ރަނގަޅަށް އޮތް އިގުތިޞާދެއް މިއަދު އަނދަވަޅަށް ވެއްޓުނީ ތަންދޮރު ނޭނގޭތީ: ފައްޔާޒް

މިރޭގެ ޖަލްސާގައި ފައްޔާޒާއި ނަޝީދު ---- ސަން ފޮޓޯ/ މޫސާ ނަދީމް

ރައްޖޭގެ އިގުތިޞާދު ރަނގަޅަށް އޮއްވައި މިއަދު އަނދަވަޅަކަށް ވެއްޓުނީ ތަންދޮރު ނޭނގޭތީ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ޑިމޮކްރެޓްސް މެންބަރުން އެމްޑީޕީއާ ގުޅުމަށް ބާއްވާ ޖަލްސާގައި ފައްޔާޒް ވިދާޅުވީ، ފަހަތަށް ބަލަން ތިބިއްޖެނަމަ ފެންނާނީ، މިންނަތް މަސައްކަތްކޮށްގެން ހޯދާފައިވާ ހައްގުތައް ނިގުޅައިގަނެގެންދާ މަންޒަރު ކަމަށެވެ.

އެގޮތުން، މުސްތަގުބަލުގައި އެޕާޓީން ކުރަން ޖެހޭ ކަމަކީ މިހާރު ގެއްލެމުންދާ ހައްގުތަކާއި ގެއްލިފައިވާ ހައްގުތައް އިއާދަކުރުމާއި ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ވިސްނުން ބަދަލުނުވާނެ ތަޞައްވުރެއް ގާއިމްކުރުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

މިރޭ އެމްޑީޕީން ބާއްވާ ޖަލްސާގެ ތެރެއިން ----- ސަން ފޮޓޯ/ މޫސާ ނަދީމް

ރާއްޖޭގެ އިގުތިޞާދީ ހާލަތަށް ވެސް ފައްޔާޒް ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، އިގުތިޞާދު އެއްކޮށް ފުނޑުފުނޑު ވެއްޖެ ކަމަށާއި ވެރިކަމާ ހަވާލުވާ ބަޔަކަށް އިއާދަނުކުރެވޭ މިންވަރަށް އިގުތިޞާދު ހަލާކުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެއްވެސް އިރެއްގައި ރާއްޖޭގެ އިގުތިޞާދަކީ ފަސޭހަ އެއްޗެއް ނޫން. އަޅުގަނޑުމެން ވެސް ގަބޫލުކުރަން. އެހެން ނަމަވެސް މިއަދުގެ މި ހާލަތަށް ވެއްޓިފައި މިވަނީ ތަންދޮރު ނޭނގޭތީ. ހަމަ ތަންދޮރު ނޭނގިގެން ރަނގަޅަށް އޮތް އިގުތިޞާދެއް މެނޭޖުކުރަން ނޭނގިގެން، ދަރަނި ދައްކާނެ ގޮތެއް ނޭނގިގެން، ދަރަނި ނަގާނެ ގޮތެއް ނޭނގިގެން، އައިސް މި އަނވަޅަށް އަޅުގަނޑުމެން މި ވެއްޓެނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް

ރައްޔިތުން މިހާ އުނދަގޫ ހާލަތުގައި އުޅުނު ޒަމާނެއް ތާރީޚުގައި ފެންނަން ނެތް ކަން ފާހަގަކުރައްވައި ފައްޔާޒް ވަނީ، އިގުތިޞާދަށް ކިރިޔާ ވެސް ފައިދާއެއް ވަނީ ޕްރައިވެޓް ސެކްޓާގެ މަސައްކަތުން ފަތުރުވެރިކަން އޮތުމުން ކަމަށް ވިދާޅުވިއެވެ.

އެންމެ ރަނގަޅު ހާލަތުގައި ނޫނަސް އެ ސިނާއަތް ކުރިއަށްދާ ކަމަށާއި މިދުވަސްވަރު އިންވެސްޓުމަންޓުތައް ކުރާތީ އިގުތިޞާދުގައި 'ކޮންމެވެސް މިންވަރަކަށް' ފައިސާ ދައުރުވާ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

މިރޭގެ ޖަލްސާގައި ކުރީގެ ރައީސް ނަޝީދު މީހަކާ ސަލާންކުރައްވަނީ --- ސަން ފޮޓޯ/ މޫސާ ނަދީމް

އެ ސިނާއަތަށް ކިރިޔާވެސް ގުޑުމެއް އައިސްފިނަމަ ކައިރި މުސްތަގުބަލެއްގައި ރާއްޖެ ބަނޑަށް ޖެހުމަކީ ދުރުކަމެއް ނޫން ކަމަށް ފައްޔާޒް ގަބޫލުކުރައްވައެވެ.

އިގުތިޞާދު އަނދަވަޅަށް ވެއްޓުނީ ތަންދޮރު ނޭނގޭތީ ކަމަށް ފައްޔާޒް ވިދާޅުވިއިރު، ދިވެހިރާއްޖެއިން މި އަހަރު 688 މިލިއަނަށްވުރެ ގިނަ ޑޮލަރުގެ ދަރަނި ދައްކަން ޖެހެއެވެ. އަންނަ އަހަރު ދަރަންޏަށް އެއް ބިލިއަން ޑޮލަރު ދައްކަން ޖެހެއެވެ. އެހެންވެ، އެ ދަރަނިތައް ވަގުތުގައި އަދައިނުކުރެވިދާނެކަމުގެ ކަންބޮޑުވުން އޮތީ ބޮޑުވެފައެވެ.

އެކަމަކު، އެކަށީގެންވާ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް ތަންފީޒުވާތަން ނުފެނުނު ނަމަވެސް ދަރަނި އަދައިކުރުމުގައި ދަތިތަކެއް ދިމާނުވާނެކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ. ރާއްޖެ ބަނގުރޫޓުނުވެ، ސަލާމަތްކުރުމަކީ ރައީސްގެ އެންމެ ބޮޑު ކާމިޔާބީގެ ގޮތުގައި އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ.

މި އަހަރުގެ ބަޖެޓުގައި ވެސް ސަރުކާރުން 7.7 ބިލިއަން ރުފިޔާގެ މާލީ އިސްލާހީ ފިޔަވަޅުތައް ހިމެނިއެވެ. އެކަމަކު، އެ އިސްލާހުތައް ތަންފީޒުކުރެވޭ ތަނެއް ނުފެނެއެވެ. އޭގެ ބަދަލުގައި މަޝްރޫއުތައް ހިންގާ ގޮތް ބަދަލުކޮށްގެން ޚަރަދު ކުޑަކުރަން ނިންމިކަމަށް ރައީސް ވަނީ ވިދާޅުވެފައެވެެ.

ރާއްޖޭގެ މާލީ ހާލަތާ ގުޅިގެން ބޭރުގެ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނަތާ އެތައް ދުވަހެއް ވެއްޖެއެވެ.

comment ކޮމެންޓް