މިއީ "ސްކޭމް ސަރުކާރެއް" ކަމަށާއި، ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ބޮޑުތަނުން މި ސަރުކާރު ބަލިކުރާނެ ކަމަށް އެމްޑީޕީގެ ރައީސް އަަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނުގެ ޑިމޮކްރެޓްސްއަށް ނިސްބަތްވާ މެންބަރުން އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމުން، މަރުހަބާ ކިޔުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ޝާހިދު ވިދާޅުވި ގޮތުގައި މި ސަރުކާރުން ވެރިކަމަށް އައީ ރައްޔިތުންނަށް އޮޅުވާލައިގެންނެވެ. އެ ގޮތުން އާސަންދައާއި ބޯހިޔާވަހިކަމުގައި ވެސް، އަދި ޒުވާނުންނަށް ވެސް މި ސަރުކާރުން އޮޅުވައިލީ ކަމަށް އޭނާ ވިދާޅުވިއެވެ.
ވެރިކަމަށް އައިސް މި ސަރުކާރުން ރާއްޖޭގެ ރަށްތަކުގައި ފަށާފައިވާ މަޝްރޫއުތައް ވެސް ހުއްޓައިލީ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ދައުލަތުގެ ދަރަނިތައް ފިލުވަމުންދާއިރު ވެސް ބަޖެޓުގައި ބާކީ ފައިސާ ހުރި ކަމަށް ސަރުކާރުން ބުނާ ބުނުމަކީ ދޮގެއް ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން މިއީ ސްކޭމް ސަރުކާރެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ފޯކަސް ބަހައްޓައިގެން އެމްޑީޕީން މި ސަރުކާރު ބަލިކުރަން ޖެހެއެވެ.
"އަޅުގަނޑުމެން މިއަދު ނިކުންނަންވީ ހަމައެކަނި ލޯކަލް ކައުންސިލް އިންތިޚާބުގައި މި ސަރުކާރަށް، މި ސްކޭމް ސަރުކާރަށް ބޮޑުތަނުން ރާއްޖޭގެ ރައްޔިތުން ނޫނެކޭ ބުނަން. އެ ބުނާ ތަން ދެއްކުމަށް ނިކުންނަންވީ. ބޮޑުތަނުން މި ސަރުކާރު ބަލިކޮށްލާނީ އަޅުގަނޑުމެން" އެމްޑީޕީގެ ރައީސް އަަބްދުﷲ ޝާހިދު
މިއަދު އެމްޑީޕީއާ ނަޝީދު ގުޅިވަޑައިގެން އިރު، އޭނާ ވަނީ 2023ވަނަ އަހަރު އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކެއްގެ ސަބަބުން އެ ޕާޓީ ދޫކުރައްވާފައެވެ.
އަދި އޭރު އެމްޑީޕީގެ ރައީސްކަމުގައި ހުންނެވި ނަޝީދު އަމިއްލަފުޅަށް އެ މަގާމުން ނޮވެންބަރު 13، 2023ގައި އިސްތިއުފާދެއްވައި ޑިމޮކްރެޓްސްއާ ގުޅިވަޑައިގަތެވެ.
ނަމަވެސް، އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ފަހުން އެންމެ ރަނގަޅު ގޮތަކީ ޑިމޮކްރެޓްސްއާއި އެމްޑީޕީ ގުޅިގެން މަސައްކަތްކުރުން ކަމަށް އެކި ފަހަރު މަތިން ވިދާޅުވުމަށް ފަހުއެވެ.
ކައުންސިލް އިންތިޚާބުގައި ސަރުކާރު ބަލި ކުރާނެ ކަމަށް ޝާހިދު ވިދާޅުވި އިރު، ނަޝީދު ވެސް ވަނީ އެ އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށް ވިދާޅުވެފައެވެ.
އެމަނިކުފާނު ވިދާޅުވީ، ކައުންސިލް އިންތިޚާބުގައި ސަރުކާރަށް ލިބޭނީ 20 ޕަސަންޓު ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިޚާބު އޮންނާނީ އަންނަ އަހަރުގެ އޭޕްރީލް މަހެވެ.