވަނީ ބަޔާންކޮށްފައެވެ.
އެ މަގާމުގައި ހުންނަވާ ބޭފުޅަކު ޖަވާބުދާރީވެ، މަސައްކަތްކުރަންވާނީ މިނިސްޓަރުގެ ލަފައާ އެކު ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ. ތެލެސީމިއާ ޕޭޝަންޓުންނަށް މިހާރު ދެވޭ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމަކީ އަދުގެ ރައީސުލްޖުމްހޫރިއްޔާގެ ވައުދުތަކުގައި ހިމެނޭ މުހިންމު ވައުދެކެވެ.
އެގޮތުން، މިދިޔަ މަހުގެ 25 ގައި މި ސަރުކާރުން ވަނީ ވަރަށް ގިނަ ދުވަސްވެ ހާލަތު ގޯސްވެފައިވާ ތެލެސީމިއާ ސެންޓަރު، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ އޮރެންޖު ހިޔާއަށް ރަސްމީކޮށް ބަދަލުކޮށްފައެވެ.
މި ސެންޓަރުގައި ގާއިމުކޮށްފައިވާ ބައެއް ޔުނިޓުތަކުގެ ތެރޭގައި އެނދުމަތިކޮށް ފަރުވާ ދޭންޖެހޭ އަދި ލޭ އަޅާ ބަލި މީހުންނަށް ޚާއްސަ 12 އެނދުގެ ޖެނެރަލް ވޯޑެއް ވަނީ ގާއިމުކޮށްފައެވެ. މީގެ އިތުރުން، ތުއްތު ކުދިންނަށް ޚާއްސަ ހަ އެނދުގެ ވޯޑެއް ވަނީ ގާއިމުކޮށްފައެވެ. އަދި، އަންހެނުންނަށް ޚާއްސަ ހަތް އެނދުގެ ވޯޑަކާއި، ބަލި މީހުންނަށް ބޭނުންވާނެ ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދޭ ކައުންސެލިން ރޫމެއް ވެސް އެ ސެންޓަރުގައި ގާއިމުކޮށްފައިވެއެވެ.
ހަމައެއާ އެކު ތެލެސީމިއާ ކުދިންނަށް ދޭ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ރާއްޖޭން ސައިޕްރަސް ސަރުކާރާ އެކު އެއްބަސްވުމެއްގައި މިދިޔަ މަހުގެ 21ގައި ވަނީ ސޮއިކޮށްފައެވެ.
އެ އެއްބަސްވުމާ އެކު ތެލެސީމިއާ ބަލިން ރައްކާތެރިވުމާއި، ބަލި ދެނެގަތުމާއި، ފަރުވާދިނުމުގައި ސައިޕްރަސްގެ ތަޖުރިބާކާރު ފަންނީ ބޭފުޅުންގެ އެހީތެރިކަން ލިބޭނެއެވެ. މީގެ އިތުރުން، މޯލްޑިވިއަން ބްލަޑް ސާވިސަސްއިން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރެވި ޓެލެކޮންފަރެންސިން މެދުވެރިކޮށް ސްޕެޝަލައިޒްޑް ޑޮކްޓަރުންގެ ޚިދުމަތްދިނުން ވެސް މީގެ ތެރޭގައި ހިމެނޭއިރު ސިއްހީ ޚިދުމަތްތެރިންގެ އިންސާނީ ވަސީލަތްތައް ހަރުދަނާކުރުމަށް މި އެއްބަސްވުމުގެ ދަށުން ސައިޕްރަސްއިން އެހީތެރިކަން ލިބޭނެއެވެ.